ރާއްޖޭގެ ފޮރިން ކަރެންސީ ރިޒާވް ވަރަށް ދަށް ވެފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގައި އަސާސީ ކަންކަމަށް ހަރަދުކުރާނެ ފައިސާ ނެތް ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅުއްފައިވާ ބަޖެޓު ކޮމެޓީގެ ރިޕޯޓަށް މެންބަރުން ބަހުސްކުރަމުންދާއިރު، އެމަނިކުފާނު ފާހަގަކުރައްވަންޖެހޭ ނުކުތާއެއްގެ ގޮތުގައެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތުގެ ފޮރީން ކަރެންސީ ރިޒާވްގައި ފައިސާ ހުރި މިންވަރު ވަރަށް ދަށްކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތްއިރު، މަޖިލީހުގައި އެހެން ގޮތް ގޮތަށް ވާހަކަދެއްކެވުމަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑަށް ފެންނަ ތަނުގައި ކުރިއަށް އޮތް ހަފުތާތަކުގައި، ކުރިއަށް އޮތް މަސްތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތީސް، އަޅުގަނޑުމެން މި މަޖިލީހުގައި އެެހެން ގޮތް ގޮތަށް ވާހަކަ ދައްކަމުން ގެންދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް އޮޅުވައިލެވޭ ވަރަށް ބޮޑު އޮޅުވައިލުމެއް
ރައީސް ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ދައުލަތުގެ ބޭރުފައިސާގެ ރިޒާވް ހުސްވެ ދިވެހިންގެ އަސާސީސީ ކަންކަން ފުއްދޭ މިންވަރަށް ފައިސާ ނެތްކަން އެނގިވަޑައިގެން ހުންނަވާ އެ ވާހަކަ ނުބުނެ ހުރުމަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި އެމަނިކުފާނު ކުރައްވަން ޖެހޭ ކަމެކެވެ..
ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާކަމަށް ގިނަ ބަޔަކު ފާހަގަކުރަމުން އަންނަ ދަނޑިވަޅެއްގައި، ދައުލަތުގެ ފަރާތުން 2023 ވަނަ އަހަރަށް ކަނޑައެޅި ބޮޑު ބަޖެޓާއިމެދުވެސް ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެއާއިއެކު ސަޕްލިމެންޓްރީ ބަޖެޓެއް ހުށައެޅީވެސް ގަވާއިދާއި ހިލާފަށްކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ބަޖެޓު ހުށަހެޅިއިރު، މި ހިނގާ 2022 ވަނަ އަހަރުގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ޖެހޭކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވިއެވެ. އެހެންކަމުން މިއަހަރަށް ފާސްކުރި 36 ބިލިއަން ރުފިޔާގެ އިތުރަށް 5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށާއި އަހަރު ނިމޭއިރު ދައުލަތުގެ ހަރަދުތައް ހުންނާނީ 42 ބިލިއަނުގައި ކަމަށް ބަޖެޓު ފޮތުގައި ހިމަނާފައިވެއެވެ.
އެކަމާއި ގުޅިގެން ރައީސް ނަޝީދު މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި ލިއުމެއްގައި ވިދާޅުވެފައިވާ ގޮތުން މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ ހަރަދުތައް އިތުރުކޮށްގެން ނުވާނެކަން ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާނެއެވެ. އަދި މާލިއްޔަތު ޤާނޫނުގައި ބުނާގޮތުން ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން އެދި ހުށަހަޅާނަމަ އެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ސަޕްލިމެންޓަރީ ބަޖެޓު ތައްޔާރުކޮށް އެ ފައިސާ ބޭނުންވާ ދުވަހުގެ 1 މަސް ކުރިން މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަހަރުގެ ބާކީ އޮތްތަނުގައި ދައުލަތުން 5.8 ބިލިއަން ރުފިޔާ ހަރަދުވެދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާއިރު، މިއަހަރުގެ މިހާތަނަށް އައިއިރު މަޖިލީހުން ފާސްކުރުމެއް ނެތި އެ އިތުރުވާ މިންވަރުގެ ތެރެއިން ހަރަދުވެފައިވަނީ ކިހާވަރެއްކަންވެސް ސާފުވާން ނެތްކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައިވެއެވެ.

