ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް މައްސަލައިގައި ސަރުކާރުގެ ރައްދު ޕީޕީއެމްއަށް: އިދިކޮޅުން ބޭނުން ވަނީ އޮޅުވާލައި، ނަފްރަތު އުފައްދަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: (ފޮޓޯ: ރައީސް ޔާމިން، ވަގުތު، ރައީސް ސޯލިހު މިހާރު)
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްއިން  އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށައެޅުމާއި އެކު، މައްސަލައަށް ހައްލުހޯދައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް ނިންމެވީ ވަޒީރުންގެ މަޖީލީހުން އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހުކަމަށް ސަރުކާރުން ބުނެފި އެވެ.

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ޗާގޮސްގެ މައްސަލައިގައި ބަހުސްތައް ފެށިފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީގެ ބައެއް ސޯޝަލް މީޑިއާގައި އާއްމުވުމުންނެވެ. އެ ސިޓީ އާއްމުވީ ރާއްޖެއާއި ޗާގޮސްގެ މެދުން ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމާއި ގުޅޭގޮތުން ބައިނަލްއަޤުވާމީ ކަނޑުތަކާއި ބެހޭ ޓްރައިބިއުނަލުގައި ކުރިޔަށް ދާ މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 28 ވަނަ ދުވަހަށް ތާވަލުކޮށްފައި ވަނިކޮށެވެ.

މިއީ އައްޑޫގެ ދެކުނުން އޮންނަ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ބައިނަލްއަޤުވާމީ ގޮތުން ބަލައިގަނެފައިވާ ޗާގޮސް އާއި ރާއްޖެ ދެމެދުގެ ކަނޑުގެ ސަރަހައްދުގެ އިހްތިސޯސް ފުށުއަރާކަމަށް ބުނެ އެ ގައުމުން ބައިނަލްއަޤުވާމީ ޓްރައިބިއުނަލަށް 2019 ގައި ހުށަހެޅި މައްސަލަ އެވެ. ކަނޑުތަކާއި ބެހޭ އދ. ގެ މުއާހަދާތަކުގައި ވާގޮތުން، ވަށައިގެން ކަނޑު އޮންނަ ގައުމުތަކުގެ ހިކި ފަސް ބިން ނުވަތަ އައްސޭރިފަށުން ފެށިގެން 200 މޭލު އެ ގައުމެއްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒީން (އީއީޒެޑް) ގެ ގޮތުގައި ކަނޑައެޅޭނެ އެވެ.

އެއަށް ފަހު ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބަލައިގަތުމަށް އދ. ގައި ވޯޓު ދިނުމަށް އެއްބަސްވެފައިވާކަމަށް ދިވެހި ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހާމަ ކުރި އެވެ. މީގެ ކުރިން ރާއްޖެއިން އަބަދުވެސް ވޯޓު ދެމުން އައީ އިނގިރޭސިވިލާތާއި އެއްކޮޅަށެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް އެކަން ހާމަކުރީ، ކަނޑުގެ މައްސަލައިގެ އަޑުއެހުމުގަ އެވެ. އެހެންވެ ގިނަ ބަޔަކު އެކަމާއި ސުވާލު އުފެއްދީ އެވެ.

މި މައްސަލައިގައި އިދިކޮޅުން ދިވެހި ސަރުކާރުގެ މައްޗަށް ރިޝްވަތާއި، ބޮޑެތި ޑީލްތަކުގެ ތުހުމަތު ކުރެ އެވެ. އަދި ކުރީގެ ބަންޑާރަ ނައިބުން ވެސް ވަނީ ސަރުކާރުގެ ނިންމުމާއި މެދު ސުވާލު އުފައްދާފަ އެވެ.

މި މައްސަލައިގައި މަޖިލީހުގައި ވެސް ބަހުސްތައްކޮށް، ޕެޓިޝަންތައް ހެދުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ރިފްއަތުގެ މައްޗަށް ވެސް ބޮޑެތި ތުހުމަތުތައް ކުރެ އެވެ.

ތުހުމަތުތަކަށް ރައްދު ދީ އާއްމު ކުރި ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައި ވަނީ، އިދިކޮޅުގެ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެ ކޯލިޝަނުން އާއްމުކޮށްފައިވާ ބަޔާނާއި ހިލާފަށް ދިވެހިރާއްޖެއާއި ޗާގޮސް ދެމެދު ހައްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުގެ ސިޔާސަތު އެއްވެސް އިރެއްގައި ބަދަލުކޮށްފައި ނުވާނެ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ، އިޓްލޮސްގައި ކުރިޔަށް ދާ މައްސަލައިގައި މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދެމެހެއްޓުމުގައި ސަރުކާރުން ފަސް ޖެހުމެއް ނެތި ދެމި އޮންނާނެ ކަމަށެވެ.

ސަރުކާރުން ބުނެފައި ވަނީ އދ. ގެ އާއްމު މަޖިލީހުގެ ގަރާރެއްކަމަށް ވާ އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގް ކޮންސިކުއަންސަސް އޮފް ދި ސެޕަރޭޝަން އޮފް ދަ ޗާގޮސް އާކިޕެލާގޯ ފްރޮމް މިރިޝަސް އިން 1965″ ގަރާރު އެ މަޖިލީހުގެ ތަޅުމަށް އަލުން ހުށަހަޅައިފި ނަމަ އެ ގަރާރަށް ތާއީދު ކުރާނެ ކަމަށެވެ. އަދި އެކަން ދިވެހި ސަރުކާރުން މޮރިޝަސްއަށް އަންގާފައިވާނެކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެ ނިންމުން ނިންމި ސަބަބެއްކަމަށް ސަރުކާރުން ބުނީ މި ނިންމުން ނިންމެވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމެވެ.

މީގެއިތުރުން ސަރުކާރުން ބުނެފައި ވަނީ އދ ގެ އާއްމު މަޖިލީހުގެ އެޤަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުންހުރި ގަރާރެއް ނޫން ކަމަށެވެ. އަދި ދިވެހި ސަރުކާރުން  ނިންމުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް މޮރިޝަސްއަށް ރަސްމީކޮށް އަންގާފައިވާނެކަމަށް ވެސް ބުންޏެވެ.

ސަރުކާރުން ބުނެފައި ވަނީ، 2019 ވަނަ އަހަރު އދ ގެ އާއްމު މަޖިލީހުން އެ ގަރާރު ފާސްކުރުމާއި ގުޅިގެން ރާއްޖެއިން ލީ ވޯޓުގެ އެކްސްޕްލެނޭޝަނުގައި ރާއްޖެއިން ފާހަގަކުރިގޮތުގައި ރާއްޖޭގެ ވޯޓަކީ އެ ގަރާރާއި ދެކޮޅަށް ލީ ވޯޓެއް ނޫން ކަމަށެވެ. އަދި އެއީ އެއީ އިސްތިއުމާރިއްޔަތާ ދެކޮޅަށް ރާއްޖެއިން ގެންގުޅެމުން އައި ޒަމާންވީ ސިޔާސަތާ ވެސް ދެކޮޅު ވޯޓެއް ވެސް ނޫންކަމަށެވެ.

އިދިކޮޅުގެ ތުހުމަތުތައް ދޮގުކޮށް ސަރުކާރުން ބުނީ، ރައީސް އަމަލު ކުރެއްވީ ގާނޫނު އަސާސީން ލިބިގެންވާ ބާރުތަކުގެ ބޭނުންކަމަށް އިދިކޮޅުން ދައްކާ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބުނާގޮތުން، ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެންނަ ނަމަ، އެކަމަށް މަޖިލީހުގެ ލަފައަކަށް ވެސް އެދެންޖެހޭއިރު،  ޗާގޯސް މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހަދު ކަމަށެވެ އެހެންކަމުން އެ ސަރަހައްދުގެ އިމަކީ މިހާތަނަށް އައި އިރު، ބައިނަލްއަޤުވާމީ ކަނޑާބެހޭ މުއާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫންކަމަށް ބަޔާނުގައި ފާހަގަ ކުރި އެވެ.

ސަރުކާރުން އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަޤުވާމީ ގާނޫނުތަކުގެ ދަށުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ގާނޫނު އަސާސީން ލިއްބައިދީފައިވާ ބާރަކަށްވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނެ ކަމަށެވެ. އަދި މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައެޅުމާއެކު، އިޓްލޮސް މެދުވެރިކޮށް މި މައްސަލައަށް ހައްލު ހޯދައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ނިންމާފައި ވަނީ ވަޒީރުންގެ މަޖީލީހުން އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސަރުކާރުން ބުނީ ޕީޕީއެމްގެ ބަޔާނަކީ، ދިވެހި ރައްޔިތުންނަށް އޮޅުވާލައި ސިޔާސީ މަންފާ ހޯދުމުގެ ނިޔަތުގައި އާއްމު ކުރި ބަޔާނެއް ކަމަށެވެ. އަދި އޭގެ ސަބަބަކީ މީގެ ކުރިން އެހެން ވާހަކަތަކެއް އިދިކޮޅުން ދައްކާފައިވާތީ ކަމަށެވެ. 2019 ގައި ބަޔާނެއް އާއްމު ކުރުމަށް ފަހު މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވާލި އދ ގެ ގާރާރާ ދެކޮޅަށް ވޯޓުލުމާއި ގުޅިގެން ދިވެހި ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނެކަމަށް ބުނެފައިވާތީކަމަށް ސަރުކާރުން ބުންޏެވެ.

އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތް ވޯޓެއްކަމަށް ވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އޭރު ބުނެފައިވެއެވެ. އެ ޕާޓީން މިހެން ބުނެފައިވީ ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އދ ގެ އާއްމު މަޖިލީހަށް ހުށަހެޅި ޤަރާރާ ދެކޮޅަށް ވޯޓު ލާފައެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއި އެކި އެކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

ޗާގޯސް އައިލެންޑްސްގެ މައްސަލާގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒު ކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ނިންމި ކަމަށް ސިޔާސީ އިސް ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި އާއްމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ އެނިންމުން ނިންމައިފި ނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވެގެންދާނެތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: