ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިންޑިއާ އައުޓް“ ބެނާ ނެގި ފުލުހުންގެ ނަމާއި، މައުލޫމާތުތައް ހާމަކުރަން ނުޖެހޭ: ހައިކޯޓު

ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ ނެގުމަށް ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ހަތަރު ގެއެއްގައި ދަމާފައި ހުރި ”އިންޑިއާ އައުޓް“ ޝިއާރުގެ ބެނާތައް ނެގުމުގައި ހަރަކާތްތެރިވި ފުލުހުންގެ ނަންތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުން ހައިކޯޓުން ބާތިލުކޮށްފި އެވެ.

އިންޑިއާ އައުޓްގެ ހަރަކާތަކީ ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނަޖާއިޒް ފައިދާ ނަގައި ބޭރުގެ ގައުމުތަކާއި މެދު ނަފްރަތު އުފެއްދުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ހަރަކާތުގެ ތެރެއިން އިންޑިއާ އައުޓް ޖެހި ބެނާތައް މާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އެންމެ ފުރަތަމަ ބެނާ ނެގީ އިދިކޮޅު ރައީސް ޔާމީން އުޅުއްވާ ހ. ދޫވެއްސާއި، ޕާޓީ އޮފީސް ހ. ހުރަފާ އިމާރާތުންނެވެ. އެގޮތަށް ކޯޓުން އަމުރު ނެރެފައި ވަނީ އިންޑިއާ އައުޓްގެ ދަށުން ހިންގާ ހަރަކާތްތަކީ، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރެއް އާއްމު ކުރެއްވި ދުވަހު އެވެ.

މިއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ނޫސްވެރިޔާ އަހުމަދު އަޒާން އައިކޮމްގެ އޮފީހަށް ހުށަހެޅި މައްސަލަ އެވެ. އައިކޮމްގައި އަޒާން އެދިފައި ވަނީ ބެނާތައް ނެގުމަށް އަމުރު ކުރި ފުލުހުންގެ އިސްވެރިޔާގެ ނަމާއި އެ ބެނާތައް ނެގުމުގައި އުޅުނު އޮފިސަރުންގެ ނަންތަކުގެ އިތުރުން ބޮޑީކެމްގެ ފުޓޭޖުތައް ދިނުމަށެވެ. އަދި އޮފިސަރުންގެ ރޭންކު ވެސް ހޯދުމަށް އަޒާންގެ ހުށަހެޅުމުގައި ވެއެވެ.

އައިކޮމްއިން އަޒާން އެދުނު ގޮތަށް އޮފިސަރުންގެ ނަންތައް ހާމަކުރުމަށް އެންގި އެވެ. އޭގެ ސަބަބެއްކަމަށް ކޮމިޝަނުން ބުނެފައި ވަނީ އާއްމު މަސްލަހަތު ހިމެނޭ މައުލޫމާތުތައް ދިނުމަށް ގާނޫނުގައި ލާޒިމްކޮށްފައި އޮތުމެވެ. އަދި އެ މައުލޫމާތުތަކަކީ އެއީ ގޭގެ ވެރިފަރާތަކަށް މިހާރުވެސް ދޫކޮށްފައިވާ މައުލޫމާތަކަށްވާތީކަމަށް ބުނެފައި ވެއެވެ.

އެހެންވެ އެ އެންގުން ހައިކޯޓުގައި އިސްތިއުނާފުކޮށް ފުލުހުން ބުނީ، އެ މައުލޫމާތުތައް ހާމަކޮށްފިނަމަ އޮފިސަރުންގެ ފުރާނައަށާއި ރައްކާތެރިކަމަށް ގެއްލުމެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އޭގެ ސަބަބުން ފުލުހުންގެ ތަހުގީގުތަކަށް ހުރަސް އެޅުމުގެ ފުރުސަތު އޮތުމަކީ ވެސް އޭގެ ސަބަބެއްކަމަށް ބުންޏެވެ.

ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުންތައް ނިމި މިއަދު ކުރި ހުކުމުގައި ވަނީ ވަކިވަކި ފުލުހުންނަކީ މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ 23 މާއްދާގައި ބަޔާންކޮށްފައިވާ “ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު” ކަމަށް ބުނާ ކެޓެގެރީއަށް ފެތޭބައެއް ކަމަށެވެ.

ހުކުމުގައި ވާގޮތުން ދައުލަތުގެ އިދާރާއެއްގައި މަސައްކަތް ކުރާ ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އަންގަން ޖެހޭނީ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކުރުމަށް ފަހު އާއްމު މަސްލަހަތު ދެމެހެއްޓުމަށް އެ މައުލޫމާތު ހާމަކުރުން މުހިންމުކަމަށް ފެންނަ ހާލަތެއްގަ އެވެ.

އާއްމު މަސްލަހަތު މާނަކުރުމުގައި ޝަރުތެއް ފުރިހަމަވާން ޖެހޭކަމަށް ފާހަގަކޮށް ހުކުމުގައި ވަނީ، ފުރަތަމަ ޝަރުތަކީ އެ ފައިދާއިން އެއްވެސް މީހަކު ބާކީ ނުވުމެވެ. އެއަށް ފަހު ދެވަނަ ޝަރުތަކީ އެ ފައިދާގެ ބޭނުން އެކަކު ކުރުމަކީ އަނެކަކަށް އެ ފައިދާ ބޭނުން ނުކުރެވޭނެ ސަބަބަކަށް ނުވުމެވެ.

އެގޮތުން ވަކި ޖަމާއަތެއް، ނުވަތަ ވަކި ބައެއް ނުވަތަ ވަކި ފިކުރެއްގެ އަމިއްލަ މަސްލަހަތަކީ ވެސް މި މާނައިގެ ތެރޭގައި ހިމެނޭ މާނައެއް ނޫންކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ހުކުމުގައި އިތުރަށް ބުނެފައި ވަނީ ފުލުހުންގެ ވަނަވަރާއި، އެ މީހުން އޮޕަރޭޝަނުގައި އަދާކުރި ދައުރު ހާމަކުރުމަކީ އެކަމުގެ ސަބަބުން ގާނޫނާއި ހިލާފު އަމަލުތައް ހިނގިޔަ ނުދިނުމަށް ފުލުހުން ކުރަން ޖެހޭ މަސައްކަތްތަކަށް ހުރަސް ކުރިމަތިވެ އެކަންކަން ކުރުމުގައި ހަދާފައިވާ އުސޫލުތަކުގެ ބޭނުންތެރިކަން އެގޮތުގައި ނެގެހެއްޓުމުގައި ބުރު އަރާނެ ކަމަށެވެ.

އެހެންކަމުން އެ މައުލޫމާތު ހޯދުމަށް އާއްމުން ޝައުގުވެރިވިޔަސް، އެކަމުގައި އާއްމު މަސްލަހަތު އޮތީ އެ މައުލޫމާތު އާއްމުކޮށް ހާމަނުކުރުމުގައިކަމަށް މައްސަލައިގައި ވެއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާފައި ވަނީ، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ދީބަނާޖު ފަހުމީގެ އިތުރުން ފަނޑިޔާރު ހުސެއިން މަޒީދެވެ.

ބެނާގެ މައްސަލައިގައި ރައީސް ޔާމީން ވެސް ކޯޓަށް މައްސަލައެއް ހުށަހެޅުއްވި އެވެ. އެއީ ދޫވެހީގައި ހަރުކޮށްފައިވާ ބެނާ ނަގާފައި ވަނީ ގޯސްކޮށްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ އެކެވެ. އެ މައްސަލަ ނިމުނީ ރައީސް ޔާމީނާއި އެއްކޮޅަށެވެ. ބެނާގެ މައްސަލައިގައި ދަށު ކޯޓުން ނެރުނު އަމުރު ހައިކޯޓުން ގޯސްކަމަށް ކަނޑައަޅައި ކުރި ހުކުމުގައި ވަނީ އެ ނިންމުމަށް ވާސިލުވީ ކޯޓު އަމުރު ނެރެދޭން ޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަމަށް ދެއްކިފައިވާ ނުވާތީ އާއި ފުލުހުން ކުރާ ތުހުމަތު ސާފު ނުވާތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: