ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ނޫން އެހެން ނަމަކާއި މެދު ވިސްނަން އިދިކޮޅުން ބޭނުމެއް ނޫން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން އާއި، ރިޝްވަތުގެ ކުށުގައި ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް އިދިކޮޅުން ގަބޫލު ކުރަނީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އިސްތިއުނާފަށް ހުށަހަޅާފައިވާ އެ މައްސަލައިގައި، ހައިކޯޓު މަރުހަލާ ނިމި ސުޕްރީމް ކޯޓާއި ހަމައަށް ރިޔާސީ އިންތިހާބުގެ ކެނޑިޑެސީ ބަލައިގަތުމުގެ ކުރިޔަށް ދެވިދާނެ ހާލަތެއް އުފަން ވި ނަމަވެސް ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ އިތުރު މައްސަލައެއްގެ އަޑުއެހުންތައް ދަނީ ކުރިޔަށެވެ.

ނިހާއީ ހުކުމެއް ނެތުމާއި އެކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވޭނެކަމުގެ ޔަގީންކަމާއި އެކު އިދިކޮޅުގެ ލީޑާޝިޕް އޮތް ނަމަވެސް ފުރުސަތު ގެއްލިއްޖެ ހާލަތެއްގައި ދެން އަމަލު ކުރާނެ ގޮތަކާއި މެދު ޕާޓީގެ ތެރޭގައި ދެބަސްވުންތަކެއް އުފެދިފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި ރިޔާސީ ޓިކެޓު ހޯދުމަށް ބައެއް ބޭފުޅުން މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތު ކުރެވި، އެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ރައީސް ޔާމީންގެ ކެނޑިޑެސީގެ ދިފާއުގައި އިދިކޮޅުން ނިކުމެ ވާހަކަ ދައްކާފައި ވަނީ، ޕާޓީން ދާދިފަހުން އިސްތިއުފާ ދިން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒްގެ ބައެއް ވާހަކަތައް މީޑިއާތަކުގައި ފެންމަތިވެފައި ވަނިކޮށެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ، ރައީސް ޔާމީންގެ ރިޔާސީ ޓިކެޓާއި ދެކޮޅަށް ވާހަކަ ދައްކާކަމުގެ ތުހުމަތެވެ. އަދި މާލޭގެ މޭޔަރު އަދި ޕީޕިއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކެމްޕެއިން ކުރައްވާކަމުގެ ވާހަކަތައް ވެސް ދެކެވުނެވެ. ސުލޫކު ކޮމިޓީގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރަމީޒް، އެކަމަށް އިންކާރު ކުރެއްވި އެވެ. އެހެންކަމުން، އޭނާ މަގާމުން އިސްތިއުފާ ދިނީ ކޮން ސަބަބަކާއި ހުރެކަން ސާފެއް ނޫނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަށް ފުރުސަތު ގެއްލިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިވާ ކަމަށެވެ. އަދި އެހެން ރިޔާސީ ކެނޑިޑޭޓެއްގެ މައުޟޫއު ޕާޓީގެ ތެރޭގައި އުފެދެންވީ ސަބަބެއް ނެތްކަމަށާއި، އެކަމުގެ ބަހުސެއް ނުވަތަ މަޝްވަރާއެއް ވެސް އެއްވެސް ސިފައެއްގައި ކުރިޔަށް ނުދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނާއި ރިޔާސީ ޓިކެޓު ހަވާލު ކުރީ، ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ކަމަށެވެ.

ރޯދަ މަސް ނިމުމާއި އެކު ކެމްޕެއިނުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ، އެ މަސައްކަތް ވެސް ކުރިޔަށް ގެންދާނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށެވެ.

