އެމްޑީޕީއަކީ ވަކި މީހެއްގެ އެއްޗެއްނޫންކަމަށާއި، އެމްޑީޕީއަކީ ރާއްޖޭގައި ތިބި އެމްޑީޕީ ފިކުރު ގަބޫލުކުރާ އެންމެންގެ އެއްޗެއްކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް ވިދާޅުވެއްޖެއެވެ.
ރޭ ރ މީދޫގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޓީމުގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޫސާ ވިދާޅުވީ އެމްޑީޕީއަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެމްޑީޕީ ފިކުރު ބަލައިގެން އެންމެންގެ އެއްޗެއްކަމަށެވެ. އަދި އެމްޑީޕީއިން މަސައްކަތްކުރީ މީގެ ކުރީގައި ރާއްޖޭގައި އޮތް ވެރިކަމާއި ރަސްކަމުގެ އުސޫލު ބަދަލުކޮށް އެންމެންނާއި އެކީގައި ކުރިއަށް ގޮސް، ދައުލަތަށް ލިބޭ އެއްޗަކީ އެންމެންގެ ހިއްސާ އޮތް އެއްޗަކަށް ހެދުމަށްކަމަށް މޫސަ ވިދާޅުވިއެވެ.
ޕާޓީ އުފައްދާ ހިންގުމުގެ ކަންކަމުގައި ބޭރުގެ މާހިރުންގެ އެހީ ހޯދިންކަމަށް ފާހަގަކުރައްވާ، މޫސަ ވިދާޅުވި ގޮތުގައި އެމްޑީޕީއިން ފުރަތަމަ ހިފައިގެން ނިކުތް ވައުދުތަކަކީ އެ ބޭރުގެ މާހިރުންގެ ލަފާގެ ދަށުން ދެނެގަނެވުނު ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެވެ.
އެއީ ވަކި މީހެއްގެ އެއްޗެއް ނޫންކަމަށް ވިދާޅުވިއެވެ. މޫސަ ވިދާޅުވީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމަށްޓަކައި އެންމެ ފުރަތަމަ މެނިފެސްޓޯއެއް ތައްޔާރުކުރީ އެމްޑީޕީއިންކަމަށެވެ. އަދި ރައީސް ސާލިހު މިހާރު ތަންފިޒްކުރައްވަމުން އެ ގެންދަވަނީ އޭރު އެމްޑީޕީގެ ކޮންގްރެސްގައި ތައްޔާރުކުރި މެނިފެސްޓޯކަމަށް މޫސަ ވިދާޅުވިއެވެ.
އަޅުގަނޑުމެން އެމްޑީޕީއިން ފުރަތަމަ ހިފައިގެން ނިކުތް ވައުދުތައް، އެއީ މީހެއްގެ އެއްޗެއް ނޫން. އެމްޑީޕީގެ ތިބޭފުޅުންގެ އެއްޗެއް. ތިބޭފުޅުންނަށްޓަކައި އެމްޑީޕީ ރީދޫ ލަޝްކަރު ތައްޔާރުކުރި އެއްޗެއް، އެއްގޮތަކަށްވެސް އެއީ ވަކި މީހަކު ކުރި އެއްޗެއްކަމަށް، ވަކި މީހެއްގެ އަމިއްލަކަމެއްކަމަށް ހަމަގައިމުވެސް ނަގަންޏާ ފުރަތަމަ ނަގާނީ އަޅުގަނޑު. އެކަމަކު އަޅުގަނޑަކީ އެވައްތަރު މީހެއް ނޫން.
މޫސަ ވިދާޅުވީ ނަމަވެސް އެ މެނިފެސްޓޯއާއިއެކު ނިކުތް ވެރިކަމާއިއެކު ކުރިއަށްދެވޭ ގޮތެއް ނުވިކަމަށެވެ. އެ އިޝާރާތްކުރެއްވީ 2008 ވަނަ އަހަރު އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސަލިހާއި ވާދަކުރައްވާ އަނެއް ކެޑިޑޭޓު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރި އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ ދައުރަށެވެ. މޫސަ ވިދާޅުވީ އެއީ ”ގޭތެރޭ“ މައްސަލައެއްކަމަށާއި އަދި އޭނާ ޕާޓީއިން ވަކިކުރި މައްސަލައަކީވެސް ”ގޭތެރޭ“ މައްސަލައެއްކަމަށެވެ. މޫސަ ވިދާޅުވީ މިއީ ޕާޓީ ތެރޭގައި ހުންނަންޖެހޭ ވާހަކަތަކެއްކަމަށާއި، އާންމު ރައްޔިތުން ކައިރީ މި ވާހަކަދައްކަން ނުޖެހޭކަމަށެވެ.
ގޭތެރޭގައި ހިގާ ކަންތައްތަކުގެ ވާހަކަ މީހުން ތެރޭ ނުދައްކާށޭ މީހުން ބުނަނީ، އަޅުގަނޑޫމެންގެ ގައިގެ އެއް ގަނޑު ކަހަލަ އަޅުގަނޑުމެންގެ އަހުން މި ޕާޓީގެ ތެރޭގައި ޑިމޮކްރެޓިކް އުސޫލުން ހިންގާ ވެރިކަން ނުވަތަ ހިންގާ އިންތިހާބުތަކުގައި މައާފްކުރައްވާތި، ޖެހޭ މައްސަލަތައް މާ ބޮޑަކަށް އަޅުގަނޑުމެން އެކަކު އަނެއްކަކާއި ދައްކާ ވާހަކައެއް އޮވެގެން ނުވާނެ.
މޫސަ ވިދާޅުވީ އޭނާ އަލުން ޕާޓީއާއި ގުޅުނީ އެމްޑީޕީއިން ކުރަމުންދާ މަސައްކަތްތަކުގައި ފޮރުވިފައިވާ ވަރަށް ހިކުމަތްތެރި މަސައްކަތްތަކެއް އޮތުމުންކަމަށެވެ. އެމްޑީޕީއިން އައީ ރައްޔިތުންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށްކަމަށް ފާހަގަކުރައްވާ މޫސަ ވިދާޅުވީ ރައްޔިތުން ބުނި ގޮތުގައި ކުރިންވީ ވައުދުތައް ހުރީ ނިމިފައިކަމަށެވެ.

