ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ލިބޭ މީހުންގެ ތެރޭގައި އަނެއްކާވެސް އިންޑިއާ މީހެއްގެ ނަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު އަސްލަމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން މާލޭގެ ރަށްވެހިންނަށް ދޫކުރާ ގޯތީގެ ލިސްޓުގައި ޝަރުތުހަމަވާ މީހުންގެ ތެރޭގައި އަނެއްކާވެސް އިންޑިއާ މީހެއްގެ ނަން ހިމެނޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ދޫކުރާ ގޯތިތަކަށް ކުރިމަތިލައި ޝަރުތު ހަމަވާ އެންމެނަށް ބިން ދޫކުރުމަށް ވަނީ ނިންމާފަ އެވެ. ފަނަރަ ހާހަށް ވުރެ ގިނަ މީހުން ގޯއްޗަށް އެދި ކުރިމަތިލީއިރު، މި ސްކީމްގެ ދަށުން ހުޅުވާލީ ފަސް ހާސް ގޯއްޗެވެ. އެކަމަކު ޝަރުތު ހަމަވާ ދިހަ ހާހަށް ވުރެ ގިނަ މީހުންނަށް ގޯތި ލިބޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ގޯއްޗަށް ޝަރުތު ހަމަވާކަމަށް ކަނޑައެޅި ގޮތަކީ ކޮބައިކަން އަދި މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތާއި އެ މީހުންގެ އާމްދަނީ އަދި އާއިލީ ވިޔަފާރިތަކަށް ބަލާފައި ނުވެ އެވެ. ގޯއްޗަށް އެދި ހުށަހެޅި އެ މީހުން ޖެހުނީ މައިންބަފައިންގެ ތަރިކަ މުދަލުން ލިބެން އޮތް ބައި ދޫކޮށްލަންށެވެ.

ލިސްޓުގައި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި މީހުންނާއި، ސިޔާސީ ގޮތުން ނުފޫޒު ގަދަ ބައެއް މީހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ނުފޫޒު ގަދަ ބައެއް އާއިލާތަކުގެ މެމްބަރުންނަށް ގޯތި ލިބިފައި ވެއެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތަކަށް ގޯތި ލިބޭ މައްސަލަ އާއްމުވި އެވެ.

ރަށްވެހިކަން ބަދަލު ކުރިތާ ފަސް އަހަރު ވެސް ނުވޭ އެ އިންޑިއާ މީހާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ދޮން ބައްޕަ އެވެ.

އެ މައްސަލަ ފެންމަތިވެ ސަރުކާރުން ފަހުން މީޑިއާތަކަށް ބުނީ އިންޑިއާ މީހެއްގެ ނަން ލިސްޓުގައި ހިމެނުނީ އޮޅުމަކުން ކަމަށެވެ. އަދި ދާއިމީ ލިސްޓުގައި އެކަން އިސްލާހު ކުރާނެކަމަށް ބުންޏެވެ.

މިއީ ރަނގަޅަށް ވެރިފައި ނުކުރުންކަމަށް ނުވަތަ ނުފޫޒެއްކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ. އަދި އިތުރު ބައެއް މީހުންނަށް މި އުސޫލުން ގޯތި ލިބިފައި ނުވަތަ ޝަރުތު ހަމަވެފައި ހުރެދާނެކަމަށް ފާހަގަކޮށްފައި ވަނިކޮށް އަނެއްކާވެސް އިންޑިއާ މީހެއްގެ ނަން ލިސްޓުގައި އޮތް މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

މިފަހަރު ލިސްޓުގައި ނަން އޮތް މީހާއަކީ 69 ޕޮއިންޓާއި އެކު ގޯތި ލިބޭ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެންގިފައިވާ ގޮތުގައި އެ މީހާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ އިންޑިއާ މީހެކެވެ. އަދި ރާއްޖޭގައި ދިރިއުޅޭތާ 20 ވަރަކަށް އަހަރުވެފައިވާއިރު އޭނާގެ އަތުގައި ރާއްޖެ – އިންޑިއާ ޑުއަލް ސިޓިޒަންޝިޕް ވަނީ ލިބިފަ އެވެ.

މީގެއިތުރުން އެ މައްސަލަ ފެންމަތި ކުރި ބައެއް މީހުން އާއްމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ މީހާއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ވެސް ކުރާ މީހެކެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއް ހިމެނޭކަމަށް މައުލޫމާތު ލިބެ އެވެ.

ރާއްޖޭގައި ދިރިއުޅޭތާ ގިނަ އަހަރުތައް ވެފައިވާ އެ މީހާގެ ޑޮލަރު އެކްސްޗޭންޖު ވިޔަފާރިތަކާއި، ބައެއް ފިހާރަތައް މާލޭގައި ހުންނަކަމަށް ވެސް ވަނީ އެނގިފަ އެވެ. އަދި އޭނާ ސްޕާތަކުގެ ވިޔަފާރި ވެސް ކުރާކަމަށް އެ މައުލޫމާތު އާއްމު ކުރި މީހުން ވަނީ ބުނެފަ އެވެ.

ސޯޝަލްމީޑިއާގައި ހާމަވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އައިޑީކާޑު ނަމްބަރު A4 އިން ފެށޭ 10 މީހެއްގެ ނަން ލިސްޓުގައި އެބައޮތެވެ. އޭގެ ތެރެއިން ބައެއް މީހުން ދަފްތަރުގައި ޖައްސާފައިވާއިރު ބައެއް މީހުން މާލޭގެ އެކި އަވަށްތަކަށް ވަނީ ރެޖިސްޓްރީކޮށްފަ އެވެ.

އިތުރު ނަންތައް ވެސް ބެލުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާތީ، އަދިވެސް އިތުރު ބައެއްގެ ނަންތައް ލިސްޓުގައި އޮތުމުގެ ފުރުސަތު ބޮޑެވެ.

ސަރުކާރުން މިހާތަނަށް ފަހުން ފެންމަތިވި މައްސަލައަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. އެކަމަކު ކުރީގެ މައްސަލައަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގޯތި ލިބުމަށް ޝަރުތުހަމަވާ އިންޑިއާ މީހާއަކީ އެހެން ގައުމެއްގައި ރެޖިސްޓްރީވެފައިވާ މީހަކަށް ވާތީ އެކަން ސިސްޓަމުން ދެނެގަނެވިފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: