އަންނަ އަހަރަލަށް ލަފާކޮށް ހުށަހެޅި 42.6 ބިލިޔަން ރުފިޔާގެ ބަޖެޓުގައި ކައުންސިލްތަކަށް 1.8 ބިލިޔަން ރުފިޔާ ދިނުމަށް ހިމަނައިފިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ހުސަހެޅި ބަޖެޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހާއެކު މާލީ ބާރުވެރިކަން ކައުންސިލްތަކަށް ވަނީ ލިބިދީފައެވެ.
ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކަށް ”ބްލޮކް ގްރާންޓް“ ކަނޑައަޅައި ފައިސާ ދަނީ ދޫކުރަމުންނެވެ. 2023 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެކަމަށް ބެލެވޭތީ، ކައުންސިލްތަކަށް 1.8 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. އަދި ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީ ގެ ގޮތުގައި ލިބޭ އާމްދަނީ އާއި ކައުންސިލްގެ އިޙްތިސާސް ހިނގާ ބިންބިމުގެ ކުލި، ސީދާ ކައުންސިލްތަކަށް ލިބޭނެ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.
ހަމައެހެންމެ
އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއިން ލިބޭ އާމްދަނީ ވެސް ލިބިގެންދާނީ އެ އުޅަނދެއް ދުއްވާ ރަށެއްގެ ކައުންސިލަށެވެ.
2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ކޮވިޑް-19ގެ ކުރީގެ އިގުތިސާދުގެ ލެވެލް ފަހަނައަޅައިދާއިރު، ދައުލަތުގެ އާމްދަނީވެސް ބޮޑުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާއެވެ. މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

