ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނީ އިންޑިއާގެ ހަގީގީ ރަހުމަތްތެރި ގައުމެއްގެ ގޮތުގައިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާ ދެމެދު ގާއިމު ކުރެވުނު އައު އެއްބަސްވުންތަކަށް ފަހު ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ އިންޑިއާ އަދި ރާއްޖެ ދެމެދު އޮތީ ހަމައެކަނި ހާރިޖީ ގުޅުމެއް ނޫން ކަމަށެވެ. ދެ ގައުމުގެ ތާރީހާއި، ސަގާފަތް ވެސް ވަނީ ގުޅިފައިކަން ފާހަގަކޮށް ރައީސް ވިދާޅުވީ، ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން އިތުބާރު ކުރެވެ ފަދަ ގުޅުމެއް ގާއިމު ކުރެވިފައިވާކަމަށެވެ. ހާއްސަކޮށް 2020 ވަނަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް އިޖްތިމާއީ ގޮތުން އެތައް އެހީތެރިކަމެއް ފޯރުކޮށްދިންކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ކޮވިޑުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް އަޑިއަޅާލި ވަގުތު އިންޑިއާއިން ފޯރުކޮށްދިން ބަޖެޓް ސަޕޯޓާއި މެޑިކަލް އެހީއަށް ޝުކުރު އަދާ ކުރާކަމަށެވެ. މި އެހީ އިންޑިއާގެ ފަރާތުން ނުލިބުނު ނަމަ، ހާލަތު އަރައިގަތުމަށް އުނދަގޫވީސްކަމަށް ރައީސް ވިދާޅުވި އެވެ.
އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކަށް ވެސް ރައީސް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، ގްރޭޓަރ މާލެ ކަނެކްޓްވިޓީ ބްރިޖާއި، ހައުސިންގ މަޝްރޫޢުތަކާއި، އައްޑޫ ސިޓީގައި އަޅާފައިވާ ޕޮލިސް އެކަޑަމީގެ މަޝްރޫއުގެ އިތުރުން ބައެއް އެހެން މަޝްރޫއޫތައް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އިޖްތިމާޢީ އަދި އިގްތިސާދީ ތަރައްގީއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އިންޑިއާ ފަސްޓް ޕޮލިސީ ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ މިދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދެއް ވަޑައިގެންނެވިއެވެ.

