މިއަހަރު ނިމުމުގެ ކުރިން ދެކުނުގެ އަތޮޅުތައް އާރުޓީއެލް ފެރީގެ ނިޒާމުން ގުޅާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސް ސާލިހް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހުވަދު އަތޮޅާއި ފުވައްމުލައް އަދި އައްޑޫއަށް އާރުޓީއެލް ފެރީގެ ހިދުމަތް ދޭނެ ކަމަށެވެ.
ރައީސް ސާލިހް ވަނީ މިއަދު ރާއްޖޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ފޯރުކޮށްދެމުންދާކަން ފާހަގަ ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީވެ އިގްތިސާދީ ހަރަކާތްތަކަށް ފައްކާވަމުންދާއިރު ވާންޖެހޭ ގޮތެއް އޮވޭ . އެއީ އެރަށްތަކުގެ ގޮނޑުދޮށާ ހަމައިގާ ހުއްޓިފައި އޮންނަ އިގްތިސާދު މުޅި ރާއްޖެއަށް ފަތުރާލުން . އެކަން ކުރެވޭނީ އިތުބާރާ ޔަޤީންކަން އޮތް ބަދަހި ދަތުރު ފަތުރުގެ ނިޒާމަކުން . އެއްރަށް އަނެއްރަށާ އެއް އަތޮޅު އަނެއް އަތޮޅާ ގުޅި ، މުޅި ރާއްޖޭގާ އެކީއެކަށް ހިނގާ އިޤްތިޞާދީ އިންޖީނަކީ މިދެންނެވި ދަތުރު ފަތުރުގެ ނިޒާމް . އެއްގަމާ ، ކަނޑާ ވައިގެ މަގުން ރާއްޖެ ގަތާލެވޭ ގަތާލުން .
ރައީސް ވިދާޅުވީ މިއަދު ރާއްޖޭގެ ދެ ސަރަހައްދެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފޯރުކޮށްދެމުން ދާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ބޮޑު ތިލަދުންމަތި އަދި ފާދިއްޕޮޅުގެ ހުރިހާ ރަށަކަށް ކޮންމެ ދުވަހަކު އާރުޓީއެލް ފެރީގެ ހިދުމަތް ލިބޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އާރް.ޓީ.އެލްގެ ސަބަބުން މުދަލާއި ޚިދުމަތާއި، ވިޔަފާރިއާއި، ސިއްޙަތާއި، ތަޢުލީމާއި، ކުލުނާއި ލޯބިން، އެއްރަށް އަނެއްރަށުގައި އޮތް ގުޅުން ބަދަހިކޮށް ބަނދެ ދޭނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރަށްރަށުގެ މެދުގައި އޮތް ދުރުކަމާއި، ހުސްކަމާއި ފޫހިކަން، މަޑުމަޑުން ނައްތައިލާނެ ވަސީލަތަކީ، ދެއިރު ދެދަޅައަށް ލަފާ ފުރައިގެންދާ، އާރް.ޓީ.އެލް ފެރީ ކަމުގައި ވެގެންދާނެ ކަމުގައިވެސް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.
އާރުޓީއެލް ފެރީގެ އިތުރުން ރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހޯރަފުށި އެއަރޕޯޓް ހުޅުވިފައިވާ ކަމަށާއި އަންނަ މަހު ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވިގެންދާނެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ނ މާފަރު ބައިނަލްއަގްވާމީ އެއަރޕޯޓްގެ އެސްޕެންސަންގެ މަސައްކަތް ފެށި ފ މަގޫދޫއާއި މ މުލީގައި އަޅާ އެއަރޕޯޓް، އެންމެ ލަސްވެގެން މިއަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރ އަތޮޅު އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ ބިން ހިއްކުން ފެށިފައިވާއިރު، ހދ މަކުނުދޫ އާއި ށ ބިލަތްފަހި، ބ ތުޅާދޫ އާއި ތ ވިލުފުށި އެއަޕޯޓް އެޅުމަށް ހިއްކަންޖެހޭ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަތޮޅުތެރޭގައި އަލަށް އެޅޭ އެއަރޕޯޓް ތަކާއިއެކު ޑޮމެސްޓިކް އެއަރޕޯޓްތަކުން ރާއްޖެ ގުޅާލެވިގެންދާނެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ،

