މާލޭގެ އެއްގަމުގައި ޖަހާ ތިލަމާލެ ބްރިޖްގެ ތަނބުތަކުގެ މަސައްކަތް ނިމިފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ރިވިއު ކުރުމަށް ބާއްވަމުންދާ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީގެ 5 ވަނަ ބައްދަލުވުން ވޭތުވެދިޔަ ހަފްތާގައި ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ދިވެހި ސަރުކާރާއި އިންޑީއާ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެފައިވެއެވެ.
ބައްދަލުވުމުގައި ތިލަމާލެ ޕްރޮޖެކްޓް މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ޓައިމްލައިންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވި މައުލޫމާތު ބަދަލު ކުރެވިފައިވެއެވެ. އެ ކޮމިޓީއާއި ޕްރޮޖެކްޓްގެ ޓީމް މެމްބަރުން ވަނީ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާ ގޮތް ބަލައިފައެވެ. އެގޮތުން މާލޭގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތްތަކާއި މޫދުގައި ޓެސްޓް ތަނބު ޖެހުމަށް ކުރިއަށްދާ މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ބަލާފައެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނެފައިވަނީ މާލޭގައި އެއްގަމުގައި ޖަހާ ބްރިޖްގެ ކޮންކްރީޓް މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި އެ މަސައްކަތް ނިމިފަައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށާއި އެއީ ޓެސްޓް ޕައިލިންގ މަސައްކަތް ކަމަށެވެ. އަދި އެ ތަނބަކީ ޕްރޮޖެކްޓްގައި ދާއިމީކޮށް ޖެހި ފުރަތަމަ ތަނބުކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
މޫދުގައި ޖަހާ ތަނބުތައް ޖެހުމުގެ ކުރިން ޓެސްޓް ތަނބުތައް ޖެހުމަށް ވަނީ ތައްޔާރުވެފައެވެ. އެކަމަށް ބޭނުންވާ ސްޓީލް ސްޓްރަކްޗަރ މިހާރު ވަނީ ހަދާފައެވެ.
ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް ފެށިގެން ގޮސްފައިވަނީ މިދިޔަ އަހުރުގެ ތެރޭގައެވެ.

