އަމިއްލަ ފަރާތްތަކުން ހުލުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް 3 މަސް ދުވަހުގެ ތެރޭގައި ނިންމާ ދޫކުރަން ފަށާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
މި މަޝްރޫއުއާއި ގުޅޭ މައުލޫމާތު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާޠިފް ވިދާޅުވީ މީގެތެރެއިން ގިނަ މަޝްރޫޢުތައް ނިންމާ ހަވާލުކުރަން ފެށުމަށް މިހާރު ދީފައިވާ އެންމެފަހު މުހުލަތަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށްކަމަށެވެ. މަޝްރޫއު ނިންމުމަށް ހަވާލުކޮށްފައިވާ ތާރީހާއި ހަމައަށް ނިމުމުގެ ސަބަބުން އެޗްޑީސީ އިން ވަނީ 3 އަށްވުރެ ގިނަ ފަހަރު މުއްދަތުވެސް އިތުރުކޮށްދީފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެކަމުގައިވާއިރު، މަޝްރޫއުގެ ތެރޭގައި ހިމެނެނީ އަކުއަ ވިޓާ ރެސިޑެންސް، ކޭ.ޕަރކް ރެސިޑެންސް، ދަ ގަރޑެންސް ރެސިޑެންސް އަދި އައިރާ ކޮންޑޮމިނިއަމް ޕްރޮޖެކްޓެވެ.
ޖުމްލަ 296 ހައުސިން ޔުނިޓްގެ ގާއިމްކުރެވިގެންދާނެ މި މަޝްރޫއުގެ މަސައްކަތް ވަނީ 90 އިންސައްތަ އާއި ގާތަށް ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްކަމަށް ކުންފުނިން މައުލޫމާތުދެއްވައެވެ.

