ބ ފުޅަދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އަހްމަދު ނިޝާރުގެ ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ނިޝާރު މަގާމުން ވަކިކުރުމާ ގުޅޭ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވުމަށް ނިންމާފައިވަނީ އެހެން ފަނޑިޔާރާއި ހަވާލު ކުރެވިފައިވާ މައްސަލައެއް އޭނާ އަމިއްލަ އަށް ބެލުމާއި ހަވާލުވުމުގެ ސަބަބުންނެވެ.
ނިޝާރު އެ މައްސަލައާއި ހަވާލުވީ ދައުވާ ލިބޭ ފަރާތާއި އޭނާ އާއި ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން ނަހަމަ ގޮތުގައި އޭނާގެ މަގާމުގެ ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދުމުގެ ނިޔަތުގައިކަން ސާބިތުވާ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ. އަދި އެކަމަކީ ގާނޫނާއި ހިލާފު ކަމެއްކަމަށް ވާތީ، ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް މައްސަލަ މަޖިލީހަށް ހުށައަޅާފައިވާ ކަމަށް ޖޭއެސްސީ އިން މަޖިލީހަށް ފޮނުވި ސިޓީގައި ވެއެވެ.
މެޖިސްޓްރޭޓް ނިޝާރު މަގާމުން ވަކިކުރަން ޖޭއެސްސީއިން ނިންމި ނަމަވެސް އޭނާ މަގާމުން ވަކިވާނީ މަޖިލީހުން އޭނާ ވަކި ކުރުމުންނެެވެ.

