ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ސުވާލުކުރާ މީހުންނަށް ޤާނޫނީ އިންޒާރުދިނުމާގުޅޭ އިރުޝާދު: އެނގުން މުހިންމު!

ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޖިނާއީ އަދުލުގެ ނިޒާމު ގާއިމްކޮށްފައިވަނީ އެ ނިޒާމުގެ ތެރެއިން އިންޞާފުވެރި، ދެފުށް ފެންނަ ފިޔަވަޅުތަކެއް އެޅުމަށެވެ. ކުށްނުކުރާ މީހަކު ކުށެއްގައި ބެދުމަކީ، ކުށް ކުރި މީހަކު ސަލާމަތްވެގެން ދިއުމަށްވުރެ މާ ގޯސް ކަމެކެވެ. ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅުމަށް އުފެއްދި ނިޒާމެއްގެ ތެރެއިން ކުށް ނުކުރާ މީހާއަށް އަނިޔާއެއް ލިބުމަކީ ގަބޫލުކުރެވޭނެކަމެއް ނޫނެވެ. ހަމައެހެންމެ ކުށްކުރާ މީހުންނަށް ނިޒާމުން ރެކިގަނެވިގެންވެސް ނުވާނެއެވެ.

ޖިނާއީ މައްސަލައެއްގައިނަމަ އެކުށެއް ތަހުގީގު އިދާރާތަކުން ހިންގުމަށްފަހު، އެ ތަހުގީގަށް ހޯދޭ ހޯދުމެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރެލްގެ އޮފީހަށް ފޮނުވާއިރު، ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙުޤީޤުތައް ބަލައި އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަކީ ގާނޫނުން ޕްރޮސެކިއުޓާ ޖެނެރެލްގެ މައްޗަށް މަތިކުރާ ޒިންމާއެކެވެ. އެހެންކަމުން މީހަކަށް ދައުވާ ކުރެވެން އަންނަނީ އެތައް ގޮތަކުން އެ މައްސަލަ ތަހުގީގުކޮށް، އެތައް ގޮތަކުން ބެލުމަށްފަހުއެވެ.

ބައެއް މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާއާއި ދެކޮޅަށް ފުލުހުން ގަދަކަމުން ހެކި ހޯދާކަމުގެ ވާހަކައަކީވެސް އަޅުގަނޑުމެންނަށް އިވޭ ވާހަކަތަކެކެވެ. ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކުރި ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިޔާގެ ޕްރޮފެސަރ ޕޯލް އެޗް ރޮބިންސަންގެ ރިޕޯޓުގައި މިކަމަށް ފާޑުކިޔާފައިވެއެވެ. އެގޮތުން ރާއްޖޭގައި ކުށް ސާބިތުވާ މީހުންގެ ނުވަދިހަ އިންސަތަ މީހުންގެ މައްޗަށް ހެކި ނުހުންނަކަމާއި، ކުށް ސާބިތުވަނީ އިޢުތިރާފުގެ މައްޗަށްކަމަށް އޭނާގެ ލިއުމުގައި ބުނެފައިވެއެވެ. ހެކީގެ މައްޗަށް ބަލައި ކުށް ސާބިތުކުރުމުގެ ސަޤާފަތެއް ރާއްޖޭގައި ނޯންނަކަމަށް ދޭހަކޮށްދީފައިވާއިރު، އިލްމީ ދިރާސާތަކުގެ މައްޗަށް ލިޔެފައިވާ އެ ރިޕޯޓުގައި ފުލުހުން ގަދަކަމުން ބަޔާން ނަގާކަމާއި މި ނިޒާމު ހިނގަނީ އަނިޔާވެރިކޮށް ކަމަށް ލިޔެފައިވެއެވެ.

މީގެ 13 ވަރަކަށް އަހަރުކުރިން ހަނުހުރުން، ރާއްޖޭގައި އަސާސީ ހައްގަކަށް ހެދީ މިކަމަށް ހައްލެއް ހޯދުމަށެވެ. އައު ޤާނޫނުއަސާސީއާއިއެކު އިޢުތިރާފުގެ މައްޗަށް މައްސަލަ ނިންމަމުން އައި ނިޒާމު ކުއްލިއަކަށް ހެކީގެ މައްޗަށް މައްސަލަ ނިންމާ ނިޒާމަކަށް ހިޖުރަކުރީއެވެ. ހަނުހުރުމުގެ ޙައްޤާ ގުޅޭ ޤާނޫނު ފާސްކުރިތާ އަދި މިވީ 5 ވަރަކަށް އަހަރެވެ. އެހެންކަމުން، ހަނުހުރުމުގެ ޙައްޤު ތަންފީޒުކުރާނެ ގޮތާބެހޭ ބައިވަރު ސުވާލުގެ ޖަވާބު އަދިވެސް ނުލިބި އެބަހުއްޓެވެ.

ހަނުހުރުމުގެ ޙައްޤު ތަރުތީބު ކޮށްފައި އޮތް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައި ހަނުހުރުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބުނެފައިވާއިރު، އެ މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތުން އޭނާގެ ފަރާތުން ދެވޭ މަޢުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މަޢުލޫމާތެއް ކަމުގައިނުވާނަމަ، އެ މަޢުލޫމާތެއް ޤާނޫނު ތަންފީޒުކުރާ އިދާރާއަށް ހާމަކުރަންވާނެއެވެ. އެޙާލަތުގައި ހަނުހުރުމުގެ ޙައްޤުގެ ބޭނުމެއް ނުކުރެވޭނެކަމަށް އޮވެއެވެ.

ހަނުހުރުމުގެ މާނައަކީ، ތިމާގެ އަމިއްލަ ނަފުސާ ދެކޮޅަށް ހުރި ހެކި ހާމަނުކޮށް ހަނުހުރުމެވެ. ނަމަވެސް ތިމާއާއި އެއްކޮޅަށް ހުރި ހެކި ހާމަކުރެވޭނެއެވެ. އެއީ އިޖުރާއަތުގެ ޤާނޫނުގައިވެސް އޮތް ވާހަކައެވެ. ތުހުމަތުކުރެވޭ މީހާއާއި އެއްކޮޅަށް ހުރި ހެކި ހާމަނުކުރުމުގެ ސަބަބުން އޭނާއާ އެއްކޮޅަށް ހުރި ހެކި ނުދެއްކިވާ ހާލަތެއްގައި ނިޒާމުގެ ތެރެއިން އޭނާއަށް ދައުވާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީހަކު ހަނުހުންނަނަމަ، އެމީހަކަށް ހަނުހުރުމުގެ ނަތީޖާ ކިޔައިދިނުމަކީ މުހިންމުކަމެކެވެ. ތުހުމަތެއްގައި ބަންދުކުރެވޭ ކޮންމެ މީހަކީ އެކަމުގެ އިލްމު އެންމެ ރަނގަޅަށް ހުރި މީހަކަށް ނުވެދާނެއެވެ. ހަނުހުރުމުގެ ހައްގާއި ގުޅޭ ގޮތުން އެންމެ ހޭލުންތެރިނޫން މީހާއަށް، މިކަން ސާފުނުވެ އޮތުމުގެ ސަބަބުން ނުޙައްޤުން އަދަބެއް ލިބުމަކީ ދުރުގައި އޮންނާނެ ކަމެކެވެ.

ޖިނާއީ އިޖުރާއަތުގެ 47 ވަނަ މާއްދާގެ (ބ) ގައި އޮތް ވާހަކަ ނޭނގުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުވުމަށްޓަކައި ނިޒާމީ ގޮތެއްގައި، ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން ހަނދާންކޮށްދޭއިރު، ހަނުހުރެ، ތިމާއާ އެއްކޮޅަށް ހުރި ހެކީގެ ވާހަކަ ނުދައްކުމަކީ ހަނުހުރުމުގެ ތެރެއިން ވާ ކަމެއް ނޫންކަން މިހާރު ތަހުގީގީ އިދާރާތަކުން މިހާރު ހަނދާންކޮށްދެއެވެ. ފުލުހުންނަށާއި، ތުހުމަތުގައި ހުރި މީހާއަށްވެސް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން އެކަން ހަނދާން ކޮށްދޭކަން ރެކޯޑުވެސް ކުރެއެވެ. އަދި މިހެން ކަންކޮށްފައި އޮތުމުން ދަޢުވާ ކުރުމާމެދު ގޮތެއް ނިންމާއިރު، ހަނުހުންނަ މީހާއަށް ލިބިދޭ ޙައްޤުތަކާއި އިލްތިޒާމުތައް ސާފުކޮށް ކިޔައިދީފައިވާކަން ޕްރޮސިކިއުޓަރަށްވެސް މި މަގުން އަމަލުކުރުމުން ޔަޤީން ކުރެވޭނެކަމަށް ކަނޑައެޅިއެވެ.

މިކަންކަން ހާސިލުކުރުމަށްޓަކައި، ”ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ސުވާލުކުރާ މީހުންނަށް ޤާނޫނީ އިންޒާރުދިނުމާގުޅޭ އިރުޝާދު“ ގެ ނަމުގައި އިރުޝާދެއްވެސް 2021 ވަނަ އަހަރުގެ ތެރޭގައި ވަނީ ނެރެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: