ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންވަނީ ވެރިކަމުގައި އެމްޑީޕީގެ ހިއްސާ ގަޑުބަޑުކޮށްފައިކަމަށާއި، އެ މަނިކުފާނުގެ ސަރުކާރުން ކުރެއްވީ ކޯލިޝަން ޕާޓްނަރުންގެ ސިޔާސަތުތައް ދިއްލާލުމުގެ މަސައްކަތްކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ލާ ދުވަހާއި ކައިރިވެފައިވާއިރު، އިންތިހާބުގެ ފޯރިގަދަވެ، ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުންވެސް ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. ރައީސް ސާލިހު އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ކޯލިޝަން ސިޔާސަތާއި އެއްކޮޅަށް ވަކާލާތު ކުރައްވަމުންދާއިރު، ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ދަނީ އެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.
ރައީސް ނަޝީދު ސޮއި ކުރައްވާ، ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ލިއުމެއްގައި ބުނެފައިވާގޮތުން، އެމްޑީޕީގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންގެ އާމްދަނީ އިތުރުވެގެންދާނެ ސިޔާސަތުތަކެއް ތަންފީޒުކުރުމުގެ ފުރުސަތު އުފެއްދުމެވެ. އެހެން ނަމަވެސް މިހާރު ނިމިގެންދާ ”ކޯލިޝަން“ ވެރިކަމުގައި، ސަރުކާރުންވަނީ އެ ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އިހުމާލުތަކެއް ވެފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ވަނީ ވެރިކަމުގައި އެމްޑީޕީގެ ހިއްސާ ގަޑުބަޑުކޮށްފައިކަމަށެވެ. އަދި ކޯލިޝަންގެ ހިއްސާދާރުންގެ ސިޔާސަތުތައް ދިއްލާލާފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ، 2023 ވަނަ އަހަރުގެ އެމްޑީޕީގެ ކެނޑިޑޭޓަށް ވުމަށް ވާދަކުރައްވަނީ ރައްޔިތުންގެ އިޖްތިމާއީ ރައްކައުތެރިކަމާއި އާމްދަނީ އިތުރު ކުރެވޭނެ ސިޔާސަތުތަކެއް އެލުލަވާލައި ތަންފީޒު ކުރެއްވުމަށް ކަމަށެވެ. އަދި ކޮށްދެއްވާނެ ބައެއް ކަންކަންވެސް ފާހަގަކުރެއްވިއެވެ.
އެގޮތުން، ސަރުކާރާއި ޕްރައިވެޓު ސެކްޓާރ މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށާއި ދިގުނުދަންމައި ގޯތި ކެނޑުމަށްފަހު ހަވާލު ކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ފުއްދުންތެރިކަން ނެތް އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން، އާމްދަނީގެ 60 އިންސައްތައަށްވުރެ ބޮޑު އަދަދެއް ކުލީގެ ގޮތުގައި ހަރަދު ކުރަން ނުޖެހޭނެ ގޮތަކަށް ކަންކަން ބައްޓަން ކޮށްދެއްވާނެކަމަށާއި، ހަވާލު ކުރާ ގޯތިތައް ބިނާ ކުރުމަށް ބޭނުންވާ ފައިނޭންސް ލިބޭނެ ގޮތެއް ހަމަޖައްސައިދެއްވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި މަހުގެ އަގު މަތިކުރުމާއި ރޮލާ މަސް ބޭރު ކުރުމުގެ ބަދަލުގައި މަސް ”ފައްކާކޮށް“ އަގު މަތިކުރެވޭނެ ގޮތްތަކެއް ހޯދައިދެއްވާނެކަމަށެވެ. އަދި ގެސްޓް ހައުސް ވިޔަފާރި އިތުރަށް ފުޅާކޮށް، އެ ވިޔަފާރި ހިންގަމުންދާ ރަށްތަކަށް ބޭނުންވާ އުމްރަނީ ވަސީލަތްތައް އަވަސް ގޮތެއްގެ މަތިން ލިބިގެންދާނެ އިންތިޒާމެއް ހަމަޖައްސައިދެއްވާނެކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވިޔަފާރީގެ ތެރެއަށް ސަރުކާރުން ހައްދެއް ނެތް ގޮތެއްގައި ވުން ހުއްޓުވައި އަމިލަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދެއްވާނެކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އެމްޑީޕީގެ ސިޔާސަތުތަކުން ދިވެހި ދައުލަތުގެ އާމްދަނީވަނީ 10 ގުނަ ކުރެވިފައިކަމަށެވެ. އަދި އެ ނިސްބަތުން ރައްޔިތުންނަށް ލިބޭ އާމްދަނީވެސް އިތުރު ކުރެވެންޖެހޭކަމަށާއި އެކަން އެއީ ކަނޑައެޅިގެން ކުރެވެން އޮތް ކަމެއްކަމަށް ވިދާޅުވިއެވެ.

