އެންމެ ގިނަ ޑްރަގު އަތުލާ އަދި ނައްތާލީ މި ވެރިކަމުގައިކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޑްރަގު ވިޔަފާރި ހުއްޓުވުމަށް އެންމެ ބޮޑު އަދި ކާމިޔާބު މަސައްކަތެއްކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުންކަމަށް ޝަރީފް ޓުވީޓެއްކުރައްވާފައި މި ވަނީ ދައުލަތުގެ އެއްބާރުލުމާއިއެކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކޮށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅާފައިވަނިކޮށެވެ.
މި މައްސަލަ ހުށައަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ. މައްސަލަގައި ސަރުކާރަށް ދެ ތުހުމަތެއްކޮށްފައިވާއިރު، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ ބިދޭސީއިން ސަލާމަތްވާނެހެން ގާނޫނާއި ހިލާފު ގަވާއިދެއް ހަދާފައިވާކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.
ދާދިފަހުން ވެސް ގަވާއިދުގެ ދަށުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކަށް އެއްވެސް ފިޔަވަޅެއް ނާޅައި ފުރުވާލި މައްސަލަ ފެންމަތިވެފައި ވަނިކޮށް ހަސަން ލަތީފް ހުށައެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމާއި ދެކޮޅަށް ވޯތު ދިނުމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ވަނީ ޓޫ ލައިން ވިޕެއްވެސް ނެރެފައެވެ. އަދި ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ފާހަގަކުރައްވާފައިވާ ގޮތުގައިވެސް މި މައްސަލަ ހުށައަޅާފައިވަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށެވެ.
މި މައްސަލާގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރައްދުދެއްވާ ޝަރީފް ވިދާޅުވެފައިވަނީ އެންމެ ގިނަ މަސްތުވާތަކެތި އަތުލާ، އެ ތަކެތި ނައްތާލާފައިވަނީ މި ވެރިކަމުގައިކަމަށެވެ. އަދި ”މަގުމަތީ ޖެހެން ޖެހެމުން ދިޔަ ޒުވާނުންތައް“ މިހާރު ކުރިން ފެންނަވަރާއި ގާތައް ނުފެންނަކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
Drug viyafaari huttuvumah emme bodu adhi kaamiyaabu masakkatheh kuree @ibusolih ge sarukaarun. Emme gina drug athulaa nahthaalee ves miverikamuga.Magumathee jehen jehemun dhiya zuvaanun thah mihaaraku kurin fennavaraa gaathah ves nufeney
— Ibrahim Shareef (@AdduShareef) February 13, 2023
ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ ކުއްލި މައްސަލައެއް ހުށައަޅައިގެން މަޖިލީހުން ފެނިގެން ދިޔައީ ސަރުކާރު ޒިންމާދާރުކުރުވާ މަސައްކަތެއްނޫންކަމަށެވެ. އަދި އެއީ ސިސްޓަމް ތެރޭ ހުރި ކަންތައްތަކެއް ރަނގަޅުކުރުވުމަށް ކުރެވުނު މަސައްކަތެއްނޫންކަމަށެވެ. އަދި ޝަރީފް ސިފަކުރައްވާފައިވާ ގޮތުގައި އެއީ ސަރުކާރު ބަދުނާމުކުރުމަށާއި، ޒާތީ ހަސަދައެއް ފިލުވާލުމަށް ހިންގި ހަރަކާތެކެވެ.
މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފެތުރިފައި އެބަ އޮތްކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވެފައިވަނީ އަދި އެއީ އެންމެ ގަބޫލުކުރާކަމެއްކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ކުރަނީ ކަމެއް އިސްލާހުކުރުމުގެ ނިޔަތުގައި ކުރާ މަސައްކަތްނޫންކަމަށް ޝަރީފް ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

