މިއަދު ރާއްޖެއިން ފެނިގެންދަނީ ވަރަށް ކޮލިޓީ ފިލްމެއް ކަމަށް ބުނެވިދާނެއެވެ. ސަބަބަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް މުޅި ދުނިޔެއިންވެސް ސަމާލުކަން ދެމުންދިއުން. ދުނިޔޭގެ މަޝްހޫރު ނޫސްތަކުގައިވެސް ރާއްޖޭގެ ސިޔާސީ ވެރިންނާއި، އެ ވެރިންގެ ދެމެދު އޮންނަ ކޯޅުންގަނޑުގެ ވާހަކަތައް ދައްކައެވެ.
އިދިކޮޅުގެ ވެރިޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ވެރިކަން ކުރާ ޕާޓީގެ ކޯޅުމަކީ ވަކި ފިލްމެކެވެ. ދުނިޔޭގެ ނަޒަރު ހުއްޓިފައިވަނީ ވެރިކަން ކުރަމުންދާ ޕާޓީ އެމްޑީޕީގެ އެތެރޭގެ ކޯޅުމަށެވެ.
އެމްޑީޕީގެ ކޯޅުންތައް ފިލްމެއް ނުވަތަ ޑްރާމާއެއް ގޮތަށް ސިފަވެފައިވާ މައިގަނޑު ސަބަބަކީ، ޕާޓީގެ އިސް މެމްބަރުން އެކަކު އަނެކާގެ މައްޗަށް ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުތައް އަޅުވާ ހަދާއިރު، މިއިން އެއްވެސް ކަމެއްގެ އަސަރެއް މީގެން މީހަކަށް ކުރިތަން މިއަދާއި ޖެހެންދެން ފެނިފައިނުވާތީއެވެ. އެއްވެސް މީހެއްގެ މައްޗަށް ކުރެވިފައިވާ އެއްވެސް ތުހުމަތެއްގެ މައްސަލަ އަދި އަދާއި ޖެހެންދެންވެސް ބެލިފައިނުވެއެވެ.
މީގެ ދުވަސްތަކެއް ކުރިއަށް ޖެހިލާނަމަ، އެންމެ ފުރަތަމަ ބޮޑު ކޯޅުމެއް ފެނިގެންދިޔައީ، ޕާޓީއަށް ޗެއަރޕާސްންއެއް ހޮވުމަށް ކުރި ކެމްޕެއިންތަކުގެ ތެރެއިންނެވެ. އެއް ފަރާތުގައި ހުންނެވީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ޗޮއިސް، އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ކަމަށް ވާއިރު، އެ މަނިކުފާނާއި އެކު ވާދަ ކުރެއްވީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ޗޮއިސް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.
އިންތިހާބުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ނޫހެއްގެ ހެޑްލައިންތަކަކީ، އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމުގެ ވާހަކައެވެ. އެކަކު އަނެކަކަށް ވަގަށް ގޮވާ ވާހަކައެވެ. ރާ ބުއިމާއި، ކައިވެނިކޮށްގެން ހުރެ ޒިނޭ ކުރާ ކަމުގެ ތުހުމަތުތައްވެސް ކުރެވިގެން ދިޔައެވެ. ކޮވިޑްގެ ދަތި ދަނޑިވަޅުގައި ރާއްޖޭގެ ރައްޔިތުންގެ ނޭވާ ހޮޅިން ވައްކަން ކުރިކަމަށްވެސް އެއް ތައްޓަކުން ކަމުން ދިޔަ ބަޔަކު އެކަކު އެނެކާގެ މައްޗަށް ކުރިއެވެ.
ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ޝިޔާރެއް ތުރުކުރައްވައިގެން ތިބެ ގާނޫނު ހަދައި ތަންފީޒު ކުރުމާއި އިސްވެ ހަވާލުވެ ވަޑައިގަތް އެތައް ބަޔަކު ކަނޑައެޅިގެން ގާނޫނާއި ހިލާފުވާކަމުގެ ތުހުމަތުތައް ކުރެވުނު އިރު އަދިވެސް ތިބީ ތިބި މަގާމުތަކުގައެވެ.
މި ހުރިހާ މަންޒަރަކާއި ވާހަކަތައްވެސް ވާނީ ސިޔާސީ މައިދާނަށް ނަޒަރު ހިންގާ ހުރިހާ ރައްޔިތުންނަށް ފެނި، އިވި، ދަސްވެފައެވެ. މި ދެންނެވި ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ބަލާނެކަމަށް ތަކުރާރުކޮށްފައިވެސް ހުންނާނެއެވެ. އެހެން ނަމަވެސް ވޯޓުލައި އެކަކު ހޮވުމާއި އެކު، ހިފާފައި ހުރި ހުޅުގަނޑު ނިވިގެންދިޔައެވެ. ސްކްރީނަކުން އަޅުވާފައިހުރި މަންޒަރެއް ފަދައެވެ.
ވީ ހޫނުގެ އަސަރެއް، ރޯވި ހުޅުގަނޑުގެ އަސަރެއް ސަރަހައްދުން ކޮބާ، ހުޅުގަނޑުތެރެއިން ފިހުނުކަމަށް ފެނުނު މީހުންގެ ގަޔަކުންވެސް ފެންނާކަށް ނެތެވެ. އިގްތިސާދީ ވަޒީރު އަދި މިހާރު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒުގެ މައްޗަށް އެތައް ބަދުނާމެއް އަޅުވާ ހެއްދެވި އިމްތިޔާޒް ފަހުމީ އޭރު ފެންމަތި ކުރި މައްސަލަތަކާއި ދެއްކެވި ޖަޒުބާތީ ވާހަކަތައް މިއަދު ހީވަނީ ހަމަ އެކްޓެއް ހެނެވެ. ހީވަނީ ފިލްމަކުން މަންޒަރެއް ހެންނެވެ.
އެތެރޭގެ އިންތިހާބު ނިމިގެންދިޔަ އިރު ރައީސް ނަޝީދާއި، ރައީސް ސާލިހުގެ ދެމެދު ދަރާރުތަކެއް އުފެދި، ގާތް ދެ ބޭފުޅުންގެ ޒަމާންވީ ގުޅުން އެއްކޮށް ފުނޑުފުނޑުވެފައިވާ ހަަބަރުތައް ފެންމަތިވެއެވެ. އެތެރޭގެ އިންތިހާބުގެ ތެރޭގައި ރައީސް ނަޝީދު އިންޑީއާއަށް ވަޑައިގެން ދެއްވި އިންޓަރވިއުއެއްގައި ކޯޅުންގަނޑުގެ ވާހަކަ ދެއްކެވި ގޮތުން ހީވެގެންދިޔައީ ކޯޅުމަކީ ސީދާ އެމަނިކުފާނު އިންޖިނޭރު ކުރެއްވި ސްޓަންޓެއް ހެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކޯޅުންގަނޑުގެ ތެރެއިން އެހެން ހުރިހާ ޕާޓީތަކުގެ ކެމްޕެއިންތަކުގެ އަޑުތައް ކަނޑުވާލެވިފައިވާކަމަށެވެ. އަދި މުޅި ގައުމު ރީނދޫވެފައިވާކަމަށެވެ. ހުރިހާ ރަށެއްގައި ހުރީ އެމްޑީޕީގެ ދިދަތައް ކަމަށެވެ. މި ވާހަކަތައް ދެއްކެވި އިރު، ހިނިތުންވެފައި އިން މަންޒަރު ފެނުމުން ހީވީ ފިލްމު ޑިރެކްޓު ކުރި ފަރާތެއް ކާމިޔާބު ޕްރަޑަކްޝަނަކާއިމެދު ވާހަކަދައްކަވަން އިންނެވިހެންނެވެ.
ކޮންމެއަކަސް އެތެރޭގެ އިންތިހާބު ނިވިގެންދިޔައިރު، ފެށިގެންދިޔައީ ކޯޅުމުގެ ޕާރޓް ޓޫ ނުވަތަ ފިނާލީއެވެ. މި ކޯޅުމަކީ މިއަދާއިޖެހެންދެންވެސް ހަމަ ފޯރިއާއިއެކު ކުރިއަށްދާ ސިލްސިލާ ޑްރާމާއެކެވެ. އެގޮތުން ރައީސް ސާލިހާއި ދެމެދު މައްސަލަތަކެއް ޖެހިފައިނުވާކަމަށް އިންޑިއާގައި ހުންނަވައިގެން ވިދާޅުވިއިރު، ހަމަ އެ އިންޓަރވިއުގައި ރައީސް ނަޝީދުވަނީ ރައީސް ސާލިހު އެކި މަސައްކަަތްތައް ކުރިއަށް ގެންދާ ދުވެއްޔާއިމެދު ފާޑުވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކީ، ރައްޔިތުންނަށް ފުއްދައިދޭން ބުނެފައިވާ ވައުދެއްކަމަށެވެ. އެހެންކަމުން އެއްވެސް އިންތިހާބަކާއިގެން އުޅުއްވުމުގެ ކުރިން ވައުދުތައް ފުއްދަންޖެހޭކަމަށް އެ މަނިކުފާނުވަނީ އިންޑިއާގައި ހުންނަވާ ވިދާޅުވެފައެވެ.
ރައީސް ސާލިހުގެ މާލިމީކަމުގެ ދަށުން އެމްޑީޕީގެ އޮޑި ފެތެމުންދާކަމަށާއި، އޮޑި ދޫކޮށް ފައިބަންޖެހިފައިވާކަމަށް ރައީސް ނަޝީދު ސިފަކުރެއްވުމުން އުފެދިގެންދިޔަ ކުޑަ ގިނަ ކޮޅަކުން ރޯވިކަމަށް ސިފަވި މި އަލިފާންގަނޑު ދެން ވެގެންދިޔައީ އިތުރަށް ބޮޑެވެ.
ރާއްޖެ ދަރަނި ވެރިވެފައިވާކަހަލަ ވާހަކަތަކެއް ނުވަތަ ރާއްޖެ ބަނގުރޫޓުވެދާނެކަމަށްވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ. ރީސްޓްރަކްޗާއޭ އެމަނިކުފާނު ވިދާޅުވާ ކޮންމެ ފަހަރަކުވެސް ބާރު ކުރީ ރައީސް ސާލިހަށެވެ.
ދެވަނަ ދައުރާއިމެދު މީޑިއާތަކުން ސުވާލު ކުރުމުންވެސް ހަނު ހުންނަވާފައިވާ ރައީސް ސާލިހު އެންމެ ފަހުން ދެވަނަ ދައުރެއްގެ ވާހަކަދެއްކެވި ދުވަހު، ގާތް އަހެއްގެ ގޮތުގައި ހުންނެވި ރައީސް ނަޝީދު އެމަނިކުފާނުގެ މޫނުގައި ޖެހީ ކޮޅުފައިންކަމަށް ބުނެވިދާނެއެވެ. އެއީ ރައީސް ސާލިހަށް އެހާވެސް ހިތް ދަތި ދުވަހެކެވެ.
ދެވަނަ ދައުރޭ ރައީސް ސާލިހު ވިދާޅުވުމާއި އެކު، އެންމެ ފުރަތަމަވެސް ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމަށް ފައިނެގުމުގެ ބަދަލުގައި މާލީ ހާލަތު ތަނަވަސްކުރުމަށް އުޅުން މާ ރަނގަޅުކަމަށެވެ. އަނެއްކާވެސް ސިފަކުރެއްވީ ބޭރު ފައިސާ ނެތްކަމަށެވެ.
ރައީސް ސާލިހަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ގޮތަކަށް ސިލްސިލާގައި ފެނުމަށް ފަހު، ދެން އިވިގެންދިޔައީ ރާއްޖޭގެ ގިނަ އަދަދެއްގެ މީހުން އެއްޖިންސުން ގުޅުން ހިންގަމުންދާ ވާހަކައެވެ. ކަމަކުދާކަަަށް ނެތެެވެ. އެންމެ ފުރަތަމަވެސް އާންމު ވި ވީޑިއޯއާއި އެކު ތުހުމަތު ކުރެވިގެންދިޔައީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ މައްޗަށެވެ.
ނާޒިމް ހައްޔަރު ކުރުމަށް ރައްޔިތުން ގޮވާލަން ފެށުމާއި އެކު ރައީސް ސާލިހުގެ ސަރުކާރުން އެނާ ހައްޔަރު ކުރިއެވެ. އެހެން ނަމަވެސް ފިލްމެއްގެ ސީނަކަށް ހައްޔަރު ކުރާ އެކްޓަރެއްވެސް ހަގީގަތުގައި ހާސްނުވާނެ ގޮތަށް ނާޒިމްވެސް ހައްޔަރު ކުރި އިރު ހެވި ދިއްލިފައި ހުރި މަންޒަރު ފެނުނެވެ. ރާއްޖެއަކީ އިސްލާމީ ގައުމަކަށްވާއިރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގެ ކުރިމަތީވެސް ހަގީގީ ބިރެއް ނެތުމުން އަސްލުކަމަށް ފެނުނު މި މަންޒަރަކީވެސް ސިލްސިލާއިން ބައެއްކަން ޔަގީންވިއެވެ.
ނާޒިމް ހައްޔަރު ކުރުމާއި އެކު ފިލްމު އިތުރުށް ހޫނުވެގެންދިޔައެވެ. އަނެއްކާވެސް ވަށައި ރޯވާ މަންޒަރު ފެންނަން ފެށިއެވެ. މިފަހަރު ރައީސް ނަޝީދު ކަނޑަން ފެއްޓެވީ އަމިއްލަ ހަތަރެސް ފައެވެ. އެމަނިކުފާނު އެއްޗަކަށް ހެދުމުގައި އެންމެ ކުރީ ސަފުގައި ތިބި އެންމެންގެ ސޯޓު އެއް ފަހަރާ ބާލުވާނެކަމަށް ވިދާޅުވިއެވެ. ވިދާޅުވީ ކުށްތައް ކުރަމުންދާ މީހުންގެ ނަންތައް ހިމަނައި ޑޯސިއާރއެއް އެކުލަވާލާ ވާހަކައެވެ.
ރައީސް ނަޝީދު މުޅި އެމްޑީޕީގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެއްވި ކަމަށް ފެނިގެންދާ ސްކްރީން ޝޮޓުތަކެއް މުޅި ސޯޝަލް މީޑިއާގައި އާންމުވިއެވެ. އަނެއްކާވެސް އެންމެ ބޮޑެތި ތުހުމަތުތައް އެޅިގެންދިޔައީ ރައީސް ސާލިހުގެ މައްޗަށެވެ.
އެގޮތުން ރައީސް ނަޝީދު ތުހުމަތު ކުރެއްވީ ރޭޕު ކުރި މައްސަލައެއްގެ ތަހުގީގުގެ ތެރެއަށް ރައީސް ސާލިހުވަނީ ވަދެވަޑައިގަންނަވާފައިކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުތައްވަނީ ހުއްޓުވާފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އެމްޑީޕީގެ އެކި މެމްބަރުން ގާނޫނާއި ހިލާފު އެކި އަމަލުތައް ހިނގަމުންދާކަމަށް ސިފަކުރެއްވިއިރު، މިހުރިހާ ކަމެއް ދެނެހުރެ އެމަނިކުފާނު ހަނު ހުންނަވާފައިވާކަންވެސް މެސެޖުތަކުން ހާމަވެއެވެ.
އެންމެ ބޮޑު ތުހުމަތެއްގެ ގޮތުގައި އެޅުވީ ރައީސް ސާލިހުގެ މައްޗަށް ޒިނޭގެ ތުހުމަތެއެވެ. ބޮޑު ހާޖާނު ތަކަކަށް ފަހު އިންގިރޭސި ވިލާތުގައި ހުންނަވައިގެން ފޮޓޯތަކެއް ލިބިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސިފަކުރެއްވި ގޮތުން އެމަނިކުފާނަށް ލިބިވަޑައިގަތީ ރައީސް ސާލިހާއި ކަނބަލެއްގެ ފޮޓޯއެވެ. އެހެން ނަމަވެސް ފޮޓޯތައް ފުލުހުންނާއި ހިއްސާ ކުރުމަށް ގޮވާލާއި އަޑުތައް ގަދަވުމާއި އެކު، ބިޔަ ސެކިއުރިޓީ ގެންގުޅުއްވާ ރައީސް ނަޝީދު އިންގިރޭސި ވިލާތުގައި ހުންނަވަނިކޮށް ދެން ފެތުރުނީ އެމަނިކުފާނުގެ ފޯނު ޖަހައިގަތް ވާހަކައެވެ.
އެހެން ނަމަވެސް ރާއްޖޭގެ ރައްޔިތުން ދިޔައީ މިފަދަ ޕްލޮޓު ޓްވިޓެއް އަންނާނެކަމަށް ބުނަމުންނެވެ.
އެހެންކަމުން ފޯނު ޖަހައިގަނެފިއޭ ބުނުމުން މިކަމަކީ އަޖައިބުވާ ވަރުގެ ކަމަކަށްވެސް ނުވިއެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުވެސް ދެ އިރު ދެ ދަޅައަށް ހާމަ ކުރައްވާނެކަމަށް ވިދާޅުވާ ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ފޯޓޯތަކުގެ ވާހަކަތައް އެހުމުން ވިދާޅުވީ އެމަނިކުފާނު ދެއްކެވީ ފޮޓޯ އަލްބަމެއްގެ ތެރޭގައި ހުރި ފޮޓޯ ގަނޑުތަކެއްގެ ވާހަކަތަކެއް ކަމަށެވެ.
މިއަދު އެއްކަލަ ހުރިހާ ތުހުމަތުތަކެއްވަނީ ފެންތަޓަކަށް ގިރާލުމަށްފަހު ބޯލާފައެވެ. އެ ހުރިހާ ކަމެއް އެ ސީނާއި އެކު ނިމިއްޖެއެވެ. އެއްވެސް ފިޔަވަޅެއް އެޅި މަންޒަރެއް ފެނިފައެއްނުވެއެވެ. ފިލްމު ދިޔައީ ކުރިއަށެވެ.
އެހެން ނަމަވެސް ސިލްސިލާގެ ފޯރި ގެއްލެން ފެށުމާއި އެކު ދެން ފެއްޓެވީ އަނެއް ކަމެވެ. ވެރިކަމުގެ ނިޒާމު ބަދަލު ކޮށް ބަރުލަމާނީ ގެނައުމަށް ބޮޑު މަސައްކަތެކެވެ. ބަރުލަމާނީގެ ވާހަކަތައް ދެއްކެވި އިރު ހީވެގެންދިޔައީ ހަނގުރާމައެއް ފެއްޓެވިހެންނެވެ. މިހާރު ވެރިކަން ކުރަމުންދަނީ އެމްޑީޕީ ނަމަވެސް، ރިޔާސީ ނިޒާމެއްގެ ތެރެއިން ކުރާ ވެރިކަމެއްގައި އޮއްޓަރެއް ނުހުންނާނެކަމަށް ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ. ވަޒީރުން ޖަވާބުދާރީ ނުކުރެވޭކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ އެންމެ ބޮޑު ބައްދަލުވުމާއި ޖެހެންދެންވެސް މި އެޕިސޯޑު ކުރިއަށްގެންދިޔަ އިރު، ކޮންގްރެސް އެޕިސޯޑު ވަރަށްވެސް ފައްކަލެވެ. ރައީސް ނަޝީދާއި މެދު ޕާޓީގެ މެމްބަރުން ހިތް ހަމަ ނުޖެހި އަޑު ގަދަކޮށްވެސް ހެދިއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. ކޮންގްރެސްގައި ބައިވެރިވި ބައެއް މެމްބަރުން ބައިވެރިވީ ވަގަށް ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ކޮންގްރެސް އެޕިސޯޑު ނިމިގެންދިޔައީ ފިނިކޮށެވެ. ބަރުލަމާނީ ނިޒާމުގެ ވާހަކަތައް އެހިސާބުން ކުއްލިއަކަށް މެދު ކެނޑުނެވެ. ސިލްސިލާ މިއާދާއި ޖެހެެންދެން ނިމިފައިނުވާއިރު، ސީރީޒްގެ ޕްލޮޓަށް މިހާރު ވަނީ އިތުރު ޓްވިސްޓެއް އައިސްފައެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގިނަ އަދަދެއްގެ މީހުން ޖަލުގައި ހައްޔަރު ކުރެވިފައިވާއިރު، ގުޅުން ހިންގި ކަމަށް އިއުތިރާފްވެފައިވާ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ހުރީ ގޭބަންދުގެ ނަމުގައި ދޫކޮށްލާފައެވެ. މިއަދު އެމްޑީޕީގެ އެތެރޭގައި އޭރު ފެނި އަދި އިވިގެންދިޔަ ކޯޅުމާއި ރޯވި ރޯވުމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެެވެ. އެކްޓަރުން ކޮޅެއް ފިލްމެއްގެ ސެޓުން ފައިބައިގެން މޭކަޕްތައް ފޮހެލާފައިވާފަދައެވެ.
މިހުރިހާ ކަަމަށް ރިއާޔަތް ކޮށް ބުނެވޭނީ ފެނިގެންދާ ކޯޅުމަކީ ފިލްމެއް ކަމަށެވެ. ފެނިގެންދިޔައީ ކަން ހިނގާ ގޮތުގެ ހަގީގަތްނަމަ، ފިޔަވަޅުތަކެއް ނޭޅި ނުހުންނާނެއެވެ.

