ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ދިފާއީ ވަޒީރު ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާއަށް

އިންޑިއާގެ ދިފާޢީ ވަޒީރު ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާއަށް ޒިޔާރަތް ކުރެއްވުން/ ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާއަށް އިޙްތިރާމްގެ ޒިޔާރަތް ކުރައްވައި 1988 ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޝަޙީދުވި، ޝަހީދުންނަށް އިޙްތިރާމް އަދާކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، އިންޑިއާގެ ދިފާޢީ ވަޒީރު، ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ އަށް ވަޑައިގެންނެވުމުން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ. އަދި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ އިން އިންޑިއާގެ ދިފާއީ ވަޒީރަށް މަރުހަބާ ދެންނެވީ، ޑިފެންސް މާރިޔާ އަހުމަދު ދީދީ އެވެ.

މި ޒިޔާރަތުގައި އެމަނިކުފާނުގެ ޙާޒިރުގައި ދިދަވެރިން، ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކޮށް، ޝަހީދުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.

ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ އަކީ، 1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގައި ޝަޙީދުވި، ޝަހީދުންގެ މަތިވެރި ޤުރުބާނީއާއި ކުރި އަގުހުރި ޖިހާދުގެ ޒިކުރާ އާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ހަދާފައިވާ ބިނާއެކެވެ.

މި ޒިޔާރަތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ސިފައިންގެ ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

އައްވައްޓެރި އިންޑިއާގެ ނުފޫޒު ރާއްޖެއަށް އިންތިހާއަށް ފޯރާކަމަށް ތުހުމަތު ކުރަމުންދާ ވަގުތެއްގައި އެ ގައުމުގެ ދިފާއީ ވަޒީރު ރާއްޖެ ވަޑައިގެންފައި ވަނީ މާރިޔާގެ ދައުވަތަކަށެވެ.

ތިން ދުވަހުގެ މި ދަތުރާއި ގުޅޭގޮތުން، އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ ޕާސްޓް ޕެޓްރޯލް އުޅަނދަކާއި، ލޭންޑިންގ ކްރާފްޓެއް އެމްއެންޑީއެފަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ އުޅަނދުތައް ހަދިޔާ ކުރަނީ ގުޅުން ބަދަހި ކުރުމަށްޓަކައި ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެސް ބައްދަލު ކުރައްވާނެ އެވެ.

މީގެއިތުރުން ދެ ގައުމުގެ ދިފާއީ ގުޅުމާއި ގުޅޭ މަޝްވަރާތައް ކުރުމާއި، ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވާހަކަ ދެކެވޭނެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެ އެވެ.

އިންޑިއާއާއި ގިނަ މަޝްރޫއުތަކެއް ހަވާލުކުރެވިފައިވުމާއި އެކު އެ މަސައްކަތް ކުރިޔަށް ދާ ގޮތް ވެސް އެގައުމުގެ ދިފާއީ ވަޒީރު ބައްލަވާނެ އެވެ.

ރާއްޖެއިން މިވަގުތު އެންމެ ބޮޑަށް ގުޅުން ބަދަހިކޮށްފައިވާ ގައުމެއްގެ ގޮތުގައި ފާހަގަކުރެވެނީ އިންޑިއާ އެވެ. މި ދަތުރުފުޅާއި ޗާގޮސްގެ މައްސަލަ އާއި އިދިކޮޅުން ގުޅުވާއިރު މި ދަތުރަކީ އެ ގައުމުގެ ނުފޫޒުގެ ދަށުން ކުރާ ދަތުރެއްކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

ދަތުރާއި ގުޅޭ މައުލޫމާތުތައް އެންމެ ފުރަތަމަ ހާމަކޮށްފައި ވަނީ ވެސް އިންޑިއާގެ ނޫސްތަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: