ކޮވިޑް-19 އާއެކު ބޮޑުވެފައިވާ ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް، ދެމެހެއްޓެނިވި މިންގަނޑުތަކަށް ބަޖެޓު ގެނައުން ލާޒިމް ކަމަށް ފިނޭސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅަމުން މިނިސްޓަރ ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި ބަލާފައިވާނީ މެދުރާސްތާގައި ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ދަމަހައްޓައި، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މައްޗަށެވެ.
ރާއްޖޭގެ އިޤްތިސާދަށް ހުރި ހިރާސްތައް މެނޭޖްކޮށް، އިޤްތިސާދީ އަޑިގުޑަންތަކުން އަރައިގަތުމުގެ ވިސްނުމަށް ބަޖެޓުގައި ބަލާފައިވާއިރު ކޮވިޑް-19 އާއެކު އިޤްތިސާދު މެނޭޖްކުރުމަށް އެޅި ފިޔަވަޅުތައް އެއީ އޭރު އިޤްތިސާދު ދަމަހައްޓައި، ރާއްޖޭގެ ވިޔަފާރިތަކާއި ރައްޔިތުން ސަލާމަތްކުރުމަށް ކޮންމެހެން ކުރަން ޖެހުނު ކަންކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. މި ކަންކަމުގެ އިސްލާހީ ފިޔަވަޅުތައް މެދުރާސްތާގައި ގެންނަން ޖެހޭނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ފިސްކަލް ސްޓްރެޓެޖީގައި ހުށަހަޅާފައިވާ ޓާގެޓްތައް ހާސިލުކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭކަން ވަނީ ފާހަގަ ކުރައްވާފައެވެ. ކުރިމަތިވަމުންދާ ގޮންޖެހުންތަކާއެކު، މި ބަދަލުތައް އަވަސް ކުރަންޖެހޭ ކަމަށާއި، ރާއްޖޭގެ އިޤްތިސާދު ކޮވިޑް-19ގެ ކުރީގެ ލެވެލްއަށް ވާސިލުވެ، އިޤްތިސާދު ހަމައަކަށް އެޅެމުންދާކަން އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.
މިދަނޑިވަޅު، ކޮވިޑް-19 އާއެކު ބޮޑުވެފައިވާ ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް، ދެމެހެއްޓެނިވި މިންގަނޑުތަކަށް ބަޖެޓު ގެނައުން ލާޒިމް ކަމަށާއި ވުމާއެކު، ބަޖެޓް 2023 ގައި ހުށަހަޅާފައިވާނީ ބަޖެޓް ޑެފިސިޓް ކުޑަކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ގެނައުމަށް ކަމަށް އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ވުރެ ތިރިކޮށް، ދައުލަތުގެ އާމްދަނީ އިން ރިކަރަންޓް ޚަރަދު ފޫބެއްދުމަށް ވަނީ ހުށަހަޅާފައެވެ. މި ކަމަށްޓަކައި ދައުލަތުގެ ބަޖެޓުން 6 ބިލިއަން ރުފިޔާގެ އެޖަސްޓްމަންޓެއް ގެންނަން ޖެހޭކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި ރާވާފައިވަނީ މި އެޖަސްޓްމަންޓް، އާމްދަނީ އާއި ޚަރަދުގެ ސިޔާސަތުތަކުން ބަހާލައިގެން އެއްވަރަކަށް ގެނައުމަށެވެ.
މިގޮތުން، އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ ރޭޓުތައް ބަދަލުކުރުން ހިމަނާފައިވެއެވެ. މި ބަދަލުން، އާމްދަނީއަށް 3.6 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހަޅާފައިވާއިރު 3 ބިލިއަން ރުފިޔާގެ ޚަރަދުތައް ކުޑަކުރުމަށް ހުށަހަޅާފައިވެއެވެ. ޚަރަދަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި، ތެލަށްދެވޭ ސަބްސިޑީ ޓާގެޓެޑް ސަބްސިޑީއަކަށް ބަދަލުކުރުމާއި، އާސަންދަ އާއި ބޭސްގަތުމަށްކުރާ ޚަރަދުކުޑަކުރުން ހިމެނެއެވެ.
އެގޮތުން، އަގުހެޔޮކޮށް، ބޭސް ހޯދޭނެ ގޮތްތައް ހޯދުމާއި، އާސަންދައިގެ ބޭސްލައިން އަގުތައް މުރާޖަޢާކުރުން ފަދަ ސިޔާސަތުތަކަށް ގެންނަ ބަދަލުތައް ހިމެނެއެވެ. އަދި މީގެ އިތުރުން، ޖުމުލަ ގޮތެއްގައި ޚަރަދުތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓައި، ޚަރަދުގެ އެފިޝަންސީ މަތިކުރުމުގެ މަސައްކަތްކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިފިޔަވަޅުތަކުން، 2023 ވަނަ އަހަރުގެ ބަޖެޓުން މާލީ ދެމެހެއްޓެނިވިކަން އިތުރުކުރެވިގެންދާނެ ކަމަށާއި ނަތީޖާއެއްގެ ގޮތުން، 2023 ގެ ބަޖެޓު ވެގެންދާނީ އުއްމީދީ ބަޖެޓަކަށް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

