ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުބޮޑުވުން، ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވުމާއި، އިންފްލޭޝަނަށް އައި ބޮޑެތި ބަދަލުތަކާއި އެކު މުދަލުގެ އަގު އިންތިހާއަށް ވަނީ އިތުރުވެފަ އެވެ. އަދި ޓެކްސް ބޮޑު ކުރުމާއި އެކު ވެސް ތަކެތީގެ އަގު އުފުލުމުގެ ކަންބޮޑުވުން އާއްމުންގެ އެބައޮތެވެ.
ކުރިޔަށް އޮތީ ރަމަޟާން މަސްކަމަށްވުމާއި އެކު، އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގައި ވަނީ ސަރުކާރުން ޖީއެސްޓީ ބޮޑު ކުރުމާއި އެކު، މުދަލައި ހިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ ރައްޔިތުންނަށް ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމަށެވެ. އެހެންވެ، ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ގޮވާލައި އާދަމް ޝަރީފްގެ ގަރާރުގައި ވަނީ ރާއްޖޭގެ މުދަލުން ނަގާ ޖީއެސްޓީ ބޮޑު ކުރުމާއި އެކު ދިވެހިން ދިރިއުޅުމުގައި އާއްމުކޮށް ބޭނުން ކުރާ ކާބޯތަކެއްޗާއި މުދަލާއި ހިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން 07 އިންސައްތަ ބޮޑުވެފައިވާ ކަމަށެވެ.
މި އަދަދު ވޭތުވެ ދިޔަ އަހަރުގެ ތެރެގައި 7.82 އިންސައްތަ އިތުރުވެ، ނިސްބަތުން 75 އިންސައްތައަށް ވުރެ މައްޗަށް އިންފްލޭޝަން އުފުލިފައިވާކަމަށް ގަރާރުގައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ އަގުތައް 4.3 އިންސައްތަ ބޮޑުވެފައިވާކަން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ރައްޔިތުން ކަންބޮޑުވާ މިންވަރަށް އިންފްލޭޝަން އުފުލި، ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތަކާއި އަދި ހިދުމަތުގެ އަގު އުފުލިގެންދާއިރު ރޯދަ މަހަށް ދިވެހިން އާއްމުކޮށް ބޭނުން ކުރާ ކާބޯތަކެތީގެ އެކި ބާވަތްތަކުގެ އަގުތައް ކުރިޔަށް ވުރެ ބޮޑުވަމުންދާއިރު ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ރައްޔިތުން ގިނަކަން އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އާމްދަނީ އިތުރު ކުރެވޭނެ ވަސީލަތެއް ނެތުމާއި ޖުރިމަނާ އާއި އެހެނިހެން ނަންނަމުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިއުމަކީ ކަންބޮޑުވުމެއްކަމަށް ވިދާޅުވި އެވެ.
އާދަމް ޝަރީފް ގޮވާލާފައި ވަނީ، ދިވެހި ސަރުކާރުން ބޮޑު ކުރި ޖީއެސްޓީ އަލުން މުރާޖައާ ކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިދުމަތުގެ އަގުތައް ރައްޔިތުން އަތް ފޯރާ ހިސާބަށް ކުޑަ ކުރުމަށެވެ. އެއާއި އެކު ރޯދަ މަހަށް ހާއްސަ ސަމާލުކަމެއް ދީގެން ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރުމަށް ވަނީ ގޮވާލާފަ އެވެ.

