ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމަށް “ޕިޔާރީ ޕިޔާރީ” ވަނީ ރައްޔިތުންނެއް ނޫން!

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ވެރިޔާ ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހަށް ސިޔާސީ ވެރިން އަތްގުޅުވާލާ ފުށް ޖަހާ ދޮން ވެގެން ތައްޔާރުވަމުން ދަނީ އެންމެ ކަމަކަށެވެ. ރާއްޖޭގެ ވެރިކަމުގެ ތަޙުތު ހޯދުމަށެވެ. އެކަމަށްޓަކައި ސްކްރިޕްޓް ލިޔެ ފިލްމާއި ޑްރާމާ ކުޅެނީއެވެ. ނެތް ހިނިތުންވުމެއް ދައްކާ ހިތުގައި ނެތް ލޯތްބެއް އޮތް ކަމަށް ހަދައިގެން ފޭކް ޖައްސާ ވެރިން ވެސް މަދެއް ނޫނެވެ. މީގެތެރެއިން އެންމެ އުއްމީދާއިއެކު ފިލްމް ކުޅުމުގައި އުޅުއްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.

އެއްގޮތަކަށް ވެސް ދައްކަން މިއުޅެނީ ގާސިމް ފިލްމް ކުޅުމުގެ ވިސްނުން ގެންގުޅުއްވާ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ ގާސިމް އިބްރާހިމްއަށް ” ޕިޔާރީ ޕިޔާރީ” ވާ ތަކެއްޗާއި ކަންކަމުގެ ވާހަކައެވެ. އެ ބުނާ އޯގާތެރި ކަމާއި ކުލުނުގެ ވާހަކައެވެ.

ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ދިވެހި ފަސްގަނޑުގައި މިވަގުތު ހުރި އެންމެ މުއްސަނދި މަހުޖަނަކީ ގާސިމް އިބްރާހިމްއެވެ. އެހެންވެ ބައެއް މީހުން މަޖަލަކަށް ހަދައިގެން ގާސިމަށް ސޭޓް ވެސް ކިޔައެވެ. ހަމައެގޮތަށް ބައެއް މީހުން ބުނާ ގޮތުގައި ގާސިމްއަކީ ރާއްޖޭގެ ވަަރަށް ގިނަ ރައްޔިތުންނަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ އަދި މިހާރުވެސް ފޯރުކޮށްދެމުންދާ ފަރާތެކެވެ. ހުދު ގާސިމް ވިދާޅުވާ ގޮތުގައި އެހެން މީހުން، ގާސިމް އާއި އެއްވަރަށް މުއްސަނދި ނުވީ ކަންނެތް ކަމުންނެވެ. ފަހަރުގައި އެއީ ތެދަކަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ގާސިމް ރާއްޖޭގެ ވެރިކަމުގެ ތަހުތަށް ގެނައުން ކަމަށް ބުނާއިރު ސުވާލަކީ ހަމަ ހަގީގަތުގައި ވެސް ގާސިމް ވެރިކަމަށް ގެނެސްގެން ނިކަމެތި ރައްޔިތު މީހާއަށް ނުވަތަ ނިކަމެތިވާ ރައްޔިތުމީހާއަށް އެ ބުނާ ފައިދާ ވެދާނެތޯއެވެ.؟ މި ސުވާލުގެ ޖަވާބު މާޒީގެ ބައެއް ކަންކަމުގެ ތެރެއިން ލިބިދާނެއެވެ.

ފަހުގެ ތާރީހެއްގައި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ޢާލަމީ ވަބާއަކީ ކޮވިޑް19 ކަމަށް ބުނުން ގޯހަކަށް ނުވާނެއެވެ. މި ނުރައްކާތެރި އާލަމީ ވަބާއާ ރާއްޖެ ކުރިމަތިލާން ޖެހުނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ރާއްޖޭގެ ބޯޑަރު ބަންދުވެ ގައުމު ހުއްޓުމަކަށް އައެވެ. ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ ވަރަށް ގިނަ ވިޔަފާރިތައް ބަނގުރޫޓުވެ އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައެވެ. އަދި މުވައްޒަފުންގެ މުސާރަ ނުދެވި ގޮތް ހުސްވި ކުންފުނިތައް ވެސް މަދެއް ނޫނެވެ.

ކޮންމެއަކަސް ކޮވިޑުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ނުދެވި ގޮތް  ހުސްވި ކުންފުނިތަކުގެ ލިސްޓުގައި ގާސިމްގެ ވިލާ ކުންފުނި ހިމެނެއެވެ. އެގޮތުން ގާސިމްގެ މާލިމީ ކަމުގައި ހިންގަމުން ދާ ކުންފުނިތަކުގެ މުވައްޒަފުން މުސާރަ ނުލިބި ހާލުގައި ޖެހުނެވެ.

ކޮވިޑުގެ ތެރޭގައި ގާސިމްގެ މުވައްޒަފުންނަށް މުސާރަ ނުދެވުނު ސަބަބާއި ބެހޭ ގޮތުން 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ގާސިމް ވިދާޅުވެފައި ވަނީ  ކޮވިޑްގެ ބަލިމަޑުކަމާއި ކުރިމަތިލީއިރުވެސް ކުންފުނީގެ މާލި ހާލަތު ގޯހެވެ. އެހެން ދިމާވީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެ ކުންފުންޏަށް ސަރުކާރުން ކުރިމަތި ކުރި ބޮޑެތި ފިއްތުންތަކާއި ދިން ގެއްލުމުގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އެކައުންޓްތައް ފްރީޒްކޮށް އިންޕޯޓް މުދާ ގެނައުމުގެ ހުއްދަ ނުދީ ސަރުކާރުން ހިފެހެއްޓި ކަމަަށާ އެކަންކަން ކުރުމުގައި އިސްކޮށް ތިއްބެވީ އެމަނިކުފާނު ބެލެހެއްޓެވި އަދި އެމަނިކުފާނުގެ މަސައްކަތުން ވަޒީރު ކަމާއި ހަމައަށް ގެންގޮސް ދެއްވި ބޭފުޅުން ކަމަށްވެސް ގާސިމް ވިދާޅުވެފައިވެއެވެ.

އޭރު ގާސިމް ވިދާޅުވެފައި ވަނީ  އެމަނިކުފާނުގެ ކުންފުނީގައި އެސެޓް އެބަހުރި ކަމަށާ ނަމަވެސް ފައިސާ ނެތް ކަމަށެވެ. އަދި ބެންކުތަކުގައި ފޮރުވާފައި އެމަނިކުފާނުގެ ފައިސާއެއް ނުހުންނާނެ ކަމަށެވެ. މުދާ ހުރި ނަމަވެސް އެ ތަކެތި ވިއްކޭނެ ގޮތެއްވެސް އޭރުގެ ހާލަތުގައި ނެތް ކަމަށާ މުވައްޒިފުންގެ މުސާރަ ކުޑަކުރީ މުސާރަ ދެވޭނެ ގޮތެއް ނެތިގެން މަޖުބޫރު ވެގެން ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ. ސުވާލަކީ އެއީ ހަމަ ހަގީގަތުގައި ވެސް ގާސިމްގެ އޭރުގެ ހާލަތުތޯއެވެ؟ އެ ދުވަސްވަރު ހިނގާފައިވާ ބައެއް ކަންކަމުގެ ސަބަބުން އެކަން ގަބޫލު ކުރަން ހަމަ ދަތިވަނީއެވެ.

ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން ގާސިމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމުގެ ޝަކުވާ ގާސިމްގެ މުވައްޒަފުން ކުރަމުން ދަނިކޮށް ކުއްލިއަކަށް ކޮވިޑުގެ ތެރޭގައި މީޑިއާގައި ފެންމަތިވީ ގާސިމްގެ ދެ ދަރިކަލަކު މާލެއިން ނުވަ މިލިއަން ރުފިޔާ ދީފައި ގެއެއް ބައްލަވައިގެންނެވި ވާހަކައެވެ. އެއީ ގާސިމް އިބްރާހީމްގެ ދެ ބޭފުޅުން ކަމަށްވާ އިބްރާހީމް ސިޔާދު ގާސިމް އާއި މަރިޔަމް ސަމާ ގާސިމްއެވެ.

2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި މީޑިއާތަކުން ސިވިލް ކޯޓުގެ ހުކުމަކާއި ހަވާލާދީ ރިޕޯޓް ކޮށްފައިވާ ގޮތުގައި ސިޔާދާއި ސަމާ މާލެއިން ބައްލަވާފައި ވަނީ މައްޗަންގޮޅީގައި ހުންނަ ގޯއްޗެއް ކަމަށްވާ ކަޝިޝް ނަމަކަށް ކިޔާ ގޯއްޗެކެވެ. އެ ގޯތި ގަނެފައި ވަނީ އައިޝަތު އަނީސް، މއ. ކަޝިޝް އަތުންނެވެ. އެ ގޯތި ބައްލަވައިގެންފައި ވަނީ 9.65 މިލިއަން ރުފިޔާ އަށެވެ.

