އެމްޑީޕީ ނޫން އެންމެން އެ ޕާޓީއާއި ދެކޮޅުވެރިވެ، އެމްޑީޕީ މަގުމަތިވާންޖެހުމަކީ ޕާޓީގެ އާންމު މެމްބަރުންގެ ކުށެއް ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމުގެ ގޮތުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ފުރުސަތު ގެއްލިގެންދިއުމުން ކަން ދިމާވެގެންދާ ދެރަ ގޮތްތައް އެންމެނަށްވެސް ތަޖުރިބާ ކުރެވިފައިވާނެކަމަށެވެ.
ރައީސް ވިދާޅުވީ، ހިނގަމުންދާ ދުވަސްތަކަކީ އެމްޑީޕީއަށް ތާރީހީ ދުވަސްތަކެއްކަމަށެވެ. އެގޮތުން 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނަ ތަފާތު މަޝްރޫޢުތައް ހިންގާފައިވަނީ އެމަނިކުފާނުގެ ސަރުކާރުންކަމަށް ފާހަގަަކުރައްވާ ވިދާޅުވީ، ފެނާއި ނަރުދަމާގެ 141 މަޝްރޫޢުއެއް ހިންގަމުންދާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ލަފާ ފުރުމުގެ ދަތިކަމަށް ހައްލުތަކެއް ގެނައުމުގެ ގޮތުން 47 މަޝްރޫއުއެއް ނިމި، ތައުލީމީ ސިޔާސަތުގެ ދަށުން 1578 ކްލާސް ރޫމެއްވެސް ބިނާ ކުރެވިފައިވާކަމަށެވެ. އަދި 17 މިސްކިތެއް ބިނާކޮށްފައިވާކަމަށާއި އެކި އަތޮޅުތަކުގައި ޖުމުލަގޮތެއްގައި 57 ފުޓުބޯޅަ ދަނޑު ފަރުމާކޮށްފައިވާއިރު، 61 ފުޓުސަލް ދަނޑުވެސް ބިނާކޮށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
އިތުރު މަސައްކަތްތަކަށް އަލި އަޅުއްވައި އެމަނިކުފާނުވަނީ ނުނިމި ހުރީ ކޮން ކަމެއްތޯ ސުވާލުކުރައްވާފައެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ދެންނެވި ތަރައްގީގެ މަޝްރޫޢުތަކާއި އެކު ކުރިއަށް ދާނީ ތޯ ނުވަތަ ގޮސް މަގުމަތިވާނީތޯ ނިންމާނީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ވޯޓުންކަމަށެވެ. ރައީސް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ހަރަދު ކުރާނީ ތަރައްގީގެ މަޝްރޫޢުތަކަށްތޯ ނުވަތަ ކަރންޓު މުގުތާއި ޕެޕަރ ސްޕްރޭ އަދި އަސޭ މިރުސް ގަތުމަށްތޯވެސް ނިންމާނީ ރައްޔިތުން ކަމަށެވެ.
ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓަކީ، އެމްޑީޕީގެ ތާރީހުގައިވެސް ތަފާތުކަމަށް ފާހަގަކުރެވޭ އިންތިހާބެއް ކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، މި އިންތިހާބަކީ އެމްޑީޕީގެ ދެވަނަ ދައުރެއް ކަށަވަރު ކުރުމަށް ލިބޭ ފުރަތަމަ ފުރުސަތުކަމަށެވެ. އެހެންކަމުން ފުރުސަތުގެ ބޭނުން ހިފުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

