ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާއި އަދި ރިވައިސް ކޮށްގެން ފާސްކުރާ ބަޖެޓާއި، އަހަރު ނިމޭއިރު ސަރުކާރުން ކޮށްފައި ހުންނަ ހަރަދުތަކާ ދިމާނުވާކަމަށް އެމްއާރްއެމްއިން ބުނެފިއެވެ.
2023 ވަނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން އެމްއާރްއެމްއިން ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން މަޖިލީހުން ފާސްކޮށްފައިވާ 2023 ވަނަ އަހަރުގެ ބަޖެޓަކީ އުންމީދީ ބަޖެޓެއްކަމަށް އެ ޕާޓީއިން ގަބޫލު ކުރެއެވެ. އެހެން ނަމަވެސް ކަންބޮޑުވާ ކަންކަން ހުރިކަމަށް ފާހަގަކޮށް ބުނެފައިވާގޮތުން ސަޕްލިމެންޓަރީ ބަޖެޓަކީ ވަކިން ހުށައަޅަން ޖެހޭ ބަޖެޓެކެވެ. އެހެން ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައިވެސް ސަޕްލިމެންޓަރީ ބަޖެޓު ހިމަނާފައިވަނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓު ހުށައެޅުމުގެ ތެރޭގައިކަމަށް އެމްއާރްއެމްއިން ބުނެފައިވެއެވެ.
އެޕާޓީއިން ބުނެފައިވާގޮތުން އެގޮތަށް އަމަލު ކުރުމުގެ ބަދަލުގައި ރަނގަޅު ގޮތަކީ ސަޕްލިމަންޓްރީ ބަޖެޓް ދުރާލާ ކުރިން ހުށަހަޅައި ފާސްކުރުންކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާއި އަދި ރިވައިސް ކޮށްގެން ފާސްކުރާ ބަޖެޓާއި، އަހަރު ނިމޭއިރު ކޮށްފައި ހުންނަ ހަރަދުތަކާ ދިމާނުކަމަށް އިޝާރާތްކޮށް އެމްއާރްއެމްއިން ބުނެފައިވާގޮތުން 2010، 2011 ،2013 ،2016 އަދި 2020 ގައިވެސް ސަރުކާރުންވަނީ ފާސްކޮށްފައިވާ އަދަދަށްވުރެ އިތުރަށް ހަރަދުކޮށްފައެވެ.
އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވާގޮތުން 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށްވެސް ސަރުކާރުގެ ރިކަރަންޓު ހަރަދުތައް ބަޖެޓު ކުރެވޭ މިންވަރަށްވުރެ 4.2 ބިލިއަން ރުފިޔާ އިތުރުވާކަމަށް އެ ޕާޓީއަށް އަންދާޒާ ކުރެވެއެވެ. އެހެންކަމުން މިއަހަރު ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓުގައި، 5.8 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު، އެ ހަރަދުތަކުގެ އެކަށީގެންވާ މިންވަރަށް ތަފްސީލު ދީފައިނުވާތީ ރައްޔިތުން ކަންބޮޑުވާކަމަށް އެމްއާރްއެމްއިން ބުނެފައިވެއެވެ.
އެމްއާރްއެމް އިން ވަނީ ބަޖެޓުގައި ހިލޭ އެހީ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާގެ ތެރެެއިން 1.5 ބިލިއަންގެ ސޯސް އެއް ބަޖެޓު ފޮތުގައިވެސް ނެތްކަން ފާހަގަކޮށްފައެވެ. އަދި ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް ބޭރުގެ ފަރާތްތަކުން ލޯނު އަދި ބޮންޑުގެ ގޮތުގައި ހޯދާ ފައިސާވެސް ލިބިގެންދާ މިންވަރުތައް ދައްވާނެކަމަށް އަންދާޒާ ކުރެވިފައިވާކަމަށްވެސް އެމްއާރްއެމްއިން ފާހަގަކޮށްފައިވެއެވެ.
