ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް މައްސަލަ: ”ރައީސަށް ސިޓީ ފޮނުވުމުގެ ބާރެއް ނެތް، ހާމަނުކުރަނީ ސިއްރުތަކެއް ވާތީ“

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) މައްސަލައިގައި އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގައި ސިއްރު ޑީލްތަކެއް ނެތްނަމަ އެ ހާމަ ނުކުރަން ވީ ސަބަބެއް ނެތްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕެއިން ޓީމުން ބުނެފި އެވެ.

މޮރިޝަސް އަދި ރާއްޖޭގެ އިމުގެ މައްސަލަ ރާއްޖެއާއި އެއްކޮޅަށް ނިމިފައިވާކަމަށް ބުނެ ސަރުކާރުގެ އިސްވެރިން ދަނީ އުފާ ފާޅު ކުރަމުންނެވެ. ކަނޑުގެ ސަރަހައްދުން ބައެއް ރާއްޖެއަށް ގެއްލިފައިނުވާކަމަށާއި، މައްސަލަ ނިމިގެން ދިޔައީ ރާއްޖެ ބޭނުންވި ގޮތަށްކަމަށް މީޑިއާތަކުން ރިޕޯޓު ކުރަމުން ދާތީ އެކަމަށް ވެސް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން މައްސަލަ ހުށަހަޅާފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދިނުމަށެވެ.

އިޓްލޮސްއަށް ހުށަހަޅާފައިވާ މި މައްސަލަ ނިމުނީ ރާއްޖޭގެ އީޒެޑްގެ ބޮޑުބައެއް ގެއްލޭގޮތަށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރާއްޖެއަށް މިއަށް ވުރެ ފައިދާ ހުރި ގޮތަކަށް ވަކާލާތު ކުރެވެން އޮއްވައި ސަރުކާރުން އެހެން މަގެއް އިހުތުޔާރު ކުރި ސަބަބާއި ގުޅޭގޮތުން ގާނޫނީ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

މި މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް ރޭގެ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ބައިވެރިވެފައި ވަނީ 35 އަހަރު އެމްއެންޑީފްގައި ހިދުމަތް ކުރައްވާފައިވާ ކުރީގެ ލީގަލް އެޑްވައިޒާރ ޓުދި ޗީފް އޮފް ޑިފެންސް ފޯސް ކާނަލް ރިޓަޔާޑް ޒުބައިރް އަހުމަދު މަނިކާއި، އެމްއެންޑީފްއާއި ފުލުހުގައި 17 އަހަރު ހިދުމަތް ކުރެއްވި ސެކަންޑް އިން ކޮމާންޑް އޮފް މެރިން ޕޮލިސް އަދު ފާފު އަތޮޅާއި ވާވު އަތޮޅުގައި އަތޮޅު އިންޗާޖުކަން ކުރެއްވި މުހައްމަދު މުޝްތާގެވެ.

ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، މުޝްތާގު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހާމަކުރުމަށް ނުވަތަ އޭގައި ބަޔާންކޮށްފައިވާ ވާހަކައެއް ސާފުކޮށްދޭން ދެކޮޅު ހެދުމުން ހައިރާން ނުވާ ކަމަށެވެ. އޭގެ ސަބަބެއްކަމަށް އޭނާ ވިދާޅުވީ ދައުލަތާއި އެހެން ކުންފުނިތަކާއި ދެމެދު ތަފާތު އެކި މަޝްރޫއުތަކަށް ވެވޭ އެއްބަސްވުންތައް ވެސް ހާމަކުރުމަށް ދެކޮޅު ހަދައި އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބުނުމެވެ.

މުޝްތާގު ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭ ތަފާތު އެކި ވާހަކަތައް ދެކެވި، އެ އެއްބަސްވުން ހާމަކޮށްދޭން އެދުމުން ވެސް ސަރުކާރުން ދިން ޖަވާބަކީ އެއީ ގައުމީ ސަލާމަތަށް ނުރައްކާހުރި މައުލޫމާތުތަކެއްކަމަށްވުމާއި އެކު ހިއްސާ ކުރެވެން ނެތް ކަމަށެވެ. އަދި މާލެ އާއި ވިލިމާލެ، އަދި ގުޅީފަޅު ގުޅުވާލާ ބްރިޖުގެ އެގްރިމެންޓާއި މެދު ވެސް އަމަލު ކުރަމުން ދަނީ ހަމައެފަދަ އުސޫލަކުންކަން ފާހަގަކުރި އެވެ.

އަޅުގަނޑުމެން އެއްގޮތަކަށް ވެސް ހައިރާނެއް ނުވޭ.. ޔޫޓީއެފް އެގްރިމަންޓު ވެސް ގައުމީ ސަލާމަތަށް، ދެން އައިސް ބްރިޖުގެ އެގްރިމަންޓު ވެސް ގައުމީ ސަލާމަތަށް ނުރައްކާ..، އެހެންވީމަ ސިޓީއެއް ފޮނުވިޔަސް ގައުމީ ސަލާމަތަށް.. އަދި އެބޭފުޅުން ސިޓީއެއް ފޮނުވިޔަސް ގައުމީ ސަލާމަތަށް.. ވާހަކައެއް ދެ މީހަކު ދެއްކިޔަސް އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރިކަމެއްގެ ގޮތުގައި ހަދާފަ މި އޮންނަނީ…

މުޝްތާގު ވިދާޅުވީ، ސިޔާދަތީ ބާރާއި ގުޅޭ ނިންމުން ރައީސަށް ނުނިންމޭނެކަމަށާއި، އެކަން އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި ،މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްތުން ފާސްވެގެން ނޫން ގޮތަކަށް ދިވެހިރާއްޖޭގެ ސަރަހައްދާއި ގުޅޭ ނިންމުމެއް ސަރުކާރަށް ނުނިންމޭނެކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ޣައިރު ދުސްތޫރީ ސިޓީއެއްކަމަށް މުޝްތާގު ވިދާޅުވި އެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން ޒުބެއިރު ވިދާޅުވީ، ސިޓީގައި ސުވާލު އުފެދޭ އަދި ސިއްރު ކަންތަކެއް ނެތްނަމަ ސަރުކާރުން އެ ސިޓީ ވަރަށް ފަސޭހައިން ހާމަކުރީސްކަމަށް ގަބޫލު ކުރާކަމަށެވެ. ނަމަވެސް އެ ސިޓީ ހާމަކުރުމަށް ދެކޮޅު ހަދައި، ދެ ގައުމެއްގެ ވެރިންގެ މެދުގައި ދެކެވޭ ވާހަކަތައް ހާމަ ނުކުރެވޭނެކަމަށް އެ ވިދާޅުވަނީ ޗާގޮސްގެ މައްސަލައިގައި ކޮރަޕްޝަނަށް މަގުފައިވާ ކަންތަކެއް ހިނގާފައިވާތީކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ހަމަ އެހެން ނޫންތޯ އުތުރުތިލަފަޅުގެ އެއްބަސްވުން ވެސް ވެގެން މިއުޅެނީ.. އެ ވާގޮތަކީ އެ ސިޓީއަކީ އޭގެ ޒާތުގައި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްޗެއް ނޫނޭ.. ދެން ހާމަކޮށްފިއްޔާ ގައުމީ ސަލާމަތަށް ނުރައްކާ… މިއީ ކިހާ ހެއްވާ ވާހަކައެއް ތޯ… އެއީ ވެގެން ނުވާނެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް..

މީގެއިތުރުން މުޝްތާގު ވެސް ވިދާޅުވީ، އޮތް އެންމެ ކަންބޮޑުވުމަކީ އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ހަގީގަތް ސާފު ނުވުން ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ވާ ރޭވުންތައް ނޭނގުމަކީ ކަންބޮޑުވުމެއްކަމަށް ވިދާޅުވި އެވެ.

މުޝްތާގު ވިދާޅުވީ، މިފަދަ ކަންކަން ތަކުރާރު ވެގެން ދާތީ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. އަދި އުތުރުތިލަފަޅުގެ މަސައްކަތް އިންޑިއާއި ހަވާލު ކުރިގޮތާއި މެދު ސުވާލު އުފައްދައި އޭނާ ވިދާޅުވީ އެމްއެންޑީއެފްއިން އޮތީ ތަނުގެ ސްޓްރަކްޗަރަލް މަސައްކަތް ނިންމާފައި ކަމަށެވެ. ހަމައެކަނި ފަންޑިން ބޭނުންވެފައި އޮއްވައި، އަލުން މަސައްކަތް ދިނީ ކީއްވެގެން ތޯ މުޝްތާގު ސުވާލު އުފެއްދި އެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 71%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: