ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮތުމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ތާއީދުކުރައްވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ މެމްބަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ރައީސް ތާއީދު ކުރައްްވާ ކަމަށެވެ.
މިއުވާން ވިދާޅުވީ މަޖިލިސް މެމްބަރުންގެ އަދަދު ކަނޑައަޅާނީ ނުވަތަ އެ އަދަދު ކަނޑައަޅަންވާނީ ކަމާއިބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ގާނޫނު އަސާސީ އަށް ހުށައަޅުއްވާފައިވާ އިސްލާހަށް މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު ކުރައްވާފައިވާއިރު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެ އިސްލާހަށް ތާއީދުކޮށްފައެވެ.
ގާނޫނު އަސާސީ އަށް ގާސިމް ހުށައެޅުއްވި އިސްލާހަކީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ކަޑައަޅައި އެއަށްވުރެ އިތުރަަށް އިންތިހާބީ ދާއިރާތައް އިތުރުނުވާނެ ގޮތަކަށް ދެމެހެއްޓުމަށް ހުށައަޅާފައިވާ އިސްލާހެކެވެ. ގާސިމްގެ އިސްލާހުގައި ވާ ގޮތުގައި ކޮންމެ އިންތިހާބީ ދާއިރާ އަކުން އިންތިހާބު ކުރެވޭނީ އެއް މެމްބަރުކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން މިވަގުތު ރާއްޖެ އާއި ދުނިޔޭގެ އިގްތިސާދީ ހާލަތަށް ބަލައި މެމްބަރުންގެ އަދަދު އިތުރުވިޔަނުދީ އެއްވަރެއްގައި ހިފެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.
ގާސިމް މަޖިލީހަށް ހުށައެޅި އިސްލާހުގައި އިތުރަށް ބުނެފައިވަނީ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރެއްގެ ދައުރު ނިމޭއިރު އިތުރުވާ ގޮތަށް އޮތުމަކީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަކަށް އެކަށީގެން ނުވާ އަދަދަކަށް ވެދާނެ ކަމަށެވެ.