އެ ވިޔަފާރީގެ މުއާމަލާތާ ގުޅޭ ގޮތުން ސިވިލް ކޯޓުން އަންގާފައި ވަނީ އެއީ ސައްހަ މުއާމަލާތެއް ކަމަށެވެ.

އެގޮތުން ސިވިލްކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ މއ. ކަޝިޝް، އާއިޝަތު އަނީސްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. ކަޝިޝް ކިޔާ 3،216 އަކަފޫޓުގެ އަމިއްލަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދާތަކާއި އަމިއްލަ ބިމުގެ މިލްކުވެރިކަން 9.65 މިލިއަން ރުފިޔާއަށް ގަނެފައިވާތީ އެ ގޯތީގެ މިލްކުވެރި ފަރާތަކީ ސިޔާދާއި ސަމާ ކަމުގައި ކަނޑައަޅައި ހުކުމް ކޮށްފައިވާ ކަމަށެވެ.

ސިޔާދާއި ސަމާ މާލެއިން ގޯއްޗެއް ބައްލަވައިގެންނެވިއިރު ގާސިމް ވެސް ވަނީ 2019 ވަނަ  އަހަރުގެ ފަހުކޮޅުގައި މާލެއިން ގެއެއް ބައްލަވައިގެންފަ އެވެ.

ގާސިމް ބައްލަވައިގަތީ ވިޔަފާރިވެރިޔާ، މ.ވާދީރޯސް މުހައްމަދު އަހުމަދު ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. ވާދީބިލްޑިންގް އެވެ. ޖުމްލަ 413.33 އަކަފޫޓުގެ ބިމާއި އެތަނުގައި ހުރި އިމާރާތް އަދި ނުއުފުލޭ މުދާ ގާސިމް ބައްލަވައިގަތީ 12 މިލިއަން ރުފިޔާ އަށް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

ގާސިމްއާއި އެމަނިކުފާނުގެ އާއިލާއިން ކޮވިޑުގެ އާލަމީ ވަބާ ކުރިމަތިވެފައި ވަނިކޮށް ހިންގި ކަމަށް ބުނާ މި ވިޔަފާރީގެ މުއާމަލާތްތަކަށް ބަލާއިރު ގާސިމްގެ އަތްޕުޅުގައި އޭރު މުވައްޒަފުންނަށް މުސާރަ ދެވޭނެ ފައިސާ ނެތް ކަމަށް ގަބޫލު ކުރަން ވަރަށް ވެސް ދައްޗެވެ. އެކަމުގެ އެހެން ސަބަބެއް އަދި އެބައޮތެވެ. ކޮވިޑުގެ އާލަމީ ވަބާގައި މުވައްޒަފުންގެ މުސާރަ ކުޑަކޮށް ވަޒީފާއިން ވަކިކުރަމުން ދިޔަ ދުވަސްވަރު ވިލާ ،މާޓްގެ ނަމުގައި ވިޔަފާރިއެއް ވުޖޫދުވިއެވެ. މިއީ ގާސިމްގެ އަތްޕުޅުގައި ނެތް ފައިސާއިން ކުރި މަދު ކަމެއްގެ ވާހަކައެވެ.

ދަންނަވަންތޯއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ނަގާ ކިޔޭ ބޭފުޅެއް ކަމަށްވާ އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވާ ގޮތުގައި ގާސިމަށް އެންމެ ރީތި ލަވައަކީ “ތެރި ޕިޔާރީ ޕިޔާރީ ސޫރަތުކޯ، ކިސީކިނަޒަރުނާ ލަގޭ” މިލަވައެވެ. ނިހާން ވިދާޅުވާ ގޮތުގައި ގާސިމަށް ރިސޯޓެއް ވެއްޖިއްޔާ ޕިޔާރީ ޕިޔާރީ ވީއެވެ. ފަޅެއް އޯކޭ ވެއްޖިއްޔާ ޕިޔާރީ ޕިޔާރީވީއެވެ. އެހެން ކަމުން މިއަދު ގާސިމަށް ދިވެހި ރައްޔިތުން “ޕިޔާރީ ޕިޔާރީ އެއް ނޫނޭ ބުނުން ގޯހަކަށް ނުވާނެއެވެ. މިއަދު ގާސިމަށް ރައީސް ނަޝީދު ވަރެއް ނެތެވެ. ވަަރަށް ވެސް “ޕިޔާރީ ޕިޔާރީ” އެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 35%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 2%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: