ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި މައްސަލަ: ބައެއް ހެކިތައް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ހުށަހެޅުން، ބަލައިނުގަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ހުށަހެޅުން ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުން ހުރިކަމަށް ބުނާ، ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައީސް ޔާމީން ރިޝްވަތު ގަބޫލު ކުރައްވައި މަނީ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވަ އެވެ. އަދި އެ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް، ރައީސް ޔާމީންގެ ފަރާތުން ހަތް ހުށަހެޅުމެއް ވަނީ ހުށަހަޅާފަ އެވެ.

އޭގެ ތެރޭގައި މީގެ ކުރިން ވެސް ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފައިވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކީންގެ ގޮތުގައި ބަލައިނުގަތުން ހިމެނެ އެވެ. އަދި ހުށަހެޅުމަކީ ދައުލަތުން ހުށަހެޅި ބޭންކު ސްޓޭޓްމަންޓުތައް ބަލައިނުގަތުން އަދި ރިޔާސީ ކޮމިޝަން ފިޔަވައި އެހެން އިދާރާއަކުން ހޯދާފައިވާ ހެކިތައް ބަލައިނުގަތުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

މި މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި، މައްސަލައާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ނަދީމް ވިދާޅުވެފައި ވަނީ އެ ހުށަހެޅުންތަކަކީ އެއީ ޝަރީއަތުގެ ކުރީގެ މަރުހަލާފައި ވެސް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ. އެ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމި ނަމަވެސް، ގާޒީ ނަދީމް ވިދާޅުވި ގޮތުގައި ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގާއި އެ ނުކުތާތައް ވާހަކަ ދެއްކެވުމުގެ ފުރުސަތު ރައީސް ޔާމީނަށް އޮންނާނެ އެވެ. އަދި މައްސަލައިގައި ގޮތެއް ނިންމުމުގައި، އެކަމަށް ރިއާޔަތް ކުރައްވާނެކަން ފާހަގަކުރި އެވެ.

ފުއްގިރި މައްސަލައިގައި ޔާމީނަށް ކުރާ ދެ ދައުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން ޝަފަވީ އަދި ކިތާބީ ހެކި ހިމެނޭ ގޮތަށް ޖުމްލަ 86 ހެއްކެއް ހުށަހެޅި އެވެ.

އޭގެ ތެރޭގައި ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށަށް އިއުތިރާފުވެ ޖަލު ހުކުމެއްގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. އޭގެއިތުރުން މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމާއި އޭނާއާ ގާތް ގުޅުމެއް އޮންނަ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

މައްސަލައިގައި ކުރާ ދައުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އެންމެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ހިނގާފައި ނެތް ކުށެއް ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމަކަށް ކުރާ ދައުވާތަކެއް ކަމަށާއި، މިއީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ރައީސް ޔާމީނާއި މެދު ހަސަދައެއް ފިލުވާލުމުގެ ނިޔަތުގައި އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: