ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު 2023: އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭ: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދު 7،6 އިން ސައްތައަށް އަންނަ އަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާލުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އެކަމަށް ރިޢާޔަތްކޮށްގެން ކަމަށާއި ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ދަމަހައްޓައި، އިޤްތިސާދުގައި ދިރުން ދެމެހެއްޓުމުގެ މައްޗަށް އަންނަ އަހަރުގެ ބަޖެޓުގައި ވިސްނާފައިވާނެ ކަމަށެވެ. މިގޮތުން، 2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު ކޮވިޑް-19ގެ ކުރީގެ އިޤްތިސާދު ހުރި މިންވަރަށްވުރެ ކުރިއަރައިދާނެ ކަމަށާއި މިއީ ސަރުކާރުން ކޮވިޑް-19 އާއެކު އެޅި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަމީރު ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވުނު މަސައްކަތުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ގާބިލްކަން އިތުރުކުރެވިއްޖެއެވެ. އެގޮތުން ޓެސްޓްކޮށް، ވެކްސިންގައި ދުނިޔޭގެ ކާމިޔާބު ގައުމަކަށް ވެގެންދިޔަ ކަމަށާއި އަދި ބަލި ކޮންޓްރޯލްކޮށް މެނޭޖްކުރުމުގައި ދުނިޔެއަށް މިސާލު ދެއްކި ކަމަށް އަމީރު ވިދާޅުވިއެވެ.

ހަމައެހެންމެ ބޯޑަރު ހުޅުވައި އިޤްތިސާދު ހިންގާލެވުނު ކަމަށާއި ރައްޔިތުންގެ ގަދަ ހިތްވަރާއެކު އުފެއްދުންތެރިކަން އިއާދަވެ 2021 ވަނަ އަހަރު ނިމުނު އިރު، ރާއްޖޭގެ އިގްތިޞާދު ވަނީ 41.7 އިންސައްތައިން ކުރިއަރައިފައިކަން އަމީރު ފާހަގަ ކުރެއްވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި މި އަހަރު ރާއްޖޭގެ އިޤްތިސާދު 12.3 އިންސައްތައިން ކުރިއަރާނެ ކަމަށާއި އަދި 2023 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މިނިސްތަރ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިޤްތިސާދު ކުރިއަރަމުން އަންނަނީ ދުނިޔޭގެ އިޤްތިސާދީ ދުވެއްޔަށްވުރެ ހަލުވި މިނެއްގައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ދުނިޔޭގެ އިޤްތިސާދާމެދު ދެކެނީ ބަނަކޮށް ކަމަށާއި އަދި ޔަޤީންކަން ކުޑަކޮށްކަން އަމީރު ފާހަގަ ކުރެއްވިއެވެ.  އައި.އެމް.އެފް އިން ދެކޭ ގޮތުގައި ދުނިޔޭގެ އިޤްތިސާދު އަންނަ އަހަރު ކުރިއަރާނީ 2.7 އިންސައްތައިންކަން އަމީރު ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން، އެކި ގައުމުތަކުގައި އިންފްލޭޝަން ރޭޓް އަންނަނީ މަތިވަމުން ކަމަށާއި އެމެރިކާގެ އިންފްލޭޝަން ރޭޓް ވަނީ ވޭތުވެދިޔަ 40 އަހަރު ނުދާހާ މައްޗަށް ގޮސް، 8.2 އިންސައްތައަށް މަތިވެފައިކަން މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ.

އަމީރު ފާހަގަ ކުރެއްވި ގޮތުގައި ގައުމުތަކުގެ އިންފްލޭޝަން ރޭޓުހުރީ 9.9 އިންސައްތައިގައެވެ. ކަންމިހެންހުރުމުން އެމެރިކާއާ، ވިލާތުގެ ޤައުމުތަކުން ދަނީ އިންފްލޭޝަން ކޮންޓްރޯލްކުރުމަށް ފަހުގެ ތާރީޚެއްގައި އިންޓަރެސްޓް ރޭޓް މަތިނުކުރާ މިންވަރަކަށް މަތިކުރަމުން ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި ގައުމުތަކުން އިންޓްރެސްޓް ރޭޓް މަތިކުރުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑު ކަމަށެވެ. އަދި ތެލާއި ހަކަތައިގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ތެލާއި ހަކަތަ އިމްޕޯޓްކުރާ ޤައުމުތަކަށްވަނީ އިތުރު ހިރާސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި މީގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ކޮވިޑް-19ގެ ކުރީގެ ލެވެލްއަށް ދިއުމަށް އޮތް ރާސްތާވަނީ ދިގުވެފައިކަން ފާހަގަކޮށް އަމީރު ވިދާޅުވީ ދުނިޔޭގެ އިޤްތިސާދުގައި ހުރި ގޮންޖެހުންތަކާއި، އެކި ޤައުމުތަކުގެ މާލީ ހާލަތަށްހުރި ހިރާސްތަކުގެ އަސަރު އަވަށްޓެރި ބައެއް ޤައުމުތަކުންވެސް ފެނިގެންދާ ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ އިޤްތިސާދު ތަފާތުކަން ފާހަގަ ކުރައްވާ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ ކަންކަން މެނޭޖްކުރުމުގައި ރާއްޖޭގެ އިޤްތިސާދުގެ ވިންދު ދަމަހައްޓައި، ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގެ ދިރުން މަތިކުރުމަށް މަސައްކަތް ކުރެވޭ ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި، ސިނާއަތްތަކުގެ ކުރިއެރުން 2021 ވަނަ އަހަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި އަދި 2022 ވަނަ އަހަރުވެސް މައްޗަށްދާކަން އަމީރު ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން އަމީރު ވިދާޅުވީ މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ބެލެވޭ ކަމަށާއި ކުރިއަށް މި އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންއަށް ވުމުން މި އަހަރުގެ މިހާތަނަށް އެކަނިވެސް ވޭތުވެދިޔަ އަހަރު ޒިޔާރަތްކުރި މިންވަރަށް ފަތުރުވެރިން ޒިޔާރަތްކޮށްފިކަން އަމީރު ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު އަންދާޒާއަށްވުރެ މަތިވާނެ ކަމަށާއި 2023 ވަނަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވޭ ކަމަށް އަމީރު ވިދާޅުވިއެވެ. މިއީ 2019 އަށް ވުރެ ގިނަ އަދަދަކަށް ޒިޔާރަތްކުރާނެ، ފަތުރުވެރިކަމުގެ ރެކޯޑްތައް މުގުރާލާނެ އުންމީދު ބޮޑު އަހަރެއްކަން އަމީރު ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން އަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ މޯހިރުގައި އެއާ ގުޅިފައިވާ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާތައް ވެސް އަންނަ އަހަރު ކުރިއަރާނެ ކަމަށެވެ. ރާއްޖޭގެ ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރިވެސް ކުރިއަރާނެ ކަމަށާއި ދައުލަތުގެ ބަޖެޓުން ހިންގާ މަޝްރޫޢުތަކާއި ޕްރައިވެޓް ސެކްޓަރގެ މަޝްރޫޢުތަކުގެ އެހީގައި އިމާރާތްކުރުމުގެ ދާއިރާވެސް އަންނަ އަހަރު ކުރިއަރާނެ.ކަން ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: