ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެކިބަސް ނެގުމަށް 13 ގަޑިއިރު؛ ޔާމީންގެ ހުކުމުގެ އިސްތިއުނާފު ވެސް ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ ހެކިބަސް ނެގުމުގެ ބައި ދިގުލައިގެން ދިއުމުގެ ސަބަބުން މިއަދަށް ހައިކޯޓުގައި ތާވަލު ކުރި އެމަނިކުފާނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު ނުފެށި ފަސް ކުރަން ޖެހިއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ކުރިޔަށް ދަނީ އެމްއެމްޕީއާރުސީ ހިޔަނާތާއި ގުޅުން ހުރިކަމަށް ބުނާ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައީސް ޔާމީން ރިޝްވަތު ގަބޫލު ކުރައްވައި މަނީ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތެވެ. އަދި ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިދިޔަ އަހަރު އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވ. އާރަށުގެ ހިޔާނާތުގެ ފައިސާއިން މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައަޅައި އިއްވި ހުކުމެވެ.

އެ ހުކުމް އިސްތިއުނާފު ކުރިތާ ދޮޅު މަހަށް ވުރެ ގިނަ ދުވަސް ފަހުން، މިއަދަށް އަޑުއެހުމެއް ތާވަލުކުރިކަން ކޯޓުން ހާމަކުރީ މިދިޔަ ހަފްތާގަ އެވެ. އިސްތިއުނާފު ބަލައިގަނެ ކޯޓުން އަޑުއެހުންތައް ނުފަށާތީ އިދިކޮޅުން ވެސް ވަނީ ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތުކޮށްފަ އެވެ.

މިއަދަށް ހައިކޯޓުގައި ތާވަލު ކުރި އިސްތިއުނާފު އަޑުއެހުން ކުރިޔަށް ގެންދެވޭ ގޮތެއް ނުވީ އިއްޔެ ހެނދުނު 09:00 ގައި ފެށި ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ރޭގަނޑުގެ 10:00 އާއި ހަމައަށް ދިގުލައިގެން ދިއުމުގެ ސަބަބުންނެވެ. 13 ގަޑިއިރަށް ޝަރީއަތުގެ އަޑުއެހުން ދިގުދެމިގެން ދިޔައީ، ހެކި ބަސް ނެގުމަށް ނެގުމަށް ތާވަލު ކުރި އަޑުއެހުމެވެ. އެއަށް ފަހު ރޭ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މިއަދަށް ވެސް ހެކި ބަސް ނެގުމުގެ އަޑުއެހުން ތާވަލު ކުރައްވާފަ އެވެ.

އެތައް ގަޑިއިރަކަށް ޝަރީއަތް ދިގުލައިގެން ދިއުމަށް ފަހު، އޭގެ އަނެއް ދުވަހަށް އަނެއްކާވެސް އަޑުއެހުމެއް ތާވަލު ކުރުމުން މައްސަލައިގެ ދިފާއީ ވަކީލުން ކަންބޮޑުވުންފާޅު ކުރި އެވެ. އެކަމާއި ގުޅޭގޮތުން ރައީސް ޔާމީން ވެސް ވިދާޅުވީ އެހާ ގިނަ ވަގުތު އެއްތަނެއްގައި އިށީނދެ ހުރުމަށް އެމަނިކުފާނުގެ ސިއްހީ ހާލަތު ތަން ނުދޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިއީ ވަކި ދުވަހަކަށް ކޮންމެހެން ނިންމަން ޖެހޭ މައްސަލައެއް ނޫންކަމަށާއި، މިވަގުތު ހައިކޯޓުގެ އިސްތިއުނާފާއި މެދު ގޮތެއް ނިމުން މާ މުހިންމު ކަމަށެވެ.

މީގެއިތުރުން އިއްޔެގެ އަޑުއެހުން އެހާ ދިގުލައިގެން ދިއުމުގެ ސަބަބުން މިއަދު ހައިކޯޓުން އަޑުއެހުން ކެންސަލް ކުރިއިރު ރައީސް ޔާމީން ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތީ އެ މައްސަލައަށް ރިއާޔަތްކޮށްދިނުމަށެވެ.

ރައީސް ޔާމީންގެ ވަކީލުން އިއުތިރާޒު ނުކުރާ ނަންގަވައި ވިދާޅުވީ، ފުއްގިރި މައްސަލައަކީ ރެއާއި ދުވާލު ހުއްޓުމެއް ނެތި ނުވަތަ ނުނިދައި ހޭލާތިބެގެން ކުރިޔަށް ގެންދަން ޖެހޭވަރުގެ މައްސަލައެއް ނޫން ކަމަށެވެ. ހާއްސަކޮށް ކޯޓުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހުމަކީ، އެއީ ޖެހިގެން އަންނަ ދުވަހު ވެސް ހަމަ އެފަދަ ޝެޑިއުލްއަކަށް ފެތެން ފަސޭހަ ކަމަކަށް ނުވާނެކަމަށް ވަކީލުން ފާހަގަ ކުރި އެވެ.

މި މައްސަލައިގައި ދައުލަތުގެ ވަކި ސްޓޭންޑެއް ނެތެވެ. ދައުލަތުން ބުނެފައި ވަނީ މައްސަލަތައް ތާވަލު ކުރުމުން ދައުލަތުން އެކަމަށް ހާޒިރުވާނެ ކަމަށެވެ. އެކެމަކު ދިފާއީ ވަކީލުން ފާހަގަކުރެއްވި ނުކުތާތައް ރަނގަޅުކަމަށާއި، އެކަމަށް ރިއާޔަތް ކުރުމަށް އެދޭކަމަށް ދައުލަތުން ބުންޏެވެ.

އިއްޔެގެ ޝަރީއަތް ދިގުލައިގެން ދިޔައީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދުގެ ޒިޔަތުގެ ހެކިބަސް ނެގުން ކުރިޔަށް ގެންދިއުމުންނެވެ. އެކަމަށް އިޝާރާތްކޮށް މައްސަލަ ބައްލަވާ ގާޒީ ނަދީމް ވިދާޅުވީ ޝަރީއަތް ދިގުލައިގެން ދިޔަކަން ގަބޫލު ކުރައްވާކަމަށާއި އެކަމަކު އެއް ވާގިއާއެއްގައި ހިމެނޭ ހެކިވެރިންގެ ހެކި ބަސް އެއް ދުވަހެއްގައި ނެގުން މުހިންމުކަމަށެވެ. އެކަމަކު ދެން އޮންނަ އަޑުއެހުންތައް އެހާ ދިގުލައިގެން ނުދާނެކަމަށް ގާޒީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: