ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލުވާލީ އެމްޑީޕީގެ އަސާސްތައް؛ ބޭނުން ނުވީ ރައީސުލްޖުމްހޫރިއްޔާގެ ދަށުވެފައި ހުންނަން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ”ދަ ޑިމޮކްރެޓްސް“ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އީވާ އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އާއި ވަކި ބައެއްގެ ދަށުވެފައި ހުރެ އެ ބަޔަކު ބުނާހާ ގޮތަށް ކުރިޔަށް ދާން ބޭނުން ނުވާކަމަށާއި، އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ގެއްލުނު ހިސާބަކީ އެއީކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ”ދަ ޑިމޮކްރެޓްސް“ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

”ފިކުރެއްގެ ދިރުން“ މޫވްމަންޓްގެ ދަށުން ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތުގައި އުޅުއްވަނީ އެމްޑީޕީ އުފެދިގެން އައިސް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރާއި، އަދި އެމަނިކުފާނުގެ ވެރިކަން 2012 ގައި ބަދަލުވެ ހިނގަދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި 07 އަހަރު މަގުމަތީގައި އެންމެ އިސްކޮށް އުޅުނު ބޭފުޅުންނެވެ. އެހެންވެ، އެކަން ފާހަގަކޮށް ޕާޓީން އިސްތިއުފާ ދިންކަމަށް އިއުލާނު ކުރުމުގެ ނޫސްވެރިންގެ ބައްދަލުވުވުމުގައި ވެސް އެބޭފުޅުން ވިދާޅުވީ އެއީ އެމްޑީޕީގެ ސިޔާސީ އެތައް މަސައްކަތެއްގައި އުޅުއްވާފައި ތިބި މެމްބަރުންނަށް ވީތީ ޕާޓީގެ މުސްކުޅި ދަރިވަރުންކަމަށާއި ސިޔާސީ މަސައްކަތްތަކަށް އާ ނުވާނެ ކަމަށެވެ.

2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރިއިރު، އެއީ އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރުކަމާއި އަދި އެމަނިކުފާނުގެ އޭރު ހުރިކަމަށް ކެމްޕެއިނުގައި ވިދާޅުވި ސިފަތައް ނެތިގެން ދިޔަކަމަށް ގަބޫލު ކުރެވުނު ހިސާބަކީ ކޮބައިތޯ ”ސަންގު ޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސުވާލު ކުރުމުން އީވާ ވިދާޅުވީ އޭނާ ބޭނުން ނުވީ ކަސްތޮޅުތަކެއްގެ ތެރޭގައި ބަންދުވެ ހުރުމަށް ކަމަށެވެ.

އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް އެއްވެސް މިނިވަންކަމެއް ނެތްކަމަށް، ގަބޫލު ކުރެވި އެ އިހުސާސް ކުރެވޭތާ ވެސް ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ޕާޓީއެއްގައި މަސައްކަތް ކުރާއިރު، އެ ޕާޓީގެ އަސާސްތަކާއި އެއްގޮތަށް މަސައްކަތް ކުރަންޖެހޭނެކަން އޭނާ ވެސް ގަބޫލު ކުރާކަމަށާއި، އަދި މިނިވަންކަމަކީ ބޭނުންހާ ވާހަކައެއް ދެއްކުން ނޫންކަން ގަބޫލު ކުރާކަމަށް އީވާ ވިދާޅުވި އެވެ.

އެކަމަކު މައްސަލައަކަށް ވާ ހިސާބަކީ އީވާ ވިދާޅުވި ގޮތުގައި، ސީދާ ސަރުކާރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަށް މަސައްކަތް ކުރަން ޖެހުމެވެ. އީވާ ވިދާޅުވީ އެ ސަބަބާއި ހުރެ އަޣުލަބިއްޔަތެއް ނުވަތަ، ރައީސުލްޖުމްހޫރިއްޔާ އާއި ވަކި ބައެއްގެ ދަށުވެފައި ހުރެ އެ ބަޔަކު ބުނާހާ ގޮތަށް ކުރިޔަށް ދާން އޭނާ އެއްގޮތަކަށް ވެސް ބޭނުން ނުވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ނުވަތަ އަޣުލަބިއްޔަތެއްގެ ދަށުވެފައި ހުންނާކަށް ހަމަގައިމު ވެސް އަޅުގަނޑެއް ބޭނުމެއް ނޫން… އަޅުގަނޑު ބޭނުން ވަނީ މިނިވަންކަން.. އެނގޭ ސިޔާސީ ޕާޓީއެއްގައި އުޅޭއިރު ކޮންމެވެސް ކަހަލަ ގަވައިދުތަކާއި އުސޫލުތައް ވެސް ހުންނާނެ.. ކޮންމެ މެމްބަރަކަށް ވެސް ލިމިޓްސްތަކުގެ ގޮތުގައި ހުންނަ… ހަމަ ބޭނުންވާހާ ވާހަކައެއް ދައްކަމުން ދިއުމެއް ނޫން އޭގެ މާނައަކީ.. އެ ޕާޓީއެއްގައި އުޅެން ޖެހޭނީ އެ ޕާޓީއެއްގެ އަސާސްތަކާއި އެއްޗެހި ގަބޫލުކޮށްގެން.. އެހެން ނަމަވެސް އަބަދު އަބަދު ސަރުކާރު ބޭނުންވާ ގޮތް.. ސަރުކާރެއް ވެސް ނޫން އިނގޭތޯ.. ސީދާ ރައީސުލްޖުމްހޫރިއްޔާ ރުއްސަން ވެގެން ނޫންގޮތަކަށް މަޖިލީހުގައި މަސައްކަތް ކުރަން ޖެހެންޏާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އިނުމުގެ ބޭނުމެއް ނެތް..

ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު މަސައްކަތް ކުރެއްވިއިރު، 19 ވަނަ މަޖިލީސް އީވާ ސިފަ ކުރެއްވީ މާ އުނދަގުލުގައި މަސައްކަތް ކުރަން ޖެހުނު ދުވަސްތަކެއްގެ ގޮތުގަ އެވެ. އަދި ރައްޔިތުންނަށް ބޮޑެތި އެތައް ވައުދުތަކެއް ވެގެން ވެރިކަމަށް އައުމަށް ފަހު އެއާއި ގާތަށް ވެސް މަސައްކަތް ނުކުރެވި، މަޝްރޫއުތަކުގެ ސްޕީޑު ލަސްވެ ވަކާލާތު ކުރި އެތައް ކަމަކާއި ދިމާ އިދިކޮޅަށް މަސައްކަތް ކުރުމަކީ އެއް އިރަކު ވެސް ތާއީދުކުރައްވާނެ ކަންކަމެއް ނޫންކަމަށް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ފެނިގެން ދިޔައީ، ރައީސް ރުއްސަން ބަޔަކު މަސައްކަތް ކުރިތަން ކަމަށެވެ. އަދި މަޖިލީހުގައި ވަޒީރުންގެ މަސްލަހަތު ހިމާޔަތް ކުރި މަންޒަރު ވެސް ފެނިގެން ދިޔަކަމަށް އޭނާ ވިދާޅުވި އެވެ.

ކަންބޮޑުވެއް ކިރިޔާ ހިއްސާ ކުރާއިރަށް، އެއަށް ޒާތީ ޓެގުތައް ދޭތީ އެކަމަށް ވެސް އީވާ ފާޑުވިދާޅުވި އެވެ. އަދި ރައްޔިތުންނާއި ގުޅުން ހުރި ބިލުތައް މަޖިލީހަށް ހުށަހެޅުމުން، ތްރީލަން ވިޕްތައް ނެރެ އެއާއި އިދިކޮޅަށް ވޯޓު ދިނުމަށް އެންގުމުން އެގޮތަށް ކުރިޔަށް ދާނެ ގޮތަކާއި މެދު އީވާ ސުވާލު އުފެއްދެވި އެވެ.

އީވާ ވިދާޅުވީ ރައީސް ސޯލިހަށް ތާއީދެއް ނެތްކަމަށާއި، އެމަނިކުފާނަށް ދެން ރިޔާސީ އިންތިހާބު ލިބޭނެ އެއްވެސް ފޯމިއުލާއެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: