މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހެދުމަށް ހިންގާ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި ތާރު އެޅުމަށް ސަރުކާރުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް 84 މިލިއަން ރުފިޔާ ދީފިއެވެ.
ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އެކު ސޮއިކުރީ ތާރު އަޅައިގެން އެ މަގު ހެދުމަށެވެ. 84 މިލިއަން ރުފިޔާގެ މި މަޝްރޫއު މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅާނެ ކަމަށާއި އެ މަގުގައި ފެންހިންދާ ނިޒާމަކާއި އަދި މަގުބައްތި ވެސް ބަހައްޓާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
”މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް“ ގެ ނަމުގައި، އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމަށާއި އެހެން ބައެއް މަގުތައް މަރާމާތުކުރުމަށް ސިޓީ ކައުންސިލުން މިދިޔަ އަހަރު ނޮވެމްބަރު މަހު ވަނީ އާރުޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ނަމަވެސް، ޕްލޭނިން މިނިސްޓްރީން ބުނީ މިއަދު ހަވާލުކުރި މަޝްރޫއުއަކީ ސިޓީ ކައުންސިލާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަޝްރޫއު ހުއްޓިފައި އޮތީ ސަރުކާރުން އެކަމަށް ބޭނުންވާ ބަޖެޓް ދޫނުކޮށްގެން ކަމަށެވެ.

