ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ފެކްޝަނާއި އެކު މަސައްކަތް ނުކުރަން، ޝައުގެއް ވެސް ނެތް: އަބްދުއްރަހީމް

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކަށް އިދިކޮޅުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ގުޅިގެން ކުރާ މަސައްކަތެއް ނެތްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފަހަކަށް އައިސް ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން އިދިކޮޅަށް އެންމެ ބޮޑަށް ކުރާ ތުހުމަތަކީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމާއި ގުޅިގެން ޕީޕީއެމް ޕީއެންސީ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެކި ގަރާރުތަކާއި އަދި ކުއްލި މައްސަލަތަކަކީ އެއީ ދިކުރެއްގެ ދިރުންގެ މެމްބަރުން އަޑީގައި ތިބެގެން ހުށަހަޅާ މައްސަލަތަކެއްކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ރައީސް ނަޝީދާއި ގުޅިގެން ސިޔާސީ މަސައްކަތްތައް ކުރަމުންދާކަމަށް ތުހުމަތުތައް އަމާޒު ކުރެވުނު ނަމަވެސް އެއަށް ރައްދު ދީ އިދިކޮޅުން ބުނެފައި ވަނީ އެފަދަ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ހާއްސަކޮށް އެމްޑީޕީގެ އެތެރޭގެ މައްސަލަތަކަށް އިދިކޮޅުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށާއި އެކަމުގެ ފައިދާއެއް ނަގަން ވެސް ބޭނުން ނުވާކަމަށް ވަނީ ބުނެފަ އެވެ.

ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިޔަށް ގެންދާ ކެމްޕެއިންގެ ތެރެއިން މާފުށީގައި އޮތް ހަރަކާތަށް ފަހު ނޫސްވެރިންގެ ސުވާލަށް އަބްދުައްރަހީމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އޮތް ބައިބައިވުންތަކާއި މެދު ވިސްނުމަށް ބޭނުން ނުވާކަމަށެވެ. މަސައްކަތް ކުރަމުން ދަނީ ޕީޕީއެމްގެ ފިކުރު ކާމިޔާބު ކުރުމަށްކަމަށާއި އަމާޒަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުންކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ގައުމާއި މެދު ވިސްނާމަ، ރައްޔިތުންނަށް ފައިދާ ހުރި ގޮތްތައް ނަތީޖާއެއްގެ ގޮތުގައި ނިކުންނާނެކަމުގެ އުންމީދު ކުރާކަމަށެވެ.

”އަޅުގަނޑުމެންގެ ފޯކަސްއެއް ނެތް އެމްޑީޕީގެ އެތެރޭގެ މައްސަލަތަކަށް.. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޕީޕީއެމްގެ ފިކުރުގައި ޕީޕީއެމްއަށް އިންތިހާބު ކާމިޔާބު ކުރުމަށް.. އެހެންވީމަ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޕާޓީއާއި ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުންނާއި، ރައީސް ޔަމީންގެ ސަޕޯޓަރުން މަސައްކަތް ކުރަމުން މި ދަނީ މި އިންތިހާބު ކާމިޔާބު ކުރުމަށް.. ދެން އެމްޑީޕީގެ ފެކްޝަންތައް މަސައްކަތް ކުރާ ގޮތް.. އެއީ އަޅުގަނޑުމެން ބަލާ ކަންކަމެއް ނޫން..“ އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ މިއަދު އެމްޑީޕީގެ އެތެރެއިން ވެސް ފެންނަނީ، މި ސަރުކާރު ބަލައިގަތުމަށް ދެކޮޅު ހަދާ މަންޒަރު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އެ ކޯޅުންތައް، ތަކުރާރު ވަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިޔަށް އޮތް ގުރައިދޫ ދާއިރާގެ ބައި – އިލެކްޝަނުގައި ގައުމަށް ހެޔޮ އެދޭ ރައްޔިތެއް އެއީ ކޮންމެ ފިކުރަކަށް ނިސްބަތްވާ މެމްބަރެއް ނަމަވެސް އުމްމީދަކީ ޕީޕީއެމްގެ ކެނޑިޑޭޓަށް ވޯޓު ދިނުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުގައި ކުރާ އެއްވެސް މަސައްކަތަކަށް، އެއްވެސް ސިފައެއްގައި އެމްޑީޕީއާއި އެކު މަސައްކަތް ކުރެވިފައި ވާނެ ތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދަޅުވީ އިދިކޮޅުން ގަރާރުތައް ހުށަހަޅަނީ އަލަށް ނޫން ކަމަށެވެ. މަޖިލީސް ފެށިގެން މިއަދާއި ހަމައަށް އައިއިރު ރައްޔިތުންގެ ކަންބޮޑުވުން އެކުލެވޭ އެތައް ކަމަކަށް ކުއްލި މައްސަލަތަށް ހުށަހެޅިކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަދު އެމްޑީޕީގެ ބައެއް މެމްބަރުން އިދިކޮޅުން ހުށަހަޅާ މައްސަލައަކަށް ބަހުސް ކުރުމަކީ އެއީ ގުޅިގެން ކުރާ މަސައްކަތެއްކަމަށް ދެއްކޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެއީ އެ ޕާޓީން ހުށަހަޅާ ގަރާރުތައް، ތާއީދު ކުރުމެއް ނޫންކަމަށާއި ނުވަތަ ގުޅިގެން ވަކި ކަމަކަށް އެއްބަސްވެގެން ކުއްލި މައްސަލަތައް ހުށަހެޅުން ނޫންކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

”އެއްގޮތަކަށް ވެސް އެބޭފުޅުންނާއި ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރަނީ އެއް ނޫނޭ.. ނުވަތަ ޑްރާފްޓު ކުރާ އެއްޗަކަށް ވާހަކަ ދައްކަނީ ވެސް ނޫނޭ.. އެއްއަށް ވުރެ މާ ރަނގަޅު މަސައްކަތް ކުރާ ޕާލިމަންޓް ގުރޫޕެއް މިއީ މީސްކޮޅު މަދު ނަމަވެސް.. އެހެންވީމަ ފެށުނީއްސުރެ އަޅުގަނޑުމެން ކުރަމުން ދިޔަ މަސައްކަތް މިއަދު އެބޭފުޅުންނަށް ގަބޫލު ކުރެވެނީ…“ އަބްދުއްރަހީމް

މިއީ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވާ ދެވަނަ ފަހަރުކަން ފާހަގަކޮށް ނޫސްވެރިން ވަނީ ށ. ކޮމަންޑޫ ދާއިރާއަށް ދައުލަތުން ނުފޫޒު ފޯރުވިކަމަށް ބުނެ އިދިކޮޅުން އޭރު ކުރި ތުހުމަތުތައް ފާހަގަ ކުރައްވާފަ އެވެ. އަދި އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާއިރު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅުން ހުރި މައްސަލަތަކެއް ވެސް އެ ކޮމިޝަނަށް ހުށަހަޅާފައިވާއިރު އެކަމުގެ ނަތީޖާއެއް ފެނޭތޯ ނޫސްވެރިން ސުވާލު ކުރި އެވެ.

ޖަވާބުގައި އަބްދުރައްހީމް ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ކުރި ބޮޑެތި ހަރަދުތައް ރައްޔިތުންނަށް ވަރަށް ގާތުން ފެނުނު ކަމަށެވެ. އޭރު އެންމެ ބޮޑަށް ދެއްކީ ދެ ކޮމަންޑޫ ގުޅުވާލުމުގެ ވާހަކަތައް ނަމަވެސް ގޮނޑި ލިބުމާއި އެކު ދާއިރާއަށް ގެނެސްދޭނެކަމަށް ބުނި ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓުމަކަށް އައިސްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: