މ.މަޑުއްވަރީގެ ބަނދަރު ހެދިގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއިއެކު ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މުލަކުއަތޮޅު މަޑުއްވަރީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ކުރިން މަޑުއްވަރީ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލު ކުރެއްވި ކަމަށާއި ކައުންސިލުންވެސް އެންމެ ބޮޑަށް ފާހަގަ ކުރެއްވި މައްސަލަތަކުގެ ތެރޭގައި ބަނދަރާއި ރަށްގިރުމުގެ މައްސަލަ ހިމެނޭ ކަމުގައެެވެ.
ރައީސް ސާލިހު ވިދާޅުވީ މަޑުއްވަރީގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެވިފައިވާ ކަމަށާއި ބަނދަރުގެ ކޮންސެޕްޓް ފައިނަލްވިހާ އަވަހަކަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް ނުފެށި އޮތީ އެރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ޑިޒައިނާއި މެދު ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުގެ ސަބަބުންނެވެ.
ރައީސް ސާލިހު ވިދާޅުވީ ބަނދަރު ހެދުމަށް، ޕްލޭނިންގ މިނިސްޓްރީން ހަދާފައިވާ ޑިޒައިނާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީގެ ޓީމެއް ވަޑައިގެން ރައްޔިތުންނާއި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ބަނދަރު ހަދާނީ ރައްޔިތުން ނިންމާގޮތެއްގެ މަތިން ކަމުގެ ޔަގީންކަން މަޑުއްވަރީގެ ރައްޔިތުންނަށް ދެވިއެވެ.
މަޑުއްވަރީގެ ސިއްހީ ހިދުމަތާއި ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވީ ކުރިންދެމުން އައި މޮބައިލް ލެބޯޓްރީގެ ހިދުމަތްވެސް ވަރަށް އަވަހަށް އަލުންފެށިގެން ދާނެ ކަމަށެވެ. މީގެ އިތުރުން މަޑުއްވަރީގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެން ކުރިއަށް ދާނެކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.


One Response
މަޑުއްވަރީ ބަދަރު ހެދިގެންދާނީ ރައްޔިތުންބޭނުންވާ ގޮތަށޭ ބުނާއިރު ކޮލަމާފުށީ ބަދަރު އެރަށު ރައްޔިތުން ބޭނުންވާގޮތަށް ނެހެދިގެން އުޅެނީ ކީއްވެ.ސިޔާސީ ގޮތުން އުރައްޕެއް ނެތީތޯ؟ސިޔާސީ ގޮތުން އެރަށުގަ ތިބީ ޖީބަށް ބޮޑު ކުރަން އުޅޭ ބަޔަކަށް ވީމަތޯ؟