ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ހުންނަ، ދިވެހި އެމްބަސީތަކަށް ދިވެހި ދައުލަތުން ކުރާ ހަރަދުތައް 46 މިލިއަން ރުފިޔާއިން ބޮޑުކޮށް ޖުމްލަ 367 ހަރަދުވާނެކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ވަނީ ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިދެއްވާފަ އެވެ. ބަޖެޓު ބަޔާންތަކާއި، ބަޖެޓު ފޮތުގައި ވާ މައުލޫމާތުތަކުގައި ދައުލަތުގެ އެކި އިދާރާތްތަކާއި، ވަކި ވަކި މުވައްސަސާތައް، އަދި ތަރައްގީ އާއި ގުޅުން ހުރި މަޝްރޫއުތަކުގެ އިތުރުން ދައުލަތުގެ ހަރަދުތަކާއި އާމްދަނީގެ ތަފްސީލުތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ ޝައިއުކޮށްފަ އެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީގެ ބަޖެޓުގެ ދަށުން، ބޭރުގެ އެކި ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީ ނުވަތަ ވަކި ވަކި މިޝަންތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތަފްސީލުތައް ވެސް ހިމެނެ އެވެ. 2023 ވަނަ އަހަރުގެ ބަޖެޓުގައި ފިނޭންސްގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 367 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓުގައި ފިނޭންސް މިނިސްޓްރީގެ ބަޖެޓެއްގެ ގޮތުގައި ކަނޑައެޅި 321 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު 46 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ބޭރުގެ އެކި ގައުމުތަކުގައި ރާއްޖޭގެ 18 އެމްބަސީއެއް ހުރެ އެވެ. ބަޖެޓު ފޮތުން ދައްކާ ގޮތުގައި އެންމެ ކުޑަ ބަޖެޓެއް މީގެ ތެރެއިން ހިމަނާފައި ވަނީ 9.1 މިލިއަން ފުފިޔާ އެވެ. އަދި އެންމެ ބޮޑު އަދަދެއް ހިމަނާފައިވާ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ކަނޑައަޅާފައި ވަނީ 36 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެމްބަސީތަކަށް ކަނޑައަޅާފައިވާ ބަޖެޓު:
– ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 36 މިލިއަން ރުފިޔާ
– މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 32.1 މިލިއަން ރުފިޔާ
– ތައިލޭންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 22.6 މިލިއަން ރުފިޔާ
– އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ޕާމަނެންޓް މިޝަން: 16.8 މިލިއަން ރުފިޔާ
– އަބޫދާބީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 16.7 މިލިއަން ރުފިޔާ
– އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 16.1 މިލިއަން ރުފިޔާ
– އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 15.3 މިލިއަން ރުފިޔާ
– އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 15.3 މިލިއަން ރުފިޔާ
– ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 14.7 މިލިއަން ރުފިޔާ
– ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ޕާމަނެންޓް މިޝަން: 14.4 މިލިއަން ރުފިޔާ
– ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 14.3 މިލިއަން ރުފިޔާ
– ޖަރުމަން ވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 14.2 މިލިއަން ރުފިޔާ
– ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 14 މިލިއަން ރުފިޔާ
– ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 12 މިލިއަން ރުފިޔާ
– ތިރުވަނަންޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލޭޓް: 9.6 މިލިއަން ރުފިޔާ
– ދިވެހިރާއްޖެއިން އީޔޫއަށް ކަނޑައަޅާފައި ހުންނަ މިޝަން: 9.8 މިލިއަން ރުފިޔާ
– ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލޭޓް: 9.1 މިލިއަން ރުފިޔާ
– ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 8.9 މިލިއަން ރުފިޔާ
– ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 8.7 މިލިއަން ރުފިޔާ
ބޭރުގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަށް ބޮޑެތި ހަރަދުތަކެއް ކުރާ މައްސަލަ ދާދިފަހުން ފެންމަތިވި އެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ސިޔާސީ ނުފޫޒު ގަދަ ބޭފުޅުންގެ ދަރިންނާއި އާއިލާގެ މެމްބަރުންނަށް ބޮޑެތި މުސާރަތައް ދީ މަގާމުތައް ދީފައިވާކަން މީޑިއާތަކަށް ތިލަވި އެވެ.

