ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލަތައް؛ އީވާ، ޝާހިދު، ރިފްއަތުގެ ނަން މަޖިލީހުގެ އެޖެންޑާއަށް

މަޖިލީހުގެ ނައިބު ރައީސް އީވާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނަގާނެ ތާރީހުތައް އިއުލާނުކޮށް މައްސަލަ އެޖެންޑާކޮށްފި އެވެ.

ރާއްޖެ – މޮރިޝަސް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅުމުގައި ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރިކަމަށް ބުނެ ގުޅިފައިވާ ޕާޓީތަކުން މަޖިލީހަށް ހުށަހަޅާފައިވަނީ ދެ ވަޒީރެއްގެ މައްސަލަ އެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގައި އިސްކޮށް ހަރަކާތްތެރިވީ އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ޖުމްހޫރީ ޕާޓީގެ އިތުރުން، އަލަށް އުފަންވާ ދި ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.

އޭގެއިތުރުން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ވަޑައިގެންނެވި އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ސަރުކާރު މެމްބަރުންގެ ސޮޔާއި އެކު ވަނީ ހުށަހަޅާފަ އެވެ. އެމްޑީޕީން ވަކިވެ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިޔަށް ގެންދާތީ، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށަހެޅީ ގިނަ ސަބަބުތަކެއް ވެސް ބަޔާން ކުރުމަށް ފަހު އެވެ.

މައްސަލަ އެޖެންޑާކޮށް މެމްބަރުންނަށް ނޯޓިސް ފޮނުވާފައިވާއިރު، ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ މިފެށޭ ހަފްތާގެ ބުދަ ދުވަހުގެ ޖަލްސާ އަށެވެ. އަދި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގުމަށް ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 07 ވަނަ ދުވަހު އެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކުރީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

މި މައްސަލަތަކާއި އެކު، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ވެސް ހުށަހަޅާނެކަމަށް ޗާގޮސް ކޯލިޝަނުން ވަނީ ބުނެފަ އެވެ. އެ މެމްބަރުން މީޑިއާތަކަށް ބުނެފައި ވަނީ، މަޖިލީހުގައި އެ މައްސަލަ ކާމިޔާބުވުމަށް ވުރެ މުހިންމީ ރައްޔިތުންގެ ކުރިމަތީ ޖަވާބުދާރީ ކުރުވުން ކަމަށެވެ.

މި މައްސަލައިގައި އޮތް އާއްމު ކޮމިޓީން ނިމްމީ މީގެ ކުރިން ވެސް އަމަލު ކުރާ އުސޫލުން އިތުބާރު ނެތްކަމުގެ ހުށަހެޅުންތަކުގައި ޖަވާބުދާރީވުމަށް ވަގުތު ދިނުމަށެވެ. ވަގުތު ކަނޑައަޅާފައިވާ ގޮތަކީ، ދިފާއުގައި ވާހަކަ ދެއްކުމަށް ބަހުސް ފެށުމުގެ ކުރިން 10 މިނެޓު، މެމްބަރުންގެ މެދުގައި ކުރިޔަށް ގެންދާ ބަހުސްގެ ތެރެއިން 10 މިނެޓު އަދި ބަހުސް ނިމުމުން ދޭ 10 މިނެޓާއި އެކު ޖުމްލަ 30 މިނެޓެވެ.

ތިން މައްސަލަ އެއްކޮށް ހުށަނޭޅުމަށް ނިންމި ސަބަބެއްކަމަށް މެމްބަރުން ބުނީ، އެއް ވަގުތެއްގައި ހުރިހާ މަސައްކަތް ކުރިޔަށް ނުގެންދިއުމަށެވެ. އެހެންވެ ކޮންމެ މައްސަލައެއްގެ ދެމެދު ދުވަސްތައް ހިމެނީކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ނިންމޭނީ، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކާއި އެކު އެވެ. އެއީ މަދުވެގެން 43 ވޯޓެވެ.

ޗާގޮސްގެ މައްސަލައިގައި ހަރަކާތްތެރިވާ ޕާލިމަންޓް ކޯލިޝަނުގައި އެ އަދަދަށް މެމްބަރުން ހަމަނުވާނެކަމާއި ދެން އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ބައެއް މައްސަލަތައް ކާމިޔާބު ނުވެ ވެސް ހިނގައިދާނެ ކަމަށެވެ. އެކަމަކު، މަޖިލީހުގެ ތެރެއިން ޖަވާބުދާރީ ކުރުވުމުން އެއީ މީގެ އެންމެ ބޮޑު އެއްބޭނުންކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: