ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގިކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރެވޭ ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު އިލްތިމާޒް ކުރައްވައިފިއެވެ.
ކްރިމިނަލް ކޯޓުގައި ފުއްގިރީގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ދިޔަ ވަގުތު ރައީސް ޔާމީން އަށް ވާހަކަދައްކަވަން ފުރުސަތުލިބިވަޑައިނުގަތް މައްސަލައެއް ފެންމަތިވެފައިވަނިކޮށް އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ ހިނގަމުންދާ މައްސަލައަކީ އިދިކޮޅު ކޯލިޝަނުން ލައިވްކޮށްދިނުމަށް އެދިފައިވާ މައްސަލައެއްކަަމަށެވެ. އެހެންކަމުން އެދިވަޑައިގެންފައިވާ ގޮތުގެ މަތިން ރައީސް ޔާމީންގެ މައްސަލައިގެ ޝަރީއަތް ލައިވްކޮށްދެއްވުމަށް އިލްތިމާޒްކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، އާންމުނަސް ރާއްޖޭގެ ޝަރުއީ ނިޒާމުގެ ކަންކަން ބައްޓަންވެފައިވާގޮތް ސާފުވެގެންދާނީ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިއުމުންކަމަށެވެ.
Criminal Court gai hingamundhaa Fuggireege massala live kohdhinumah Criminal Court gai dhannavaafaivaane! Ekan kohdhevvumah ilthimaas kuran. Shareeaiy live kurumun judiciary nizaamuge kankan hingamundhaa gothuge aammunnah engey minvaru ithuruvaane!
https://t.co/ogmkLpG7MS— Adam Shareef Umar (@Adamshareefz) April 18, 2023
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ޝަރީއަތް ލައިވްކޮށްދެއްވުމަށް އާދަމް ޝަރީފް އެދިވަޑައިގެންނެވި އިރު، އެންމެ ފަހުން ކުރިއަށް ގެންދިޔަ އަޑު އެހުމުގައި ރައީސް ޔާމީންއަށް ވާހަކަދެއްކެވުމަށް ފުރުސަތު ލިބިވަޑައިނުގަތެވެ. ފުރުސަތު ލިބިވަޑައިނުގަތީ ރައީސް ޔާމީން އަލިއަޅުއްވަން ބޭނުންވެވަަޑައިގެންނެވި މައުޟޫއަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ގޮތް ނިންމާފައިވާތީއެވެ. މި މައްސަލަ އާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ނަދީމު ނިންމަވާފައިވަނީ ކުރިން މައްސަލަ ބެއްލެވި ގާޒީ ކުރިއަށް ގެންދެވި ހިސާބުން ފެއްޓެވުމަށެވެ.

