ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ އެޖެންޑާއަށް

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އަނެއްކާވެސް އެޖެންޑާކޮށްފި އެވެ.

ރާއްޖެ – މޮރިޝަސް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅުމުގައި ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރިކަމަށް ބުނެ ގުޅިފައިވާ ޕާޓީތަކުން މަޖިލީހަށް ހުށަހަޅާފައި ވަނީ ދެ ވަޒީރެއްގެ މައްސަލަ އެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގައި އިސްކޮށް ހަރަކާތްތެރިވީ އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ޖުމްހޫރީ ޕާޓީގެ އިތުރުން، އަލަށް އުފަންވާ ދި ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.

އޭގެއިތުރުން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ވަޑައިގެންނެވި އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ސަރުކާރު މެމްބަރުންގެ ސޮޔާއި އެކު ވަނީ ހުށަހަޅާފަ އެވެ. އެމްޑީޕީން ވަކިވެ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިޔަށް ގެންދާތީ، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށަހެޅީ ގިނަ ސަބަބުތަކެއް ވެސް ބަޔާން ކުރުމަށް ފަހު އެވެ.

މައްސަލަ އެޖެންޑާކޮށް މެމްބަރުންނަށް ނޯޓިސް ފޮނުވާފައިވާއިރު، ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ ހަފްތާގެ ޖަލްސާއަށް އެޖެންޑާ ކުރިނަމަވެސް ކުރިޔަށް ނުގެންދެވުނީ، ރިފްއަތު މަޖިލީހަށް ހާޒިރުނުވެ ލިއުމުން ޖަވާބުދެއްވުމުންނެވެ. އެ ސަބަބާއި ހުރެ ވޯޓަކަށް ދިއުމާއި މެދު އާއި، ބަހުސް ކުރުމާއި ގުޅޭގޮތުން ސުވާލުތަކެއް އުފެދި މަޖިލީހުގެ ރިޔާސަތުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ ގަވައިދާއި ހިލާފުވެ އެ މައްސަލަ ކުރިޔަށް ގެންދަން ބޭނުން ނުވާކަމަށާއި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާއެއް ބޭނުންވާ ކަމަށެވެ.

އޭގެ ފަހުން ރިފްއަތު ހުށަހެޅީ، މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތެއް ދިނުމަށެވެ. މައްސަލަ އެޖެންޑާ ކުރީ އެ ސަބަބާއި ހުރެ އެވެ.

ރިފްއަތުގެ މައްސަލަ މާދަމާ ކުރިޔަށް ގެންދިއުމަށް ފަހު، ބުދަ ދުވަހު އޮންނާނީ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސެވެ. އަދި އީވާގެ މައްސަލަ ތާވަލުކޮށްފައ ވަނީ މި މަހުގެ 11 އަށެވެ.

ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައިވާގޮތުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިއްޖެ ނަމަ އެ މައްސަލަ މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރީން އެ މެމްބަރަކަށް އެކަން އަންގަން ވާނެ އެވެ. އެ ބަހުސްގައި އަނގަ ބަހުންނާއި، އަދި ލިއުމުން އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު ލިބިފައިވާކަމަށް އެ މާއްދާގައި ވެއެވެ.

މި މައްސަލަތަކާއި އެކު، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ވެސް ހުށަހަޅާނެކަމަށް ޗާގޮސް ކޯލިޝަނުން ވަނީ ބުނެފަ އެވެ. އެ މެމްބަރުން މީޑިއާތަކަށް ބުނެފައި ވަނީ، މަޖިލީހުގައި އެ މައްސަލަ ކާމިޔާބުވުމަށް ވުރެ މުހިންމީ ރައްޔިތުންގެ ކުރިމަތީ ޖަވާބުދާރީ ކުރުވުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ނިންމޭނީ، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކާއި އެކު އެވެ. އެއީ މަދުވެގެން 43 ވޯޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: