ވަކި ފަރާތަކަށް ކާމިޔާބީ ހާސިލު ކުރެވެންދެން އިންތިހާބުތައް ބޭއްވުމަކީ އެމްޑީޕީން ދެކޮޅު ހަދާ ކަމެއްކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމާއި އެކު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނާއި ދެކޮޅަށް ނުކުމެވަޑައިގެން ކުރައްވަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައި ރޮޒައިނާ ވިދާޅުވީ، އާދަޔާ ހިލާފު ކޮންގްރެސްއަކަށް ގޮވާލުމުގެ އިހުތިޔާރު އޮންނަނީ ގައުމީ މަޖިލީހުގެ އަތުގައިކަމަށެވެ. އަދި އެ މަޖިލީހުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން އަގުލަބިއްޔަތު އަދަދަކަށް ޕާޓީގެ އަސާސީ ގަވައިދުތައް ސާފުވެވަޑައިގަންނަވާކަމަށް އެނާ ވިދާޅުވިއެވެ.
Aadhaya khilaaf congress akah govenee qaumee majleehun. GM ge majority ah mi partyge asaasee qavaidhu saafu. Vaki beyfulhakah kaamiyaabu vandhen inthihaab beyvvumakee mi party dhekolhu hedhikameh. Adhi dhenves dhekolhu hadhaane kameh! Riyaasee primary nimi candidate hovaifi! https://t.co/EfNYOuh24d
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) February 1, 2023
ރޮޒައިނާ ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންވަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާފައިކަމަށެވެ. އަދި ވަކި ބޭފުޅަކަށް ކާމިޔާބީ ހާސިލުކޮށްދިނުމުގެ މަގުސަދުގައި އިންތިހާބުތައް ބާއްވަމުންދިއުމަކީ އެ ޕާޓީއިން މީގެ ކުރިންވެސް ދެކޮޅު ހަދާފައިވާކަމެއް ކަމަށާއި ކުރިމަގުގައިވެސް އެމްޑީޕީއިން ވަކާލާތު ކުރާނީ އެކަމާ ދެކޮޅަށް ކަމަށް އެނާ ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ރައިސް ސާލިހު ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ކަނޑައެޅިގެންގޮސްފައިވަނީ އެންމެހާ މެމްބަރުންގެ ނިންމުމަކުންކަމަށެވެ. އަދި ކޮންގްރެސްއިން ނިންމުން އެ ނިންމުމަށްވުރެ ބޮޑު ނުވާނެކަމަށާއި، ރައީސް ނަޝީދު މަސައްކަތްކުރައްވަމުންދަނީ އެކަންވެސް އޮޅުވާލެއްވުމަށްކަމަށް ވިދާޅުވިއެވެ.
މުޅި ޕާޓީގެ މެމްބަރުން ވޯޓު ލައިގެން ނިންމި ނިންމުމެއް ކޮންގްރެސްއަށް ބަދަލު ކުރެވެނޭ ގޮތާއިމެދު ސުވާލު އުފައްދަވައި ރޮޒައިނާ ވިދާޅުވީ، ރައީސް ނަޝީދަށް އޮތް އެންމެ ބުއްދިވެރި އަދި ރީތިވެސް ގޮތަކީ ޑިމޮކްރެސީއަށް ތަބާވުންކަމަށެވެ.

