ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ބާރުގެ ވެރިން ސިޔާސީ ހަލަބޮލިކަމުން ދުރުވެ، ތިބެން ޖެހޭނީ ރައްޔިތުންނަށް ހިދުމަތް ކުރަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ. ގުރައިދޫ ދާއިރާ ބައި އިލެކްޝަން ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ތިން ބާރުގެ ވެރިންނަކީ ސިޔާސީ ހަލަބޮލިކަމުން ދުރުވެ، ރައްޔިތުންގެ ހިދުމަތުގައި ދެމި ތިބެން ޖެހޭ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަ ކުރާ އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކައިގައި ރައީސް ވަނީ ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ސަރުކާރާއި ދެކޮޅު ވާން ޖެހޭ ބައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި މަސައްކަތް ކުރަން ޖެހޭނީ ސިޔާސީ ހަލަބޮލިކަމުން ދުރުވެ، ރައްޔިތުންނަށް ހިދުމަތް ކުރުމަށްކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ދައުރަކީ ގާނޫނުތައް ހެދުން އެކަނިކަމަށް ގަބޫލު ކުރެވުނަސް އެއަށް ވުރެ ފުޅާ މާނައެއްގައި ކުރަން ޖެހޭ މަސައްކަތްތައް ގިނަކަމަށް ރައީސް ވިދާޅުވި އެވެ. ހާއްސަކޮށް ރައްޔިތުންގެ ބޭނުމާއި، ވިސްނުމާއި އެއްގޮތަށް އެ ދާއިރާއެއްގެ ރަށްތަކަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމުގައި އެންމެ އިސްކޮށް ހުންނަވަނީ އެ މެމްބަރެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އޭރަކު އޮންނަ ސަރުކާރަކަށް އެއްބާރުލުން ދިނުމުގެ ވިސްނުން މެމްބަރުގެ ހުރުމުން ދާއިރާއަށް ތަރައްގީ ގެނައުމުގައި ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ވިސްނުން ހުރި ގޮތް 2018 ގެ ރިޔާސީ އިންތިހާބުން ފެނިގެން ދިޔަކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭރުގެ އެ އިންތިހާބުގައި ގުރައިދޫން އެމަނިކުފާނަށް 55 އިންސައްތައަށް ވުރެ މަތީން ވޯޓު ލިބުނު ކަމަށެވެ.

”މާނައަކީ މި ދާއިރާގެ ރައްޔިތުން ތިބީ މި ސަރުކާރާއި އެކީގައޭ.. ކުރިޔަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ތިބޭފުޅުން ލައްވާއިރުގައި މެމްބަރަކު ހޮއްވަވާއިރުގައި ރައްޔިތުންގެ ވިސްނުން އެދުވަހު ހުރި ގޮތަށް ވިސްނަވަން ވާނެ..“

ރައީސް ވިދާޅުވީ ގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ޝާޒްގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެއީ ގެއްލިގެން ދާނެ ވޯޓެއް ނޫންކަމަށާއި ދާއިރާގެ ތަރައްގީއަށް ކުރަމުން ދާ މަސައްކަތަށް ޝާޒްގެ ތާއީދު ލިބޭނެކަމާއި މެދު ޝައްކު ނުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކަށް ވީ ސިޔާސީ ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ކަމަށެވެ. ހާއްސަކޮށް ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ، ސަރުކާރެއް ހިންގަމުގެ މުހިންމުކަން ގަބޫލު ކުރެއްވިކަމަށް ރައީސް ވިދާޅުވި އެވެ.

ދައުލަތެއްގައި އޮންނަން ޖެހޭނީ ތިން ބާރު ވަކިވެފައިކަމަށާއި، ރައްޔިތުން ހަވާލު ކުރާ މަގާމަކަށް އައުމަށް ފަހު މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައިކަމަށް ރައީސް ތަކުރާރު ކުރެއްވި އެވެ.

އެހެންވެ ރައީސް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރުމަށް ބޭނުން ވަނީ ސިޔާސީ ހަމަނުޖެހުންތަކުން ދުރުވެ ކަމަށެވެ.

”ގައުމެއްގެ ވެރިކަމުގައި ހުރި މީހެއްގެ މަސައްކަތަކަށް ވާން ވާނީ.. ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ ރައްޔިތުނަށް ވެފައި އޮތް ވައުދު ފުއްދުން.. އެއީ ހަމައެކަނި ސަރުކާރެއް ހިންގުމުގެ އެންމެ އިސްވެރިއަކު ކުރަން ޖެހޭ ގޮތެއް ނޫން.. ތިން ބާރުގެ ވެރިން ވެސް އެކަން ކުރަން ވާނެ ގޮތް.. ސިޔާސީ ހަލަބޮލިކަމުން ދުރުވެ އެ މީހެއްގެ ކުރިމަތީ އޮންނަން ވާނީ ރައްޔިތުންނަށް ހިދުމަތް ކުރުން.. އެއީ އުއްތަމަ ފަނޑިޔާރުކަމަށް ވިޔަސް.. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވިޔަސް އަދި ސަރުކާރު ހިންގަން ހުރި ރައީސުލްޖުމްހޫރިއްޔާއަށް ވިޔަސް.. އިންތިހާބު ކުރާ މަގާމަކަށް އައުމަށް ފަހު އެ ނޫންކަމެއް އޮވެގެން ނުވާނެ..“

ރައީސް ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް ތަރައްގީ ގެނެވުނީ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރެވުނީތީ ކަމަށެވެ. އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދޭންކަމަށް ރައީސް ވިދާޅުވި އެވެ.

ތިން ބާރުގެ ވެރިންނަކީ ސިޔާސީ ވާން ޖެހޭ ބައެއް ނޫންކަމަށް ވިދާޅުވެ، ރައީސް ނުސީދާ އިޝާރާތެއް ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެމްޑީޕީގެ ރައީސެއްގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދު ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ އެކަމާއި މެދު ޕާޓީގެ މެމްބަރުން ދަނީ ނުރުހުންފާޅު ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ރައީސް ނަޝީދު ވަނީ އެކި ފަހަރު މަތީން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މީގެއިތުރުން ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ވެސް ރައީސް ސޯލިހަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަ އެވެ. 2023 ގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލާއި ދެކޮޅަށް، ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެކު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: