ޝަރީއަތްތައް ކުރިއަށް ގެންދަންވާނީ އިންސާފު ގާއިމު ކުރުމުގެ މަގުސަދުގައިކަމަށާއި، ފްލެޓު ހޯދުމުގެ މަގުސަދުގައި ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުން އިންޑިއާއަށް ގެންގޮސް ތަމްރީނުދީ، ދިރުއުޅުމަށް ފްލެޓުދިނުމަށް ކަނޑައަޅާފައި ވަނީ، ޝަރީއަތްތައް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި ނުފޫޒު ފޯރުވުމަށްކަމަށް ބުނެ، ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައި ތޯރިގު ވިދާޅުވީ، ސިޔާސީ މީހުން އެދޭ ގޮތަކަށް ހުކުމުކޮށްދޭ ފަނޑިޔާރަކު މަގާމު ޔަގީންވާނެކަމަށް ދެއްކުމަކީ، މޮޔަކަމެއް ކަމަށެވެ.
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކޮށް، ތޯރިގު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު ބޮޑު ހުކުމާއި، އެ ފަނޑިޔާރުންނަށް ޖެހުނު ހާލަތަކީ، އިބުރަތެއް ގޮތަށް ބަލަން ފުދޭ ކަމެއް ކަމަށެވެ. އަދި ޝަރީއަތް ކުރަންވާނީ އިންސާފުންކަމަށާއި، ފުލެޓު ހޯދުމަށް ނޫންކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.
ސިޔާސީ މީހުން އެދޭގޮތަށް ހުކުމްކޮށްދޭ ފަނޑިޔާރަކު މަޤާމް ޔަޤީންވާނެ ކަމަށް ދެކުމަކީ މޮޔަކަމެއް. ސްޕްރީމްކޯޓްގެ 5 ފަނޑިޔާރުން ނެރުނު ބޮޑު ހުކުމާއި، އެ 5 ފަނޑިޔާރުންނަށް ޖެހުނު ހާލު އިބުރަތަކަށް ފުދޭ. ޝަރިޢަތް ކުރަންވާނީ އިންސާފުން، ފްލެޓަކަށް ނޫން. pic.twitter.com/U4MLRCg4qq
— Ahmed Thariq (@AhmedThaariq) August 30, 2022
ރައީސް ޔާމިންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރުންނަށް ފުލެޓާއި ގޯތި. ޖުޑިޝަރީގެ ތަމްރީނުތައް އިންޑިޔާއިން. ވެރިކަންކުރާ ޕާޓީގެ އިސްވެރިން އިންޑިޔާއަށް ހާޒިރުކޮށް ރައީސް ޔާމީން ޖަލަށް ލުމަށް އަމުރު. އަޅުދާސްތު ވާނީ މިހާކައްވަރަށ!!! ފަނޑިޔާރުގޭގެ އިންސާފުވެރިކަން ???? pic.twitter.com/P5FnSYphO6
— Ahmed Shiyam (@Shiyamaldives) August 29, 2022
ރައީސް ޔާމީންގެ ޝަރީއަތްތައް ދިގުލައިގެން ދާ ދަނޑިވަޅެއްގައި، ޝަރީއަތްތައް ވަކި ގޮތަކަށް ގެންދިއުމަށް ފުލެޓު ދިނުމަށް ކަނޑައެޅިފައިވާކަމަށް ތޯރިގު އިޝާރާތްކުރެއްވިއިރު، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްވެސް ވަނީ ފަނޑިޔާރުންނަށް އިންޑިއާއިން ތަމްރީނު ދެމުންދިއުމާއި ގުޅުވައި ފާޑުވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ، ފަނޑިޔާރުންނަށް އިންޑިއާއިން ތަމްރީނުދީ، ފްލެޓު ދިނުމަށް ކަނޑައެޅިފައިވަނީ، ރައީސް ޔާމީންގެ ޝަރީއަތްތައް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ. އަދި ވެރިކަން ކުރާ އެމްޑީޕީގެ އިސްވެރިން އިންޑިއާއަށް ގެންގޮސް، ރައީސް ޔާމީން ޖަލަށް ލުމަށް އަމުރު ކުރާކަމަށް ފާހަކުރައްވާ، އެނާ ވަނީ ފަނޑިޔާރުގޭގެ އިންސާފެއް ނެތްކަމަށާއި، ދިވެހިރާއްޖެ އަޅުވެތިވެފައިވާކަމަށްވެސް ސިފަކުރައްވާފައެވެ.