އެ ޕާޓީއިން ބުނެފައިވާގޮތުން 2023 އަށް އަންދާޒާ ކުރި އަދަދު ހޯދޭނެ ކަމަށް ސަރުކާރުން ލަފާ ކުރަނީ އިތުރަށް ކޮން މަސައްކަތެއް ކޮށްގެންކަމާއިމެދު ރައްޔިތުން ސުވާލު އުފައްދައެވެ. އެހެންކަމުން ވޭތުވެ ދިޔަ އަހަރުތަކާ ތަފާތުކޮށް ކުރުމަށް ރާވާފައި ހުރި ކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށް ދެކޭ ކަމަށް އެމްއާރްއެމްއިން ބުނެފައިވެއެވެ.
އެމްއާރްއެމްއިން ބުނެފައިވާގޮތުން ޑޮމެސްޓިކް މާކެޓުން ދަރަންޏަށް ފައިސާ ނުލިބި މަރުކަޒީ ބޭންކުން 2 ބިލިއަން ރުފިޔާ ޗާޕު ކުރުމުން، ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އެތައް ގުނައެއް ވަނީ ބޮޑުވެފައެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އާމްދަނީ އިން ދެކޮޅުޖެއްސުން ވެސް ވަނީ ތަކުލީފަކަށް ވެފައިކަމަށް ފާހަގަކޮށް ބުނެފައިވާގޮތުން މާލީ އިދާރާތަކުން ލަފާ ދެއްވާފައިވާ ގޮތަށް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަކީ މުހިންމު ކަމެއްކަމުގައި އެ ޕާޓީއިން ދެކެއެވެ.
އެމްއާރްއެމްއިން ބުނެފައިވާގޮތުން ދަޢުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް މާލީ އިދާރާތަކުންނާއި، ކަމާގުޅޭ ފަރާތްތަކުން ދެއްވާފައިވާ ލަފާގެތެރެއިން ސަރުކާރަށް ފެނިގެންދިޔަ ހަމައެކަނި ލަފައަކީ ޖީ.އެސް.ޓީ އާއި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމެވެ. އެހެންކަމުން އެކަމުގެ ސަބަބުން ނިކަމެތި ދިވެހި ރައްޔިތުންނަށް ލިބޭ އާމްދަނީން ބޮޑުބައެއް ދައުލަތަށް ދައްކަން ޖެހުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ފަޤީރު ވެގެން ދާނެ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.
ސަބްސިޑީ ދިނުން މުރާޖާ ކުރަން ޖެހޭ ކަމަށް ގޮވާލައި އެމްއާރްއެމްއިން ބުނެފައިވާގޮތުން ރާއްޖޭގެ މިހާރު އޮތް ދަރަނި ދައްކައި އަދި ރާއްޖޭގެ އިންފްލޭޝަން ކޮންޓްރޯލް ކުރެވޭނެ ގޮތާއި، ބޭރުފައިސާ އިތުރަށް ހޯދޭނެ ގޮތްތައް ބަލައި، ބަޖެޓު ދެކޮޅު ޖެއްސުމަކީވެސް އެ ޕާޓީގެ ގޮވާލުމެކެވެ. އަދި ލޯނުގެ ގޮތުގައި ފައިސާ ނެގުމުގެ ބަދަލުގައި، ފާއިތުވި އަހަރުތަކުގައި ދައުލަތުން ވަގަށް ނަގައިފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ފައިސާއާއި އަދި އެކިއެކި ސިނާއަތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދާ، ރައްޔިތުންނަށް ދޭ ސަބްސިޑީ ގެ ގޮތުގައި އަންދާޒާ ކޮށްފައިވާ ހަރަދު އެފައިސާ އިން ހޭދަ ކުރުމަށްވެސް ސަރުކާރަށް ގޮވާލާކަމަށް އެމްއާރްއެމްއިން ބުނެފައިވެއެވެ.

