ވީ ވަޢުދާއި އެއްގޮތަށް ބަރުލަމާނީ ނިޒާމުގެ ވޯޓަށް ނާހާ އިތުރު ވާހަކަ ދެއްކުމަކީ ބުއްދިވެރި ގޮތަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގދ ތިނަދޫގައި އެމްޑީޕީގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީީޕީ އިން 2018 ވަނަ އަހަރު ރައްޔިތުންނާއި ހަމައަށް ގެނައި މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމު ބަދަލުކުރާ ވާހަކަ ހިމެނީ އެކަން ފުރިހަމަ ކުރުމަށް ކަމަށެވެ. ރައީސް ނަޝިދު ވިދާޅުވީ އެމްޑީޕީ ބިނާކުރީ ބަރުލަމާނީ ނިޒާމަށްކަމަށެވެ.
”މި ޕާޓީގެ ދާއިރާތަކާއި މި ޕާޓީގެ ގޮފިތަކާއި މި ޕާޓީގެ މުޅި އޮނިގަނޑު މިއޮތީ ބަރުލަމާނީ ނިޒާމެއްގައި“ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ތަކުރާރުކުރެއްވީ ރިޔާސީ ނިޒާމަކީ ސިޔާސީ ޕާޓިތަށް ހިންގާ ނިޒާމެއް ނޫންކަމަށެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި އެމްޑީޕީ ވެރިކަމަށް އަންނަތާ 18 މަސް ދުވަހުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓަކަށް އެހުމަކީ އެމްޑީޕީ އިން ވީ ވައުދެއްކަމަށް ފާހަގަކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ އަދި އެ ވޯޓަށް ނާހާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ގާތުގައި އެ ވޯޓަށް ނާޙާ، އިތުރު ވާހަކައެއް އެހުމަކީ އެހާ ބުއްދިވެރިކަމެއް ނޫންކަމަށެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ މި ޖަލްސާގައި ބަރުލަމާނީ ނިޒާމެއް ރާއްޖެ ގެނައުމުގެ މުހިންމުކަމަށް އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ މަސައްކަތް ކާމިޔާބުކުރެއްވުމުގެ މަސައްކަތް ކުރައްވާނެކަމަށާއި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ތާއީދުވެސް މިކަމުގައި ލިބޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

