ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ 100 މިލިއަން ޑޮލަރުގެ އެހީއަކީ، ރައީސްގެ ކާމިޔާބު ހާރިޖީ ސިޔާސަތު: ޝާހިދު

ންޑިއާއިން ދިވެހިރާއްޖެއަށް ދެއްވާ 100 މިލިއަން ޑޮލަރުގެ މާލީ އެހީ ފޯރުކޮށްދިނުން/ ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައި ވާތީ، ބަޖެޓު ސަޕޯޓެއްގެ ގޮތުގައި އަވައްޓެރި އިންޑިއާއިން 100 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދީފި އެވެ.

ކޮވިޑު-19 އަދި ރަޝިޔާ ޔުކްރެއިން ހަނގުރާމަ އާއި އެ ނޫން ވެސް ބައެއް ހާލަތްތަކާއި އެކި ރާއްޖޭގެ މާލީ ހާލަތު ދަށްވެފައިވާއިރު ރާއްޖޭގެ ދަރަނީގެ ނިސްބަތް ވެސް ވަނީ 100 ބިލިއަނުން މައްޗަށް އަރާފަ އެވެ. މިފަދަ އެކި ވަގުތުތަކުގައި މީގެ ކުރިން ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިން އިންޑިއާއިން ބަޖެޓު ސަޕޯޓުގެ އެހީ ދިނީ އެކަމަށް ހާއްސަކޮށް ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެހީ ފޯރުކޮށްދިނުމުގެ ރަމްޒީ ޗެކު ދިވެހި ސަރުކާރާއި މިއަދު ހަވާލުކޮށްދެއްވީ، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯ ޑޯރާ ބާބޫ ޑަޕަރްތީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެހީއާއި ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާއިން ވެދިން އެހީއަށް ޝުކުރު އަދާކޮށް، ޝާހިދު ރަސްމިއްޔާތުގައި ވިދާޅުވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަމަޖައްސައިދިން 100 މިލިއަން އެމެރިކާ ޑޮލަރުގެ މާލީއެހީ އަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ. އަދި މި އެހީން ވެސް އެނގިގެން ދަނީ ރައީސްގެ ހާރިޖީ ސިޔާސަތުތަކުގެ ކާމިޔާބީތައް ވާސިލުވެފައިވާ ހިސާބުކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއިން އެހީ ބޭނުންވި ކޮންމެ ވަގުތެއްގައި އެންމެ ގާތް ގުޅުމެއް ބާއްވައި އަވަސް އިޖާބަ ދޭ ގައުމު ކަމަށެވެ. ކޮވިޑުގެ ދަތި ދުވަސްތަކުގެ ތެރޭގައި ވެސް ރާއްޖޭގެ ހާލަތު ގާތުން ބަލައި، ބޭނުންވި ހުރިހާ އެހީތެރިކަމެއް އެ ގައުމުން ފޯރުކޮށްދީފައިވާތީ ޝާހިދު އެކަމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ވިދާޅުވީ މިވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީއާއި ލޯނުގެ ގޮތުގައި 2.75 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ސަރުކާރުން ހާރިޖިއްޔަތާއި މެދު ގެންގުޅޭ ވިސްނުމާއި ސިޔާސަތު ބޭރުގެ ގައުމުތަކުން ބަލައިގެންފައިވާކަމަށް ތަކުރާރު ކުރައްވައި ޝާހިދު ވިދާޅުވީ މިއަދު ދުނިޔޭގެ ގައުމުތަކުން ރާއްޖެ ފުރިހަމައަށް ބަލައިގެންފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި، ގައުމުތަކުން ރާއްޖެއަށް ކުރާ ގަދަރާއި އިހުތިރާމު ބޮޑުވެފައިވާކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިއާއަކީ އިންޑިއާކަމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިޔަށް ގެންދާ މަޝްރޫއުތައް އެއް ބިލިއަން ޑޮލަރަށް ވުރެ މަތިވާނެކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ މިއީ ދިވެހިންގެ ދިރިއުޅުމަށް އުންމީދީ ހެޔޮ ބަދަލު އަންނާނެ ޕްރޮޖެކްޓުތަކެއް ކަމަށެވެ.

އިންޑިއާގެ އެހީގެ ދަށުން ކުރިޔަށް ދާ ޕްރޮޖެކްޓުތަކުގެ ގޮތުގައި އަމީރު ފާހަގަކުރެއްވި ތިލަ މާލެ ބްރިޖުގެ މަޝްރޫއުއާއި، ގުޅީފަޅުގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް ޕޯޓް ޑިވެލޮޕްމަންޓުގެ މަސައްކަތް އަދި ލ. ގަމު ކެންސަރ ހޮސްޕިޓަލާއި ގޭން އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު އަދި ރާއްޖޭގެ އެކި ހިސާބުތަކައި ކުރިޔަށް ދާ ނަރުދަމާގެ މަޝްރޫއުތަކެވެ.

އަމީރު ވިދާޅުވީ އިންޑިއާގެ އެހީގެ ދަށުން ރަށްތަކުގައި ކުރިޔަށް ދާ ޕްރޮޖެކްޓުތަކާއި އެކު ވެސް އިގްތިސާދީ ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: