ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓްގެ ކޮންޓްރޯލް ނަގަން ބޭނުން ނުވާ ކަމަށް މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ސެނެޓްގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ނުކުރައްވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވަނީ ޕްރޮފެޝަނަލް މިންގަޑުގެ ތެރޭގައި ކަމަށާއި އެމިންގަޑު ދޫކޮށްލައްވައި ކުރާނެ އިތުރު ކަމެއް ނޯންނާނެ ކަމަށެވެ.
ބަޔަކު ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން. އަޅުގަނޑެއް އެހެން މީހުން އުޅޭހެނެއް، އެބަޔަކު ބޭނުންވާ ކަމެއް ކުރަން ހަމަ ކޮންމެފަދަ ކަމެއް ކުރާ ކަހަލަ މީހެއް ނޫން އަޅުގަނޑަކީ. އަޅުގަނޑަކީ ގާނޫނާ ގަވާއިދާ އެއްގޮތަށް، އުސޫލުގެ ތެރެއިން ކަން ކުރާ މީހެއް
މުއިއްޒު އެގޮތަށް ވިދާޅުވި ނަމަވެސް އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާތީ ޕީޕީއެމްގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގައި އިދިކޮޅުގެ ރިޔާސީ ޓިކެޓު ހަވާލުކުރެވިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވުމުގެ ސަބަބުން އެހެން ކެނޑިޑޭޓެއް ނުނެރިއްޖެ ހާލަތެއްގައި އެ ޕާޓީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވިދާނެކަމުގެ ބިރު ހީވެފައިވަނިކޮށް، ޕާޓީގެ ތެރެއިން ފެކްޝަންތައް އުފެދި ބައެއް ފަރާތްތަކުން މޭޔަރ މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެ ވާހަކަތައް ފެތުރިގެންދިޔައެވެ.
އެ ވާހަކަތަކާއިއެކު އިދިކޮޅުގެ މެމްބަރެއްކަމަށްވާ އާދަމް ރަމީޒުގެ މައްޗަށް ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އިދިކޮޅުން ރައީސް ޔާމީން ނޫން އިތުރު ކެނޑިޑޭޓެއް ނެރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އިސްކޮށް ތިއްބަވާ މެމްބަރުންވަނީ އެކި ފުރުސަތުތަކުގައި ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މޭޔަރ މުއިއްޒު އަދި ތާއީދުކުރައްވާ ފަރާތްތަކުން ތާއީދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ތުހުމަތުތައް ކުރެވޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުން ރަމީޒުގެ މައްސަލަ ބެލުމަށް އިދިކޮޅުގެ ސުލޫކީ ކޮމިޓީއަށް ހުށައަޅާފައިވަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިންނެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ރައީސް ޔާމީން އެ މައްސަލަ ހުށައެޅުއްވުމަށް އެދިވަޑައިގަތީ ޖަލުގައި ހުންނަވައިގެން ފޮނުއްވި ނޯޓެއް މެދުވެރިކޮށެވެ. ސުލޫކީ މައްސަލަތައް ބަލާ ކޮމިޓީއިންވަނީ މި މައްސަލައިގައި ރަމީޒުގެ ބަޔާންވެސް ނަގާފައެވެ.

