ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދަ ޑިމޮކްރެޓްސް” ފުރަތަމަ ސިޔާސީ ހަރަކާތް އެމްޑީޕީގެ ހަރުގެ ހިފުން!

އެމްޑީޕީ މައި ހަރުގެ އާއި ދި ޑިމޮކްރެޓްސް އިން ހަވާލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ވާދަވެރި ސިޔާސީ ހަރަކާތް ހިންގާ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލްތަކުގެ ތަރަހައިގެ ތެރޭގައި ސިޔާސީ ޕާޓީތައް ހިންގާ ހިޔާލްފާޅު ކުރުމާއި، ވާދަވެރި ކަމާއިއެކު އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ދިވެހި ރައްޔިތުންނަށް ހޯދައިދިނީ މިއަދު ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރި ބުރަ މަސައްކަތުންނޭ ދެންނެވުން ގޯހަކަށް ނުވާނެއެވެ.

އެގޮތުން އެންމެ މީހަކު ދައުލަތުގެ ވެރިޔާގެ މަގާމަށް ވާދަ ކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަސް ގެނެސް 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓުލުމުގެ ހައްގު ހޯދައިދިނީ އެމްޑީޕީން ކުރި ބުރަ މަސައްކަތުންނެވެ.

މިދެންނެވި ގޮތުގެ މަތިން އެމްޑީޕީން ރާއްޖެއަށް ޑިމޮކްރެސީ ގެންނަން ކުރި ބުރަ މަސައްކަތުގެ ތެރެއިން ދައްކަމުން ދިޔަ އެއް ވާހަކައަކީ ވާދަވެރި ކަމާއިއެކު ކޮންމެ ބަޔަކަށް ވެސް ސިޔާސީ ހަރަކާތް ހިންގާ ހިޔާލްފާޅު ކުރުމުގެ މިނިވަން ލިބެންޖެހޭ ވާހަކައެވެ. އަދި ޑިމޮކްރެސީގެ އެންމެ ރިވެތި އުސޫލަކީ ގިނަ ބަޔަކު ނިންމާ ނިންމުމަށް ތަބާވުން ކަމަށާއި އިންތިހާބުތަކުން ބަލިވުމުން ބަލި ގަބޫލުކޮށް ޖަވާބްދާރީ ކުރުވަނިވި ނިޒާމެއްގެ ތެތެރެއިން ކުރިއަށް ދިއުމަކީ އެމްޑީޕީން ވަކާލު ކުރި ގޮތެވެ. އެމްޑީޕީގެ ފަރާތުން މި ކަންކަމަށް ވަކާލާތު ކުރުމުގައި އެންމެ އިސް ސަފުގައި ހުންނެވި އެއް ބޭފުޅަކީ މިއަދު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ މެމްބަރުންގެ ބަސްމަގާއި އަމަލުފުޅުތައް މިއަދު ހުރީ މިދެންނެވި ގޮތަކަށް ނޫނެވެ. ފެނިގެންދާ މަންޒަރަކީ އިންތިހާބަކުން ބަލިވީމާ ބަލި ގަބޫލު ނުކޮށް އެހެން ހަރަކާތްތަކެއް ހިންގާ މަންޒަރެވެ. ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވަނީއެވެ. ހުންނެވީ ދެ އޮޑިއަށް ދެ ފައި ލައްވައިގެންނެވެ. ނަމުން ޑިމޮކްރެސީއެވެ. ކަމުން ހުދުމުހުތާރު ކަމެވެ.

ނަޝީދު ވިދާޅުވަނީ އެމަނިކުފާން އެ ޕާޓީއެއްގެ ރައީސްކަން ކުރަމުންދާ ޕާޓީގެ އެތެރޭގެ ޑިމޮކްރެސީ ގެއްލި ހަރާބުގެ މަގަށް ގޮސްފައިވާ ކަމަށެވެ. އެކަން އިސްލާޙު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވި ކަމަށް ގަބޫލުފުޅު ކުރައްވާ ޑިމޮކްރެސީ އަލުން ގެންނަން ކަމަށް ވިދާޅުވެ ” ދަ ޑިމޮކްރެޓްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރާއިރު ފެނިގެން ދިޔައީ ޑިމޮކްރެސީއާއި ބީރަށްޓެހި ލަދުވެތި ހުތުރު މަންޒަރެކެވެ. ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވާ ތާއިދު ކުރައްވާ ކުދިންކޮޅު މެދުވެރިކޮށް ޕާޓީގެ ހަރުގެ ހިފީއެވެ. ” ދަ ޑިމޮކްރެޓެސް” ގެ ފުރަތަމަ ސިޔާސީ ހަރަކާތަކަށް ވެގެން ދިޔައީ އެމްޑީޕީގެ ހަރުގެ ހިފުމެވެ.

ޑިމޮކްރެސީގައި އެހެންސިޔާސީ ޕާޓީއެއްގެ ހަރުގެ ހިފުން އެއީ ހަމަ އޮންނަ އުސޫލްތޯއެވެ. އެއްވުމަކާއި ހިލާފުވެގެން ނުވަތަ އެއްބަސްވުމަކާއި މެދު ދެބަސްވުން އުފެދިގެން މައްސަލަ ޝަރީޢަތުގައި ވަނިކޮށް މުދަލަށް އަރައިގަތުމަކީ ޑިމޮކްރެސީތޯއެވެ؟ މިއީ ޑިމޮކްރެސީގެ އައު ވައްތަރެއް ކަމަށްވެދާނެއެވެ. ނޫނީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ކުދިންކޮޅު ދަންނަ ޑިމޮކްރެސީ އަކީ މިއީ ކަމަށް ވެދާނެއެވެ.

ދަންނަވަންތޯއެވެ. ރައީސް ނަޝީދު ނޫންނަމަ އެމަނިކުފާނަށް ތާއިދު ކުރާ ކުދިންކޮޅު ތަންތަނުގައި ތަޅުއެޅުވުމާއި ދޮރު ވައްޓާލުމަކީ އައު ކަމެއް ނޫނެވެ. ވެރިކަމުގައި ހުންނަވާ ރައީސް ނަޝީދު ކުރެއްވި އެއް މަސައްކަތަކީ ސްޕްރީމް ކޯޓުގައި ތަޅުއެޅުވުމެވެ. ގާޒީއެއްގެ ގެކޮޅުގެ ދޮރު ވައްޓާލާ ގާޒީއަކު ހައްޔަރު ކުރުވިއެވެ. އެއީ މައްސަލައެއް ނޫނެވެ. ސަބަބަކީ ރައީސް ނަޝީދު ވިދާޅުވާ ގޮތުން އެމަނިކުފާނުގެ ޕާޓީގެ ކުދިންކޮޅު ކަމަކު ބުނެފިއްޔާ ނުލަފާކަން ދައްކާލާނެ ވާހަކަ މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި ކަނާއަތުން ކުރާ ކަންތައް ވާއަތަށް ނޭނގޭނެ ވާހަކަ ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މީގެކުރިން ވިދާޅުވަމުން ގެންދެވީ އަދި ހިތްވަރު ދެއްވަމުން ގެންދެވީ ނާކާމިޔާބީގައި ހިތްވަރުކޮށް ކާމިޔާބީގައި ހިތްތިރި ކުރުމަށެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތް ހިންގަން ޖެހޭނީ އެއްބަޔަކު އަނެއް ބައެއްގެ ހައްގުތަކަށް އަރައި ނުގަނެ އިޙްތިރާމާއިއެކު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު ރައީސް ނަޝީދުގެ އަމަލުފުޅުތައް ހުރި ގޮތަކީ އެ މަގުން ކަމަށް ދެންނެވޭކަށް ނެތެވެ. އޭގެ ހެއްކަކީ އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދުގެ އަމަލުފުޅުތަކާއި ކަންކަން ބައްޓަން ކުރައްވާފައިވާ ގޮތެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނޭ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއިރު ނަޝީދު ވިދާޅުވީ އެމްޑީޕީގެ އުސޫލަކީ ނުވަތަ އަސާސަކީ ޕާޓީގެ އެތެރޭގެ އިންތިހާބަކުން ބަލިވާ މީހާ މޮޅުވާ މީހާގެ ފަހަތަށް އެރުން ކަމަށެވެ.

އެގޮތުގެ މަތިން އެ އަހަރު ރައީސް ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވުމުން އިންތިހާބުވީ ވަރަށް ވެސް މިނިވަން އިންސާފްވެރި އިންތިހާބަކަށެވެ. ނަމަވެސް އޭގެ ފަހުން ވާދަވެރި އިންތިހާބެއްގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވިގެން ދިޔައީ މިއަހަރު ކަމަށްވާއިރު މިއަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމުން އިންތިހާބު މިނިވަން ކަމަކަށް ގަބޫލުފުޅެއް ނުކުރެއްވިއެވެ. އަދި އިންތިހާބިގެ ނަތީޖާ ވެސް ބަލައިގަންނަން ބޭނުންފުޅެއް ނުވިއެވެ. އެހެންމެ ފަހުން ” ދަ ޑިމޮކްރެޓްސް” ގެ ޓެގް އަޅުވައިގެން ގޮސް ބައެއްގެ މުދަލާއި ތަން ހިސޯރުކުރީއެވެ. ތިޔަ ޑިމޮކްރެސީއަށް ހަމަ އައްސަރިބަހާއި ސާބަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: