ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ހުށަހެޅުއްވީ އީދު ބަންދުގެ ކުރިން އިސްތިއުނާފު އަޑުއެހުންތައް ނިންމައިދޭން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އަޟްހާ އީދުގެ ބަންދު ދުވަސްތައްކަމަށްވުމާއި އެކު، 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ވީހާވެސް އަވަހަށް ނިންމައިދޭން ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިދިޔަ އަހަރު އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވ. އާރަށުގެ ހިޔާނާތުގެ ފައިސާއިން މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައަޅައި އިއްވި ހުކުމެވެ.

އެ ހުކުމް އިސްތިއުނާފު ކުރިތާ ދޮޅު މަހަށް ވުރެ ގިނަ ދުވަސް ފަހުން، އަޑުއެހުމެއް ތާވަލު ކުރީ މި މަހުގެ 15 ގަ އެވެ.

މިއަދު ކުރިޔަށް ގެންދިޔައީ، އިސްތިއުނާފު މައްސަލައިގެ ދެވަނަ އަޑުއެހުމެވެ. އާއްމުކޮށް ހައިކޯޓުގެ އިސްތިއުނާފު މައްސަލައް ތިނެއް ނުވަތަ ހަތަރު އަޑުއެހުމަށް ފަހު ހުކުމާއި ހަމައަށް ދެވޭނެ އެވެ. އެހެންވެ، ބަންދު ދުވަސްތައް ކުރިޔަށް އޮތުމުން ރައީސް ޔާމީން ހުށަހެޅުއްވީ މާދަމާ ވެސް މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، އަދި އެމަނިކުފާނު ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދުގެ ޝަރީއަތުގައި ވިދާޅުވީ ކުރިޔަށް އޮތީ އީދުގެ ދިގު ބަންދެއް ކަމަށެވެ. އެހެންވެ މާދަމާ މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމުން ބަންދުގެ ކުރިޔަށް އަޑުއެހުންތައް ނިންމާލެވޭނެކަށް ޖަމީލް ވިދާޅުވި އެވެ.

ހައިކޯޓުގެ މާދަމާގެ ޝެޑިއުލްގައި މިހާތަނަށް ހިމަނާފައި ވަނީ ދެ މައްސަލައެކެވެ. އަދި މިވަގުތާއި ހަމައަށް ރައީސް ޔާމީންގެ ޝަރީއަތުގެ އިސްތިއުނާފު އަޑުއެހުމެއް ތާވަލުކޮށްފައި ނުވާއިރު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒެއިފާ މުހައްމަދު ވިދާޅުވީ ކޯޓުގެ ތާވަލުތައް އޮންނަނީ ކުރިޔާލައި ރޭވިފައި ކަމަށެވެ. ފަނޑިޔާރު އެ ނުކުތާ ފާހަގަކުރެއްވި ނަމަވެސް މާދަމާ ޝަރީއަތް ތާވާލު ކުރެވިދާނެކަން ނުވަތަ ނޫންކަން ހާމައެއް ނުކުރައްވަ އެވެ.

އިރުއޮސުމާއި ހަމައަށް މައްސަލަ ތާވަލުކޮށްފައި ނުވީ ނަމަވެސް، ފަހުގެ ގަޑިއެއްގައި މައްސަލަ ތާވަލު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ރައީސް ޔާމީން ހުށަހަޅުއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު ހުޒެއިފާގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ތަފާތު އެކި ފަހަރު މަތީން އެމަނިކުފާނުގެ ގާނޫނީ ޓީމުން މީޑިއާތަކާއި ބައްދަލު ކުރި އެވެ. އެގޮތުން، ޖަމީލު ވިދާޅުވީ ހުކުމް ރިޕޯޓު އާދަޔާ ހިލާފު ބައެއް ކަންކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ޖަމީލް ވިދާޅުވީ، ހުލާސާ ބަޔާނާއި ހުކުމުގެ ރިޕޯޓާއި ދިމާ ނުވާކަމަށާއި ރިޕޯޓުގައި އޮތީ ދައުލަތުގެ ބަޔާނުގެ ކޮޕީއެއް ކަމަށެވެ. އިންސާފުވެރިކަމާއި އެކު މައްސަލަ ކުރިޔަށް ގެންގޮސްފި ނަމަ ރައީސް ޔާމީން ހައިކޯޓުން މިނިވަންވުމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޖަމީލް ވިދާޅުވި އެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: