ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ؛ ނަޝީދު ފެކްޝަނާއި، ގާސިމްގެ ސޮއި ނެތް

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޕްރެސްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދިތާ މާގިނަ ވަގުތުތަކެއް ނުވެ އެ ހުށަހެޅުން އަނބުރާ ގެންގޮސްފި އެވެ.

ރާއްޖެ – މޮރިޝަސް އިން ވަކި ކުރުމުގައި އިންޑިއާ ބޭނުންވާ ގޮތަށް އަމަލު ކުރިކަމަށާއި، ޝާހިދު އަމިއްލަ މަންފާ ނެންގެވިކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިތުބާރު ނެތްކަމަށް މެމްބަރުންގެ ސޮއިހަމަކޮށް ހުށަހަޅާފައި ވަނީ ”ކަނޑު ވިއްކުމާއި ދެކޮޅު“ ނަމުގައި އިއްތިހާދެއް އުފައްދައި ކުރިޔަށް ގެންދާ މަސައްކަތުގެ ތެރެއިންނެވެ. މި ކޯލިޝަނުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި، އެމްއާރުއެމް އަދި އެމްއެންޕީގެ އާއި، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ހިމެނެ އެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގުޅިފައިވާ ޕާޓީތަކުގެ ނަމުގައި ޕްރެސްއެއް ބޭއްވުމަށް ފަހު ވެސް ޝާހިދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނެކަމަށް ޕާލިމަންޓް ގުރޫޕުގެ މެމްބަރުން ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ހުށަހަޅާނެކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މެންދުރު ހުށަހެޅުމަށް ފަހު، އަނބުރާ ގެންދިޔަ ސަބަބެއް އަދި ސާފެއް ނޫނެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ރައީސް ނަޝީދާއި އަރިސް މެމްބަރުން ސޮއި ކުރައްވާފައި ނުވެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ޝާހިދުގެ އިތުބާރު ނެތްކަމަށް ސޮއި ކުރައްވާފައި ނުވެ އެވެ.

އެހެންކަމުން، އެ މެމްބަރުން ނުހިމެނޭހެން ސޮއިކޮށް ހުށަހެޅި ލިޔެކިއުމުގައި ހިމެނެނީ 13 މެމްބަރުންގެ ސޮއިކަމަށް މައުލޫމާތު ލިބެ އެވެ. އަދި ރައްޔިތުންގެ މަޖިލީހާއި އެ ސުވާލު ކުރުމުން، އެކަން ވެސް ސާފުވާގޮތެއް ނުވި އެވެ.

އެމްޑީޕީން ވަނީ މި މައްސަލައިގައި ބަޔާނެއް އާއްމުކޮށް، ވަޒީރުންގެ އިތުބާރު ނެތްކަމަށް ސޮއި ކުރާ އެ ޕާޓީގެ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފަ އެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ހުށަހަޅާ މައްސަލައިގައި އެމްޑީޕީގެ އެއްވެސް މެމްބަރެއް ސޮއި ކުރާނަމަ ވަގުތުން ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރާނެކަމުގެ އިންޒާރު ދިނެވެ.

އެގޮތަށް ޕާޓީގެ ބަޔާނެއް އާއްމު ކުރި ނަމަވެސް، ރޭ ހޮޓެލް ޖެންގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ހުށަހެޅުންތަކުގައި ސޮއި ކުރާނެކަމަށެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ސްޓޭންޑު ސާފު ނުވާތީ ކުރި ސުވާލަށް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ސީދާ ޖަވާބެއް ނުދެއްވި އެވެ. އޭނާ ތަމްސީލު ކުރަނީ ޖުމްހޫރީ ޕާޓީކަމަށް ތަކުރާރު ކުރިޔަސް ނޫސްވެރިން ވަނީ ގާސިމާއި އެ ޕާޓީގެ އެހެން ބައެއް ބޭފުޅުންގެ ވިސްނުން ތަފާތުކަން ފާހަގަކޮށްފަ އެވެ. އަލީ ހުސެއިން ވިދާޅުވީ ގާސިމް ސޮއި ކުރެއްވުމާއި ނުކުރެއްވުމުގެ ތަފްސީލު ދޭން އެނގިވަޑައިނުގަންނަވާކަމަށާއި އެކަމަކު އޭނާ ޝާހިދާއި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރާނެ ކަމަށެވެ.

ޝާހިދުގެ އިތުބާރު ނެތްކަމަށް، ސޮއި ކުރެއްވި މެމްބަރުންގެ ތެރޭގައި ފިކުރެއްގެ ދިރުންގެ މެމްބަރުން ނެތްއިރު ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެކި ބޭފުޅުންގެ ހިޔާލު ތަފާތުކަން ފާހަގަކުރެވުނެވެ. ހާއްސަކޮށް އާޒިމް ވަނީ އިންޑިއާ ނުފޫޒު މިކަމުގައި ނެތްކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: