މާލޭގައި ހުޅުވުމަށް ތައްޔާރުކޮށްފައިވާ ވެލި މަގު ހުޅުވޭނެ ތާރީހެއް އަދި ނޭގޭކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
މި މަގު ހަދާފައިވަނީ ހުކުރު މިސްކިތާއި ކުރީގެ ހުރަވީ ބިލްޑިން އާ ދެމެދު އޮންނަ ޝަހީދު މުހައްމަދު އިބްރާހިމް މަގުގައެވެ. މިިހާރު މަގުގައި ވެލިލުމުގެ މަސައްކަތް ވަނީ ނިމިއެވެ. މަގުގައި ލާފައިވަނީ ކަށިވެލިއެވެ.
މަގު ހުޅުވޭނެ ތާރީހާއި ގުޅޭ ގޮތުން ސުވާލުކުރުމުން އަކްރަމް ކަމާލުއްދީން ”ސަންގު“ އަށް ވިދާޅުވީ އަދި މި މަގު ރަސްމީކޮށް ހުޅުވޭނެ ތާރީހެއް ނޭގޭކަމަށެވެ.

އަކްރަމް ވިދާޅުވެފައިވަނީ އެފަދަ މަގެއް މާލޭގައި ފެންނަން އޮތުމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކޭތީކޭ ކަމަށެވެ. އަދި ސަރުކާރުން މިފަދަ ކަންކަން ދިރުވާ އާލާކުރަން ކުރަމުންދާ މަސައްކަތް އަކްރަމް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ ކުރީގައި މާލޭގައި ހަމައެކަނި ވެލި ބިމެއް އޮތީ އިސްލާމިކް މަރުކަޒާއި ބަންޑާރަ ކޮށްޓާއި ދެމެދުގައެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޔޫމްގެ ވެރިކަމުގައި އެ ސަރަހައްދު އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ހިމެނިއެވެ. އަދި މިހާރު ވަނީ މާބުލްވެސް ޖަހާފައެވެ.
އެހެންކަމުން މި ސަރުކާރުން އެފަދަ ކަންކަން އިޔާދަކުރަން ބޭނުންވާކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.
މިހާރު ވެލި މަގެއް ހުޅުވުމަށް ތައްޔާރުކޮށްފައިވާ ބިން މީގެ ކުރީގައި ބޭނުންކޮށްފައިވަނީ ވެހިކަލްތައް ޕާކްކުރުމަށެވެ. މިއާއިއެކު އެ ސަރަހައްދުގައި ޕާކްކުރުމަށް ކޮންމެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާނެކަމަށް ބެލެވެއެވެ.