މިވަގުތު އިދިކޮޅުގެ އޮތް ކަންބޮޑުވުމަކީ، ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް އިސްތިއުނާފުކޮށްފައިވީ ނަމަވެސް އަޑުއެހުމެއް ތާވަލުކޮށްފައި ނުވުމެވެ. އެންމެ ފުރަތަމަ މައްސަލަ ހުށަހެޅުމުން، ބައެއް އިސްލާހުތައް ގެންނަން ޖެހޭކަމަށް ބުނެ މައްސަލަ އަލުން އަނބުރާ ފޮނުވާލީ ގިނަ ދުވަހު ކޯޓުގައި މައްސަލަ ބޭއްވުމަށްފަހުކަމަށް ވާތީ އެކަމާއި ގުޅޭގޮތުން ވެސް އިދިކޮޅުން ކަންބޮޑުވުންފާޅު ކުރި އެވެ. އަދި މިވަގުތު އިސްތިއުނާފު ބަލައިގަނެފައިވާއިރު އަޑުއެހުންތައް ނުފެށި ލަސްވާ ސަބަބާއި ގުޅޭގޮތުން ކަންބޮޑުވުންފާޅު ކުރި އެވެ.

ކޯޓުގައި އެހެން މައްސަލަތަކެއް ހުރުމުގެ ސަބަބުން، އިސްތިއުނާފު އަވަސް އަރުވާލައިގެން ކުރިޔަށް ގެންދަން ނުޖެހޭކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ. އެކަމުގެ ރައްދުގައި މިއަދު އިދިކޮޅުން ބުނެފައި ވަނީ، މިއީ ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ މައްސަލައަކަށްވާއިރު އެ ހައްގު ގެއްލިގެން ނުވާނެ ކަމަށެވެ.

ވަސީލަތްތައް ނެތްކަމަށް ބުނެ، ނުވަތަ ކުރިޔަށް ގެންދަން ޖެހޭ އެހެން ޝަރީއަތްތައް ފުނިޖެހިފައިވާކަމުގެ ބަހަނާ ދައްކައި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ލަސް ކުރުމަކީ އެއީ ބަލައިގަނެވޭނެ އުޒުރެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ހާއްސަކޮށް ރައީސް ޔާމީންގެ ޝަރީއަތަކީ، އެތައް ހާސް ދިވެހި ރައްޔިތުންނެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނަކީ ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އިދިކޮޅު ލީޑަރުކަމަށެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ތަކުރާރު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ވޯޓާއި ދެމެދު ބާކީ އޮތީ ފަސް މަސް ދުވަސް ކަމަށެވެ. އެހެންކަމުން އެއްވެސް ގަބޫލު ކުރެވޭ ސަބަބެއް ނެތި، މައްސަލަ ލަސް ކުރުން ބަލައިނުގަނެވޭކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، އާއްމު ގޮތެއްގައި ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުންތައް ހަތަރު އަޑުއެހުމުން ނިންމާލެވޭނެ ކަމަށެވެ. އެހެން ކަމުން ކޯޓުގައި ބެކްލޮގުތައް ހުރުމަކީ އެތައް ރައްޔިތުންނެއްގެ ހައްގު ގެއްލެން ޖެހޭ ސަބަބެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ތަފާތު އެކި ފަހަރު މަތީން އެމަނިކުފާނުގެ ގާނޫނީ ޓީމުން މީޑިއާތަކާއި ބައްދަލު ކުރި އެވެ. އެގޮތުން، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ހުކުމް ރިޕޯޓު އާދަޔާ ހިލާފު ބައެއް ކަންކަން ފާހަގަވެފައިވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ، ހުލާސާ ބަޔާނާއި ހުކުމުގެ ރިޕޯޓާއި ދިމާ ނުވާކަމަށާއި ރިޕޯޓުގައި އޮތީ ދައުލަތުގެ ބަޔާނުގެ ކޮޕީއެއް ކަމަށެވެ. އިންސާފުވެރިކަމާއި އެކު މައްސަލަ ކުރިޔަށް ގެންގޮސްފި ނަމަ ރައީސް ޔާމީން ހައިކޯޓުން މިނިވަންވުމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޖަމީލް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: