ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމާ މެދު އޮތް މަޤުބޫލުކަން އިތުރުކުރުމަށްޓަކައި ޝެފުންގެ ގޮތުގައި ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކަލިނަރީ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ”ސީ.ޖީ.އެމް ޝެފްސް އެވޯޑްސް 2022“ ގެ ނަމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ތަޢާރަފުކުރި މި ދާއިރާގެ ފުރަތަމަ އެވޯޑް ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާވާ މިންވަރަށް ދިވެހި ކަލިނަރީ ފަންނުވެރިން ނުއުފެދޭކަމަށެވެ.
އެހެންނަމަވެސް މި ފަންނަކީ ދިވެހި ޒުވާނުން ކުރިމަތިލާން ރަނގަޅު ފަންނެއް ކަމަށާ ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުންނަ ވަރަކަށް، މި ފަންނު ރާއްޖޭގައި އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އާމްދަނީއަކަށް ވިސްނާ ކޮންމެ ޒުވާނަކަށް ވެސް މިއީ ވަރަށް އެކަށީގެންވާ ރަނގަޅު ދާއިރާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޝެފުންގެ އިސްނެގުމާއެކު ދިވެހިންގެ ރަހަތަކާއި، ވިލާތުގެ ރަހަތައް ގުޅުވައިގެން ކަލިނަރީ ދާއިރާގެ މުޅިން އައު ބްރޭންޑެއް އުފެއްދުންފަދަ އީޖާދީ މަސައްކަތެއް އުފަންކުރެވިއްޖެނަމަ އެއީ ދިވެހި ފަތުރުވެރިކަމަށާއި ޤައުމަށް ލިބޭ ކުރިއެރުމަކާއި ރީތި ނަމަކަށް ވާނެކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތާރީޚުގައިވެސް، ކަލިނަރީ ދާއިރާއިން ޚާއްޞަ އެވޯޑެއް ތަޢާރަފްކޮށް، އެ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރެވޭ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މި ޙަފްލާގައި އެވޯޑް ޙާޞިލުކުރި ހުރިހާ ފަރާތްތަކަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

