ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ދޫކޮށްފައި ވަނީ ވަރަށް އިންސާފުން، މައްސަލަތައް މަދު: މަހުލޫފް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ގޯތި ދީފައިވަނީ އެންމެ އިންސާފުވެރިކަމާއި އެކުކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ހުޅުވާލި ސްކީމަށް ކުރިމަތިލުމުން ޝަރުތު ހަމަވި އެންމެނަށް ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ގެޒެޓުގައި މިވަގުތު ޝާއިއުކޮށްފައިވާ ލިސްޓުގައި ހުރި ބައެއް ނަންތަކާއި އާއިލާތަކާއި ގުޅުވައި އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވަނީ އެއީ އެންމެ ބޯހިޔާވަހިކަމަށް ޖެހިފައިވާ ހާލަތުގައި ޖެހިފައިވާ މީހުންތޯ ސުވާލު އުފައްދަ އެވެ.

އެއީ ސަރުކާރާއި ގުޅުން ހުރި ބައެއް މީހުންނާއި، އެ މީހުންގެ އާއިލާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ އެކްޓިވިސްޓުންގެ އިތުރުން ވިޔަފާރި އާއިލާތަކަށް ވެސް ބިން ލިބިފައިވާތީ އެވެ.

މައްސަލައިގައި އަމާޒުވާ ފާޑުކިއުންތަކުގެ ރައްދުގައި މަހުލޫފް ވިދާޅުވީ، 10،000 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް އާއްމު ކުރި ގޯތި ލިސްޓުން މިހާތަނަށް ފާހަގަކުރެވިފައި ވަނީ މަދު ޝަކުވާތަކެއް ކަމަށެވެ. މި ތިން ދުވަހުގެ ތެރޭގައި ފެންމަތިވީ މަހުލޫފް ވިދާޅުވި ގޮތުގައި ވިއްސަކަށް މައްސަލަ އެވެ.

މަހުލޫފް ވިދާޅުވީ ލިސްޓުން ޝައްކު ކުރެވޭކަމެއް ނުވަތަ މައްސަލައެއް ވާނަމަ އެކަން ހުށަހެޅުމުން އިސްލާހު ކުރާނެކަމަށެވެ. މިއީ ވަކި އާއިލާއެއް، އަދި ވަކި ޕާޓީއެއް ވެސް އިސްތިސްނާކުރުމެއް ނުވަތަ ތަފާތު ކުރުމެއް ނެތި ދޫކުރި ގޯތިތަކެއްކަން ލިސްޓުން ސާފުވާކަމަށް މަހުލޫފް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމު ކުރިފަހުން ތަފާތު އެކި މައްސަލަތައް މި ދެ ދުވަހު ވަނީ އާއްމުވީއިރު އޭގެ ތެރޭގައި ރާއްޖެއަށް ރަށްވެހިކަން ބަދަލުކޮށްފައިވާ އިންޑިއާ ތިން މީހެއްގެ ނަން ހިމެނޭ މައްސަލަ ފާހަގަކުރެވެ އެވެ. މި ތިން މީހުންނަކީ ވެސް ދިވެހިންނާއި ކައިވެނިކޮށްގެން ތިބި މީހުންނެވެ. އެކަމަކު އެ މީހުންނަށް ދިވެހި ރަށްވެހިކަން ލިބުނުތާ މާގިނަ އަހަރުތަކެއް ނުވާކަން އާއްމުވި ތަފްސީލުތަކުން ހާމަވެ އެވެ.

ސަރުކާރުން އެ މައްސަލައިގައި ބުނީ މިވަގުތު އާއްމުކޮށްފައި ވަނީ ވަގުތީ ލިސްޓެއްކަމަށާއި، ދާއިމީ ލިސްޓުން އެކަންކަން ހައްލު ކުރެވޭނެ ކަމަށެވެ. އަދި ބިދޭސީންގެ ނަން ހިމެނިފައި ވަނީ އޮޅުމަކުންކަމަށާއި، ޑީއެންއާރު މެދުވެރިކޮށް މައުލޫމާތުތައް ނެގިއިރު އެ މީހުންނަކީ ދިވެހިން ނޫންކަން އެނގިފައި ނުވާކަމަށް ބުންޏެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: