ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަލް ބޮލެވާޑްގެ މައްސަލަ: މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް ތަރުޖަމާނު އަތުގައި ނެތް!

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އަދި ކޮރަލް ބޮލުވާޑް މަޝްރޫޢު: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ރަސްފަންނު ސަރަހައްދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އަޅަން ނިންމި ކޮރަލް ބޮލެވާޑްގެ މައްސަލައިގައި ސުވާލު ކުރުމުން އެ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރަސްފަންނު ސަރަހައްދުގައި 28 ބުރީގެ ހަތަރު ޓަވަރު ހަދަން މިދިޔަ ސަރުކާރުން ފެށި 220 މިލިއަން ރުފިޔާގެ އެ މަޝްރޫއު މި ސަރުކާރުން ވަނީ ހުއްޓުވައިފަ އެވެ. މާލޭގައި ތޮއްޖެހުން ކުޑަކުރުމަށް އިތުރު އިމާރާތްތައް ނޭޅުމަށް ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާ އެކު އެ މަޝްރޫއު މާލޭގައި ނުހިންގައި ހުޅުމާލެއަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމި އެވެ.

އެ ކުންފުނިން ވަނީ އޭރު ބައެއް ފަރާތްތަކަށް ފްލެޓް ވިއްކައި، މިލިއަނުން ޑައުންޕޭމަންޓްގެ ގޮތުގައި ފައިސާ ވެސް ނަގައިފަ އެވެ. އެ ފަރާތްތަކުން އެ ކުންފުންނާ އެކު މުއާމަލާތް ނުކުރެވޭތީ އެ ފަރާތްތަކުން ވަނީ ކުންފުނިން ފައިސާ ނެގުމަށް ފަހު ”ފިލާފައިވާ“ ކަމަށް ތުހުމަތުކޮށްފަ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ”ސަންގު“ އިން ސުވާލު ކުރީ ކޮރަލް ބޮލެވާޑުން މާލޭގައި ކުރިއަށް ގެންދިޔަ ފުލެޓު އެޅުމުގެ މަޝްރޫޢު ހުއްޓުވުމަށް ފަހު އެ މަޝްރޫޢު ކުރިއަސް ގެންދަން ހުޅުމާލެއިން އެ ކުންފުންޏަށް ބިމެއް ދިންތޯއާއި ދިން ނަމަ ދިނީ ކޮން ބިމެއްކަން ސާފުކޮށް ދިނުމަށެވެ. އަދި ފުލެޓަށް ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަނބުރާ ހޯދައި ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްޖަތާއި މައްސަލަ ހައްލު ކުރުމަށް މިހާތަނަށް ސަރުކާރުން ކޮށްފައިވާ ކަންކަން ސާފުކޮށް ދިނުމަށް ތަރުޖަމާނުގެ އަރިހުން އެދުނެވެ.

”ސަންގު“ ގެ ސުވާލަށް ޖަވާބް ދެއްވަމުން މިއުވާން ވިދާޅުވީ ވަކި މަޝްރޫޢުތަކާއި ގުޅޭ ގޮތުން ކުއްލިއަކަށް ސުވާލު ކުރުމުން ޖަވާބު ދޭން ދަތި ކަމަށެވެ. އަދި ވިދާޅުވީ މިވަގުތު އޭނާގެ އަތުގައި ކޮރަލް ބޮލެވާޑުގެ މަޝްރޫޢާ ގުޅޭ އެއްވެސް މައުލޫމާތެއް ނެތް ކަމަށާއި ނަމަވެސް މައުލޫމާތު ހޯދުމަސް ފަހު އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މި މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރ އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވެފައި ވަނީ ކޮރަލް ބޮލެވާޑް ކުންފުނި ނުފިލާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓްރީއާ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި އެކުންފުނިން ފްލެޓު ގަތް ނުވަ ފަރާތަކުން ކުންފުންޏާ ނުގުޅިގެން އުޅޭ ޝަކުވާއެއް މިނިސްޓްރީއަށް ލިބިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮރަލް ބޮލެވާޑުގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމާއި ގުޅިގެން އެ ކުންފުނި ތަމްސީލްކުރާ ލޯފާމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮރަލް ބޮލެވާޑާ އެކު އެ ކުންފުނީގެ ކަސްޓަމަރުންނަށް މިހާރު ވެސް ވާހަކަ ދެއްކޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ ބުކިން ހެދި ފަރާތްތަކަށް މިހާރު ވަނީ ފައިސާ ރީފަންޑް ކޮށްދީފައި ކަމަށާއި،  ފްލެޓް ގަތް ފަރާތްތަކަށް ކޮރެލް ބޮލެވާޑް ކުންފުނިން ދަނީ ވާހަކަ ދައްކަމުން. ކަމަށް ކުންފުނި ތަމްސީޅްކުރާ ލޯފާމުން ބުނެފައިވެ އެވެ.

ސަރުކާރުން މީގެކުރިން ބުނެފައި ވަނީ ކޮރަލް ބޮލެވާޑް ކުންފުންޏަށް ކުރިން ދިން ބިމަށް ވުރެ ބޮޑު ބިމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެއިން 129،000 އަކަ ފޫޓުގެ ބިމެއް ދިނުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ހުޅުމާލެއިން ބިމެއް ދޭނެ ތަނެއް އަދި ކަނޑައަޅާފައި ނުވެ އެވެ.

ކޮރަލް ބޮލެވާޑް ކުންފުންޏަކީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހެދި، ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ، އދ. އަތޮޅުގައި ރެޑިސަން ބްލޫ ރިސޯޓު މޯލްޑިވްސްގެ ނަމުގައި ރިސޯޓެއް ވެސް ތަރައްގީ ކުރަމުންނެވެ.

ކޮރަލް ބޮލެވާޑްގެ ޓަވަރުތައް ރަސްފަންނު ސަރަހައްދުގައި ތަރައްގީ ކުރަން ނިންމާފައި އޮތީ، އެންމެ މަތީ ފެންވަރުގަ އެވެ. އަދި އެ ޓަވަރުތަކުގައި ކޮމާޝަލް ސްޕޭސްތައް ވެސް ހެދުމަށް އޮތީ ރާވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: