ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމިންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް

ރައީސް ޔާމީން ތަހުގީގަށް ހާޒިރުކުރުމަށްފަހު މާފުއްޓަށް ގެންދަނީ:_ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް ޝަމީމް ވިދާޅުވީ، އެމަނިކުފާނުގެ ފަރާތުން ރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތައް ސިޔާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެހެންވެ އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި، ރައީސް ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް މިރޭ މައްސަލައެއް ހުށަހެޅީކަމަށް އޭނާ ވިދާޅުވި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް، އިލެކްޝަންސް ކޮމިޝަނުން އާދީއްތަ ދުވަހު ހުޅުވާލާއިރު އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެކަމާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ. ޖަލު ހުކުމެއްގައި ހުންނެވުމާއި އެކު، ދަށު ކޯޓުގައި އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މަންފާ ނެންނެގިކަމުގެ ތުހުމަތަށް ޝަރީއަތް ދަނީ ކުރިޔަށެވެ. އިދިކޮޅުން ގަބޫލު ކުރާގޮތުގައި ރައީސް ޔާމީންގެ ކެނޑިޑެސީ ހައްގަށް އަރައިގަނެފައި ވަނީ ސަރުކާރުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅު ވަނީ އެމަނިކުފާނު އެކަނި ވާދަ ކުރާ އިންތިހާބެއް ބޭއްވުމަށެވެ.

ރައީސް ޔާމީނަށް އަނިޔާ ކުރަމުންދާކަމަށާއި، ޝަރުއީ ދާއިރާއަށް ފޯރުވަމުންދާ ނުފޫޒުތައް ހުއްޓާލުމަށް ގޮވާލައި އިދިކޮޅުން މިއަދު ވެސް ހައިކޯޓުގެ ރެޖިސްޓްރާއާއި ބައްދަލު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން ޕާޓީގެ ލީޑާޝިޕް ވަނީ އެކަމާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އިދިކޮޅުން ސިލްސިލާކޮށް ޕާޓީ އޮފީހުގައި ކުރިޔަށް ގެންދާ ޖަލްސާތަކުގައި ޕާޓީގެ އިސް ބޭފުޅުން ކޮންމެ ރެއަކު ވެސް ބައިވެރިވެ ސަރުކާރާއި މެދު ހުރި ހިތްހަމަނުޖެހުންތައް ހާމަކުރައްވަ އެވެ. އަދި ރައީސް ޔާމީން މިނިވަންކޮށް، 2023 ގެ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ވަނީ ގޮވާލާފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން، މަނީ ލޯންޑްރިން އާއި ރިޝްވަތު ނެންގެވިކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީނު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު ކްރިމިނަލް ކޯޓުގައި ހިޔާނާތުގެ މައްސަލައިގެ އިތުރު އަޑުއެހުންތައް ދަނީ ކުރިޔަށެވެ. މި ޝަރީއަތްތަކާއި ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުންތަކާއި ފުށުއަރާތީ އެކަން ރައީސް ޔާމީންގެ ފަރާތުން ވަނީ ގާޒީއަށް ވެސް ހުށަހެޅުއްވާފަ އެވެ. އެކަމަކު ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމާއި އެކު، އިސްތިއުނާފު މައްސަލަ ވަނީ މަޑުޖެހި ދެން އަޑުއެހުމެއް ތާވަލު ކުރެވޭނެ ދުވަހަކާއި މެދު ސުވާލު އުފެދިފަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް އިދިކޮޅުން ބުނީ، އެންމެ ފުރަތަމަ އެމަނިކުފާނު ބަންދުގައި ބެހެއްޓީ ރައްޔިތުންގެ މަޖިލީގެ އިންތިހާބުގެ ދުވަސްވަރަށް ކަމަށެވެ. އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރުމަށް ފަހު، އެމަނިކުފާނުގެ ފަރާތުން ތަހުގީގަށް ނުފޫޒެއް އައިސްދާނެކަމަށް ބުނެ ބަންދުގައި ބަހައްޓައިގެން ދިނީ އަނިޔާކަމަށް ވެސް އިދިކޮޅުން ބުންޏެވެ. އިދިކޮޅު ލީޑާޝިޕް މައްސަލައިގައި ބުނެފައި ވަނީ އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ސަރުކާރުން ނުހައްގުން ރައީސް ޔާމީނަށް އަނިޔާތައް ދީ ސިޔާސީ ގޮތުން ޖެއްސުންތައް ކުރުމަށް އެތައް މަސައްކަތައް ކުރިކަމަށެވެ. ވޮޑަމުލާގެ މައްސަލަ ސާބިތުވާކަމަށް ނިންމައި އިއްވި ޖަލު ހުކުމަކީ ވެސް، އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް އެޅި ހުރަހެއްކަމަށް ވެސް ސިފަ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: