ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި އިބްރާހީމް ޙުސައިން ޒަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސްޕެޝަލް އެންވޯއީއެއްގެ ހައިސިއްޔަތުން އދ ވަޑައިގެންނެވިކަން ރައީސް އަފީހުން ކަށަވަރުކޮށްދެއްވައިފިއެވެ.
މިކަން ސަންގަށް ކަށަވަރުކޮށްދެއްވީ، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަންގުޓީވީ އިން ޒަކީ ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުންނަވާތޯ ސުވާލުކުރުމުން ތަރުޖަމާނު ވިދާޅުވީ އެކަމާއި ގުޅޭ މައުލޫމާތު އެވަގުތު ނެތުމުން، އެކަން ސާފުކުރުމަށްފަހު ދަންނަވާނެކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެސްއެމްއެސްއެއް ކުރައްވާ މިކަމާއި ބެހޭ މައުލޫމާތުދެއްވަމުން ތަރުޖަމާނު ވިދާޅުވީ ޒަކީ ޔޫއެން އަށް ވަޑައިގެންނެވީ ރައީސް ސާލިހުގެ ސްޕެޝަލް އެންވޯއީއެއްގެ ހައިސިއްޔަތުންކަމަށާއި، ނަމަވެސް ޒަކީ ހުންނެވީ ސަރުކާރުން މުސާރައެއްދޭ މަގާމެއްގައި ނޫންކަމަށެވެ.
ޒަކީ އދ ވަޑައިގެންނެވީ ޑިޕޮލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓެއްގައިތޯ ސުވާލުކުރުމުން ތަރުޖަމާނު ވިދާޅުވީ އިމްގްރޭޝަންއިން ބެއްލެވުމަށްފަހު އެއާއި ބެހޭ މައުލޫމާތުދެއްވާނަންކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ނިޝާނުލް ޢިއްޒައްދީން އިއްޒަތްތެރި ވެރިޔާގެ ލަޤަބުވެސް އަރުވާފައިވާ ޒަކީ ރާއްޖެ ދޫކޮށް އިންޑިއާއަށް ވަޑައިގެންނެވީ ހޮޑައިދޫ ކިޔާ ފަޅު ރަށެއްގައި ހިނގި ބަނގުރަލުގެ މައްސަލައެއް ފުލުހުން ތަހުޤީޤު ކުރަން ފެށުމާއި ގުޅިގެންނެވެ. އޭގެފަހުން ހަރަކާތްތެރިކޮށް ސިޔާސީ މައިދާނުން ފެނިފައެއްނުވެއެވެ.
ރާއްޖޭގައި ދިގު 30 އަހަރުގެ ވެރިކަން ކުރެއްވި މައުމޫނު އަބްދުލްގައްޔޫމްގެ ޒައާމަތުގައިވެސް ޒަކީ ވަނީ މިނިސްޓަރުކަމާއި އެ ފެންވަރުގެ ޝަރަފްވެރި މަޤާމުތައް އަދާ ކުރައްވާފައެވެ.

